ނަމާދަކީ ފާފަތައް ފުއްސެވުމަށް މެދުވެރިއެކެވެ.
ހެޔޮ ޢަމަލުތައް ކުރުމަށް ބާރުއެޅުމުގެ އިތުރުން ނަމާދަކީ ކުދި ފާފަތަށް ފޮހެލަދޭ ވަޞީލަތެކެވެ.
وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ [١١:١١٤]
މާނައީ: "އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظ އާއި نصيحة އެކެވެ".
ނަމާދަކީ އެންމެހައި ހެޔޮ ޢަމަލު ތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަށް ވީހިނދު، އެ އަޅުކަމުގެ ސަބަބުން ވަރަށް ގިނަ ފާފަތައް ފުއްސަވައެވެ. އަބޫބަކުރު رضي ﷲ عنه ގެ ކިބައިން ޢަލީ رضي ﷲ عنه ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ.
"ފާފައަކަށް އަރައިގަނެވިއްޖެ ހިނދެއްގައި ފުރިހަމަ ވުޟޫއެއްކޮށް ދެރަކުޢަތް ނަމާދެއް އަދާކޮށް، ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާވެ ރުޖޫޢަވެއްޖެނަމަ، މާތް ﷲ އެމީހެއްގެ ފާފަ ފުއްސަވައެވެ." (އިމާމު އަޙުމަދު ރިވާޔަތެއް)
އެހެންކަމުން، މީގެ މަފްހޫމަކީ، ނަމާދުކުރާހާ ހިނދެއްގައި ފާފަކުރަމުން ގެންދާށެކޭ ނޫނެވެ. ﷲގެ ރަސޫލާ صلﷲعليه وسلم މިކަމުން އަހުރެމެންނަށް އުނގަންނަވައިދެއްވި ފިލާވަޅަކީ ތައުބާވުމަކީ ފާފަފުއްސެވުމުގެ ދޮރު ހުޅުވައިދޭ ކަމެއްކަމެވެ. ނަމާދަކީ ތައުބާވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި ނަމާދު އަދާކުރަންޖެހޭނީ ތެދުވެރިކަމާއެކު ތިމާގެ ހުންނަ އުނި ސިފަތައް ނައްތާލައި ނަފްސު ޠާހިރު ކުރުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. ތައުބާވުމަށްފަހު އަޅާގެ އީމާންކަން އާރޯވެ ތާޒާވުން ލާޒިމެވެ. އަދި އެންމެހައި ޝައިޠާނީ ވަސްވާސްތަކަށް ތަބާވުމުން އެއްކިބާވާން ޖެހޭނެއެވެ.
سورة فرقان ގައި ތައުބާވުން ސިފަކޮށްދެއްވާފައިވަނީ ބޮޑެތި ފާފަތަކަށް އަރައިގަނެވޭ މީހުންނަށް ހުރި އަމާންކަމެއްގެ ގޮތުގައެވެ.
وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا [٢٥:٦٨]
މާނައީ:" އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ދުޢާކޮށް ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ."
يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا [٢٥:٦٩]
މާނައީ: "އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ".
إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا [٢٥:٧٠]
މާނައީ: "ތައުބާވެ، إيمانވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ފަރާތެއްކަމުގައި اللَّه ވޮޑިގެންވެއެވެ".
وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا [٢٥:٧١]
މާނައީ: "އަދި توبة ވެ صالح عمل ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން اللَّه އަށް توبة ވާ މީހެކެވެ".
ނަމާދު؛ ޤިޔާމަތްދުވަހުގެ އެންމެ ފުރަތަމަ ސުވާލު
އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ހަމައެކަނި އެންމެ މަޤަޞަދަކަށްޓަކައެވެ. އެހެންކަމުން މާތް ﷲ – الذاريات 56 ވަނަ އާޔަތުގައި- ވަޙީކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ [٥١:٥٦]
މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”
އިންސަނާ ދުނިޔޭގައި ދިރިއުޅެންޖެހޭނީ އޭނާ އުފެއްދެވި ފަރާތަށް އަޅުކަން ކުރުމުގައި ދެމިހުންނަ އަޅެއްގެ ގޮތުގައެވެ. އެގޮތުން، އެންމެ ފުރިހަމަ އަޅުކަމަކީ ނަމާދެވެ. އިންސާނާ ދުނިޔޭގައި ކޮށްފައިވާ ކޮންމެ ޢަމަލަކަށް ޖަވަބުދާރީވާން އޭނާއަށް އާޚިރަތް ދުވަހު މަޖުބޫރުވާނެއެވެ. ދުނިޔަވީ ޙަޔާތުގައި އޭނާއަށް ދެއްވި ކޮންމެ ނިޢުމަތަކާއިމެދު އޭނާއަށް ސުވާލުކުރެވޭނެއެވެ. މިކަމަށް ޢިޝާރާތްކުރައްވާ މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ [١٠٢:٨]
މާނައީ: “ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ”.
އެހެންކަމުން، ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ކުރެވޭނެ ސުވާލަކީ ނަމާދާއި ބެހޭގޮތުންނެވެ. މާތް ﷲގެ ޙަޟްރަތުގައި އަޅާއަށް ދެ މައުޤިފެއްގައި ކޮޅަށް ހުންނަން ޖެހެއެވެ. އެއީ ދުނިޔޭގައި ހުންނަ ހުރުމަކާއި އާޚިރަތުގައި ކޮޅަށް ހުންނަ ހުރުމެކެވެ.
އެހެންކަމުން، ދުނިޔޭގައި ކޮޅަށް ހުންނަ ހުރުމަކީ ހެއްދެވި އިލާހުގެ ޙަޟަރަތަށް ޤަވާޢިދުން ނަމާދުތައް އަދާކުރުމަށްޓަކައި މުޞައްލަމަތީ ހުންނަ ހުރުމެވެ. އަނެއް ހުރުމަކީ ޤިޔާމަތްދުވަހު އޭނާގެ ޢަމަލުތައް ހެކިދޭހިނދު އޭނާ ހުންނަ ހުރުމެވެ. އޭނާގެ ފުރަތަމަ ހުރުން ފުރިހަމަވެއްޖެނަމަ އޭނާގެ ދެވަނައަށް ހުންނަންޖެހޭ ހުރުން އޭނާއަށް ލުއިފަސޭހަ ކުރެވޭނެއެވެ. ނަމަވެސް ފުރަތަމަ ހުރުމަށް އުނިކަމެއް އަތުވެއްޖެނަމަ އާޚިރަތުގައި އޭނާގެ ވެރި ﷲގެ ޙަޟްރަތުގައި ހުރުމަށް ނުހަނު ދަތި އުނދަގޫވާނެއެވެ.
ހަމަކަށަވަރުން، ޤަސްދުގައި އެންމެ ނަމާދެއް ވެސް އެޅުމަކީ ވަރަށް ބޮޑުފާފައެކެވެ. އެހެންކަމުން، އެކަން ފޫބެއްދުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެއެވެ. ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައިވެސް ނަމާދު ދޫކޮށްލުމަކީ މުސްލިމަކަށް ހުއްދަ ވެގެންވާ ކަމެއްނޫނެވެ. އެހެންކަމުން ޢާއްމު ޙަލަތެއްގައި ދިރިއުޅެމުންދާ މީހަކަށް ނަމާދު ދޫކޮށްލުމަށް އުޒުރުވެރިވެވޭނެތޯއެވެ؟ ހަނގުރާމަ ހިނގަމުންދާ ވަގުތުގައި ލަޝްކަރުގެ އެއްބައި އިމާމުގެ ފަހަތުގައި ފުރަތަމަ ރަކުޢަތް ކުރަމުންދާ ހިނދު، ދެންތިބޭ ހަނގުރާމަވެރިން ހަނގުރާމަ އާއިގެން ކުރިއަށްދެއެވެ. ފުރަތަމަ ރަކުޢަތުން އިމާމްއަވަދިވެ ދެވަނަ ރަކުޢަތަށް ފަށައިގަންނަހިނދު ފުރަތަމަ ރަކުޢަތް އަދާކުރި ހަނގުރާމަވެރިން ދުޝްމަނުންނާއި ކުރިމަތިލައެވެ. އަދި ނަމާދު ނުކޮށްތިބި މީހުން އިމާމްގެ ފަހަތުގައި އެމީހުންގެ ފުރަތަމަ ރަކުޢަތް ފުރިހަމަ ކުރެއެވެ. އެންމެން ނަމާދުކޮށް ނިމެންދެން މިގޮތަށް ކަންތައް ކުރިއަށް ގެންދެއެވެ. މި ޚާއްޞަ ނަމާދަށް ދެވިފައިވާ ނަމަކީ “ޞަލާތުލް ޚައުފް” (ބިރުވެރިކަން ވެރިވެފައިވާ ހިނދުކުރާ 2 ރަކުޢަތް ނަމާދު) އެވެ. މިނަމާދަށް މިފަދައިން ނަންދެވުނީ އާދަޔާޚިލާފު ޙާލަތްތަކެއްގައި މި ނަމާދު ކުރަންޖެހޭތީއެވެ. ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ނަމާދު ކުރަންޖެހޭތީއެވެ.
ދެން ނަމާދު ކުރެވޭ އަނެއްގޮތަކީ ޤަޞްރުކުރުމެވެ. އެހެންކަމުން، ނަމާދު ޤަޞްރު ކުރުން ހުއްދަކުރެވިފައިވަނީ ދަތުރު މަތީގައާއި ހަނގުރާމައިގައެވެ. ނަމާދު ޤަޞްރު ކުރުމުގައި ހަތަރު ރަކުޢަތުގެ ނަމާދުތައް (އެއީ މެންދުރު ނަމާދު، އަޞްރު ނަމާދު އަދި ޢިޝާ ނަމާދު)، ދެ ރަކުޢަތަށް ކުރު ކުރެވެއެވެ. ނަމަވެސް އެއްވެސް ޙާލަތެއްގައި ނަމާދު ދޫކޮށްލުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ޙައިޟުގެ ދުވަސްތަކުގައި ޙައިޟުވެރިޔާއަށް ނަމާދު ދޫކޮށްލުން ހުއްދަވެގެންވެއެވެ. ނަމަވެސ، އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން އެހން ހުރިހާ ވަގުތެއްގައި ނަމާދުކުރަން ޖެހޭނެއެވެ. ބަލިމީހާވެސް އޭނާގެ ޙާލަތު ކިތަންމެ ބޮޑުވެގެން ދިޔަ ނަމަވެސް، ހޭހުރިހާ ހިނދަކު އޭނާގެ މައްޗަށް ނަމާދު ވާޖިބުވެގެން ވެއެވެ. ކޮޅަށް ހުރެގެން ނުކުރެވޭނަމަ އިށީންދެގެންނެވެ. އިށީންދެ އިނދެ ނުކުރެވޭނަމަ އޮށޯވެގެން އޮވެއެވެ. އެވަރުންވެސް ޙަރަކާތް ނުކުރެވޭ ނަމަ ލޮލުންނާއި ބޮލުން ޙަރަކާތްކުރާނީއެވެ. މިއިންވެސް ދީނުގައި ނަމާދަށް ދެވިފައިވާ އަހައްމިއްޔަތާއި ޤަދަރު އަންގައިދެއެވެ.
(ނުނިމޭ)
ތަރުޖަމާ: އަލްއުޚުތު އުއްމު ފާޠިމާ
އަޞްލު ލިޔުއްވީ: ޑރ. ޝުހައިބް ޙަސަން
ކޮމެންޓް (0)
ލޯޑް ކުރަމުން...