ރިޕޯޓް

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 1

ދިވެހިރާއްޖޭގެ މީޑިއާގައި އެންމެ އަޑު ހަރުކޮށް މިއަދު ދެކެވެމުންދާ އެއްވާހަކައަކީ ރަލުގެވާހަކައެވެ. ދިވެހިރާއްޖޭގައި ރާވިއްކުމުގެ ޤަވާޢިދު އިސްލާޙުކޮށް، ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ރަލާއި އޫރުމަސް މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން ސަރުކާރުން ހުއްދަކުރަން މަސައްކަތްކުރި ވާހަކައެވެ. މިކަމާއިގުޅިގެން ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު މިކަމާއިދެކޮޅަށް އަޑުއުފުލައި ދެކޮޅުވެރިކަމުގެ ޝުޢޫރުތައްވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް ދިވެހިންގެ ތެރެއިން މަދުބައެއްގެ ވިންދުހުރީ ރާވިއްކުމާއި އެއްކޮޅަށެވެ. އިސްލާމްދީނުގައި އެކަން ޙަރާމް ކުރެވިފައި ވާއިރުގައިވެސް، އަދި ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގެ ކްރިމިނަލް ރެކޯޑްތައް ރަލުގެ ނުރައްކާތެރިކަމުގެ ސިގްނަލްތައް ދެމުންދާއިރުގައިވެސް އެފަދަ މީހުންނަކަށް ފަރުވާލެއްނެތެވެ. ޤައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބައެއްކަމަށް ހެދިގެންތިބެ ކަމުގެ ޙަޤީޤަތް އޮޅުވާލައި، މިވަބާ އާންމު ކުރުމަށްޓަކައި އެތަކެއް ވާހަކަތަކެއްދައްކައި ދިވެހިންގެ ވިސްނުމާއި ކުޅެލަން މަސައްކަތް ކުރަމުން އެބަދެއެވެ. އެހެންކަމުން އެބައިމީހުންގެ އޮއްޓަރެއްނެތް މިވާހަތަކާމެދު ފުންކޮށް ވިސްނައި ޙަޤީޤަތަށް ވާސިލުވުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ދިވެހިރާއްޖޭގައި މިހާރަށްވުރެ ފުޅާކޮށް ރާވިއްކުމަށް މަގުފަހިވާގޮތަށް ހެދިފައިވާ ޤަވާއިދަށް ތާއީދުކޮށް މިބައިމީހުން ބުނާ އެއްވާހަކައަކީ، ދިވެހިރާއްޖެ ނޫނަސް އެހެން މުސްލިމު ޤައުމު ތަކުގައިވެސް ރަލާއި އޫރުމަސް ވިއްކުން ހުއްދަ ކޮށްފައި ވެއެވެ. ވީމާ ރާއްޖޭގައި އެކަން ހުއްދަ ކުރުމުން ދިވެހި ޢިލްމުވެރިންތަކަށް ހަޖަމު ނުކުރެވެނީ ކީއްވެބާއެވެ؟
މިމީހުންގެ މި ކޮންސެޕްޓްގެ މިސާލަކީ، ހައްވާގެ ދަރިފުޅުގެ ގަޔަށް ވަޅިހަރައި މަރާލުމުން، ހައްވަވެސް ބުނާށެވެ. މައްސަލައެއް ނެތެވެ. ކުރީދުވަހު މަރިޔަމްގެ ދަރިފުޅުވެސް ވަޅިހަރައި މަރާލާފައި ވެއެވެ. އެހެން ނޫންތޯއެވެ؟ އަދިވެސް ތަންކޮޅެއް ފުންކޮށް ވިސްނަމާ ހިނގާށެވެ. ހަޤީޤަތަކީ ބަޔަކު ގޯސްކަމެއް ކުރުމަކީ، އެހެންމީހުން އެގޯސްކަންތައް ކުރުން 'އޯކޭވާ' ހުއްޖަތެއް ނޫނެވެ. އިސްލާމްދީނަކީ މުސްލިމު ޤައުމުތަކެއް ނޫނެވެ. އިސްލާމްދީނަކީ ކާއިނާތުގެވެރި ﷲގެ ޙަޟުރަތުން ބާވާލައްވާފައިވާ ދިރިއުޅުމުގެ ނިޒާމެވެ. ވީމާ ކަމެއް ރަނގަޅުތޯ ނުވަތަ ގޯސްތޯ ޔަޤީންކުރަން ބަލަންޖެހެނީ މުސްލިމު ޤައުމުތަކަކަށް ނޫނެވެ. ބަލަންޖެހެނީ އިސްލާމްދީނަށެވެ. ޤުރުއާނަށެވެ. ސުންނަތަށެވެ. ވީމާ ޢިލްމުވެރިންނަށް ހަޖަމްނުކުރެވޭ ވާހަކަ ދެއްކެވުމުގެ ކުރިން، ތިމާމެން ކަންތައްތަކުގެ 'ޕްރިންސިޕަލް' ދަނެގެން ވާހަކަދެއްކުން މާރަނގަޅުވާނެ ކަމުގައި ފެނެއެވެ.
ރާބުއިމާ ރާވިއްކުމުގެ ނުރައްކާތެރިކަމަށް ވިސްނާލުމެއްނެތި މިމީހުން ބުނާ އަނެއްވާހަކައަކީ، ރާހުއްދަ ކުރީ ދިވެހި ގޭބިސީތަކަކަށް ނޫނެވެ. ހުއްދަ ކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި މިނިސްޓްރީ އިން ގަބޫލުކުރާ ފެންވަރަށް ހަދައި ރަޖިސްޓްރީ ކޮށްފައިވާ، ވަކިވަރަކަށްވުރެ މުއްސަދި ހޮޓާތަކުގައި ހިންގާ ބާރ ތަކުގައެވެ. މައްސަލައަކީ ކޮބާތޯއެވެ؟
އަޖައިބެކެވެ! ރަޖިސްޓްރީ ކުރުމަކީ ޙަރާމްކަމެއް ހަލާލުކަމަކަށް ބަދަލުވާނެ ކަމެއް ނޫނެވެ. ނުވަތަ ރަޖިސްޓްރީ ކުރުމުން އެކަމުން ލިބޭނެ ސިއްޙީގެއްލުން ކުޑަވޭބާވައެވެ؟ ނުވަތަ މަސްތު ނުވަނީ ބާވައެވެ؟ ދުނިޔޭގެ ބޮޑެތި ހޮޓާތަކުގައި "ޕްރޮފިޝަނަލް ޕްރޮސްޓިޓިއުޓުން" ނުވަތަ ހުނަރުވެރި ކަސްބީ އަންހެނުން ރަޖިސްޓްރީ ކޮއްގެން ތިބެއެވެ. އެއީ ޒިނޭކުރުމަށް ސަރުކާރުން ލައިސަންސް ނަގައިގެން އިންތިހާރުކޮށް ފާޅުގައި އެކަން 'ކަސްބީން' ނެވެ. އެއީވެސް ފަތުވެރިނަންނަށްޓަކައި ބަޔެއް ޤައުމުތަކުގައި ޤަވާއިދެއްގެ ދަށުން ދޭ ހުއްދައެކެވެ. މާދަމާ މިޤައުމުގައެވެސް ފަތުރުވެރިކަމަށްޓަކައޭ ބުނެ އެހުއްދަ ދޭންވީ ތޯއެވެ؟
އާއެކެވެ. ދިވެހިން މިއަދު ރާބޮނީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަކޮށްގެނެއް ނޫނެވެ. ނަމަވެސް މިކަމުގެ އަސްލަށް އަޅުގަނޑުމެން ރުޖޫޢަވަމާ ހިނގާށެވެ. އަސްލަކީ މީހުން 'ދިރިނޫޅޭ' ރިސޯޓްތަކުގައި ރާވިއްކުން ހުއްދަކުރުމެވެ. ރިސޯޓްތަކުގައި ރާވިއްކުން ހުއްދަކުރުން ވެގެންދިޔައީ ދިވެހިރާއްޖޭގައި ރަލާއި މަސްތުވާތަކެތި އާންމުވުމަށް ހުޅުވުނު ދޮރެއްކަމުގައެވެ. އޭރުވެސް ހުއްދަކުރެވުނީ ޤަވާއިދެއްގެ ދަށުންނެވެ. ދިވެހި ގޭބިސީތަކަކަށް ނޫނެވެ. އެޤަވާއިދު ބުނާގޮތުންވެސް ދިވެހިންނަށް ރާވިއްކުން ހުއްދައެއް ނޫނެވެ. ނަމަވެސް ކަންވަމުން ދިޔައީ އެގޮތަށް ތޯއެވެ؟ ރިސޯޓްތަކަށް ހިތްއުފާކޮށްލާން ވަޑައިގަންނަވާ ދިވެހި ސައުދާގަރުންނަށާއި، 24 ގަޑިއިރު ހަމަހޭގައި ތިއްބަވަން ބޭނުންފުޅުނުވާ ބޭފުޅުންނަށް އެރިސޯޓްތަކުން ރާ ނުވިއްކާ ތޯއެވެ؟ އަދި މިއުޒިކް ޝޯފަދަ ޝޯތައް ހުށައަޅައިދޭންދާ ފަންނާނުންނަށް ރާ ނުވިއްކާ ތޯއެވެ؟ ޖަވާބު އެންމެނަށްވެސް އެނގެއެވެ. ޤަވާއިދު އޮތީ އޮތްތާނގައެވެ. މާގިނަދުވަހެއްނުވެ ދިވެހިގޭބިސީތަކުންވެސް ކޭސްތައް ފެންނަންފެށިއެވެ. އެހެން ނޫންތޯއެވެ؟
އެދުވަހު އެހުޅުވައިދިން ދޮރުގެ ސަބަބުން މިއަދު މިކުޑަކުޑަ ދިވެހި މުޖުތަމައު މިވަނީ އެތައް ވޭނެއް ތަހައްމަލު ކުރަންޖެހިފައެވެ. ޒުވާނުންގެ ތެރެއިން އެތައް ބަޔަކު އެވަނީ މަސްތުގެ ހާލުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ރާގެންގުޅުން ހުއްދަ ނޫންއިރުގައިވެސް މީހުންދިރިއުޅޭ ރަށްރަށުގައި އާންމުން ރާބުއިން މިވަނީ އާންމުވެފައެވެ. އަސްލަކީ އެދުވަހު ހުޅުވައިދިން ދޮރެވެ. ވީމާ، އަޅުގަނޑުމެން މާޒިން އިބްރަތް ހާސިލްކޮށް، ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރަމާ ތޯއެވެ! މިހާރު އާންމުކުރަން މަސައްކަތްކުރާ ޤަވައިދު ބުނާގޮތުންވެސް އެތަނަށް ވަންނަނީ ކޮންބައެއްތޯ ބަލަން ފުލުހުން ނުތިބޭނެއެވެ. އެހެންކަމަށްވާނަމަ، ދިވެހިންނަށް ރާނުވިއްކައެއް ނުހުންނާނެކަން ޔަޤީނެވެ. އެންމެހާ ކަންތައްތަކެއް ބައްލަވާ ވޮޑިގެންވާ ﷲގެ ޙުކުމްފުޅުގައި ކޮޅުފައިންޖަހައި، އިތުރަށް ފައިސާ ހޯދުމަށްޓަކައި ރާވިއްކާ ވިޔަފާރި ވެރިއަކު އިކޮނޮމިކްސް މިނިސްޓްރީގެ ގަވައިދުގައި އެގޮތަށް އޮތީތީއޭ ކިޔާފައި، ފައިސާދައްކާފައި ބޯން އަންނަ ދިވެއްސަކު ހުއްޓުވާނެތޯއެވެ؟ މާޒީއިން ކަންހިނގާފައިވާ ގޮތަށް ބަލާއިރު ނުހުއްޓުވާނެއެވެ.
-ނުނިމޭ-

 

ލިޔުނީ: ދޮންވެލި

ގުޅުންހުރި

2 ޚިޔާލު

  1. މުޅި ރާއްޖޭގަވެސް ރާވިއްކުން މަނާކުރަންވީ!! މަސްތުވާ ތަކެތި ވިއްކާ، ބޭނުންކޮއް އެތެރެކޮށް ހަދާ ހުރިހާ އެންމެނަށް މަރުގެ އަދަބު ދޭންވީ!!! މިކަހަލަ ހަރުކަށި އަދަބުބީގެން ނޫނީ ރާއްޖެ މި ވަބާއިން ސަލާމަތެއްނުވާނެ.

  2. varah varah furihama liyumeh… raa huddhakuran masakka’i kuraa meehunge a’nga bandhu vaa varah mi liumugai mauloomaathu hurikamattakaa ufaa kuran.. liyuntheriyaa ah shukuruiyyaa

Your email address will not be published. Required fields are marked *

More in ރިޕޯޓް