ދީން އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 4

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 4

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 4

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ނަމާދު؛ ހަނދުމަ އައުކޮށްދޭ ކަމެއް

ހިނގަމުންދިޔަ މަޝްވަރާއެއްގައި ޣައިރު މުސްލިމަކު ސުވާލު ކުރިއެވެ. "އިސްލާމްދީން ފެށިގެން އައި ދުވަސްވަރު މުސްލިމުން ދުވާލަކު ފަސް ނަމާދު ކުރަންޖެހެނީ ކީއްވެގެންކަން އަހަރެންނަށް ވިސްނެއެވެ. އެ ދުވަސްވަރު އެމީހުން ކުރާނޭ ގިނަ ކަންތައްތަކެއް ނެތުމުގެ ސަބަބުން އެމީހުން ނަމާދުގައި އަވަދިނެތި އުޅުމަށް، ރަސޫލާ، އެމީހުންނަށް އަމުރު ކުރެއްވީއެވެ. ނަމަވެސް އަހަރުމެންގެ މި ތަހުޒީބުވެ، ކުރިއަރާފައިވާ ޒަމާނީ ދިރިއުޅުމުގައި މީހަކަށް ލިބޭނީ ވަރަށް ކުޑަ ހުސްވަގުތު ކޮޅެކެވެ. އޭނާގެ ކިބައިން ދުވާލަކު ފަސް ފަހަރު ނަމާދު ކުރާނެކަމަށް އުއްމީދު ކުރެވޭވަރަށްވުރެ އޭނާ އުޅެނީ މާ އަވަދިނެތިއެވެ.

އިސްވެ ދިޔަ ސުވާލުގެ ޖަވާބެއްގެ ގޮތުގައި ނަމާދުން ޙާޞިލްވާ މައިގަނޑު މަޤްޞަދުތައް ފުދެއެވެ. ޤުރުއާނުގައި އަންގަވާފައިވެއެވެ.

وَأَقِمِ الصَّلَاةَ لِذِكْرِي [٢٠:١٤]

މާނައީ: "ތިމަން ރަސްކަލާނގެ މަތިން ހަނދުމަ ކުރުމަށްޓަކައި ނަމާދު ޤާއިމް ކުރާ ހުރިކަމެވެ."

އިންސާނާއަކީ ފިޠުރީގޮތުން ހަނދާން ބަލިމީހެކެވެ. އެހެންކަމުން އިންސާނާއަށް އިންސާނާއޭ ކިޔުނީވެސް މި ސަބަބާހުރެއެވެ. އެހެންކަމުން، ނަމާދު ޤާއިމު ކުރުމަކީ އޭނާ ހެއްދެވި ފަރާތާއި އޮންނަންޖެހޭ ވަފާތެރިކަން ހަނދުމަކޮށްދޭ ކަމެކެވެ. މީގެ ސާދަސަތޭކަ އަހަރުކުރިން އަވަދިނެތި އުޅެންޖެހޭ ފަދަ ދިރުއުޅުމުގެ ވައްޓަފާޅިއެއް ނެތް ހިނދުގައިވެސް އިންސާނާ ނަމާދަށް ބޭނުންވިހިނދު، އަދުގެ ހަލަބޮލި ދުނިޔޭގައި ނަމާދުގެ މުހިއްމުކަން މާބޮޑުވާނެއެވެ. އަދި އެހެންމެ މާ ބޮޑެވެ. އެއްކޮޅުން އިންސާނާ އުޅެންޖެހިފައިވަނީ ކިޔެވުމާއި މަސައްކަތުގައި މަޝްޢޫލުވެގެންނެވެ. އަދި ހަމަޖެހިލާ އަރާމުކޮށްލަން ލިބޭވަގުތުކޮޅުގައި ޓީ.ވީއާއި ބައިސްކޯފު ތަކާއި އަދި ވީޑިއޯތައް މެދުވެރިކޮށް އިންސާނާ މަގުފުރައްދާނެ އައުގޮތްތައް ޝައިޠާނާވަނީ ހޯދާފައެވެ. މި ޙަޔާތުގެ ތެރެއަށް އިންސާނާ ގެއްލި ހުސްވެފައިވާލެއް ބޮޑުކަމުން އޭނާ ﷲ ތަޢާލާ އާއި އަދި އާޚިރަތުގެ މަތިން ހަނދާންނެތެއެވެ. މިހެންކަމުން އިންސާނާ ވުޖޫދަށް އައުމުގެ ބޭނުން، އޭނާއަށް ހަނދުމަކޮށްދިނުމުގެ މުހިންމުކަން ވަނީ މާބޮޑަށްވެސް ޖެހި އިތުރުވެފައެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މި ޒަމާނީ ޙަޔާތުގައި އެންމެ ފައިދާބޮޑު އަދި އެންމެ މުހިއްމުކަން ބޮޑު އަމަލަކީ އަދިވެސް ނަމާދެވެ.

ނަމާދަކީ ނުބައިކަންކަމުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. އެހެންކަމުން މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވަނީ މިފަދައިންނެވެ.

إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ [٢٩:٤٥]

މާނައީ: " ހަމަކަށަވަރުން ނަމާދު ފާޙިޝް ކަންތަކާއި މުންކަރާތްތައް ދުރުކޮށްދޭކަމެކެވެ."

އަންނަނިވި ހަދީޘުން މިކަންތައް ދެނެގަތުމަށް އެހީތެރިވެދެއެވެ.

ﷲގެ ރަސޫލާ صلﷲعليه وسلم ގެ ދުވަސްވަރުގައި އާދައިގެމަތިން ރާބޮއި، ޖުވާކުޅެ އަދި ވައްކަންކޮށް އުޅުނު މީހަކު އުޅުނެވެ. އޭނާގެ ދިރިއުޅުމުގެ އުޞޫލުތައް ހަރުދަނާކުރުމަށް އެހީވާނެ ފަދަ ނަޞޭހަތެއް ދެއްވުން އެދި ރަސޫލާ صلﷲعليه وسلم ގެ އަރިހަށް އޭނާ އައެވެ.  ރަސޫލާ صلﷲعليه وسلم ދެއްވީ ވަރަށް އާދައިގެ ނަޞޭޙަތްޕުޅެކެވެ. "އެއްވެސް ދޮގެއްނަހަދާށެވެ. "ޖެހިގެންއައި ދުވަހުގެ އޭނާގެ ޚަބަރައިގެން އެބުރި އައުމަށް އެންގެވުމަށްފަހު އޭނާ ހިގައްޖެއެވެ. އޭނާ ޢަމަލު ކުރުމަށް އެންގެވިފައިވާގޮތަށް ކިޔަމަންވުމަށް ވަރަށް ފަސޭހަވާނެކަމަށް ހީކޮށް، އޭނާހުރީ ވަރަށް އުފަލުންނެވެ. ގެއަށް އައުމަށްފަހު އޭނާ އާދައިގެ މަތިން ބޯ ރާތަށި އެޅިއެވެ. އަދި ތުންފަތާއި ހަމައަށް އެތަށި ހިއްލާލި ހިނދު އޭނާ ކުއްލިއަކަށް ހަދާންވީ އޭނާގެ ޚަބަރައިގެން ރަސޫލާ صلﷲعليه وسلمގެ އަރިހަށް ދާންޖެހޭނެ ކަމެވެ. އެ ދުވަހުގެ ޢަމަލު ތަކާއިމެދު އޭނާ އަށް ސުވާލު ކުރެވޭ ހިނދު ހުރިހާ ޞަޙާބީންގެ ކުރިމަތީގައި ރާބުއިކަމަށް އިޢުތިރާފުވެއްޖެނަމަ އެކަންތައްވާނީ އޭނާއަށް ވަރަށް ލަދުވެތި ކަމަކަށެވެ.

އެހެންނަމަވެސް، އޭނާ ރާބުއިކަމަށް އެއްބަސްނުވެއްޖެނަމަ އެކަންވާނީ ދޮގަކަށެވެ. އަދި އެ ރާތަށި އޭނާ ދުރަށްލިއެވެ. އޭނާ ޖުވާ ކުޅުމަށާއި އަދި ވައްކަންކުރުމަށްޓަކައި އުޅެންފެށުމުން ވެސް ކަންތައް ދިމާވީ ހަމަ އެފަދައިންނެވެ. އެހެންކަމުން، މީނާ، މީނާގެ ނުބައި ޢަމަލުތަކާއި ހަނގުރާމަ ކުރުމަށްޓަކައި ނެގި ފުރަތަމަ ފިޔަވަޅަށްފަހު އޭނާ ވަރަށް އަވަހަށް އިޞްލާޙުވެއްޖެއެވެ.

ނަމާދުގެ ސަބަބުން އިންސާނާގެ ޙަޔާތަށް ހަމަމިބީދައިން އަސަރު ކުރެއެވެ. ދުވާލަކު ފަސްފަހަރު އޭނާގެ ވެރި ﷲ އާއި މުޚާޠަބުކުރަންޖެހޭނެކަން ހަނދާންކުރާ ކަމުގައިވާނަމަ، ޝައިޠާނާ އޭނާ ކުރުމަށް ހިތްވަރުދޭ ފާފަތަކުން އޭނާ ދުރުހެލިވާނެ އެވެ.

ނަމާދު؛ އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު

ޝުޢައިބު عليه السلام އާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ދެމެދު ދެކެވުނު ވާހަކަތަކެއް ކީރިތި ޤުރުއާނުގައި (ހޫދު ސޫރަތުގެ 84-86 އާޔަތަށް) މާތް ﷲ އަންގަވާދެއްވާފައިވެއެވެ.

– وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ وَلَا تَنقُصُوا الْمِكْيَالَ وَالْمِيزَانَ ۚ إِنِّي أَرَاكُم بِخَيْرٍ وَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ [١١:٨٤]

މާނައީ: ” އަދި މަދްޔަނު މީހުންގެ ގާތަށް ތިމަން ﷲ އެމީހުންގެ އަޚު ޝުޢައިބުގެ ފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އެއިލާހު ފިޔަވައި އެހެން އިލާހެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި މިނުމުގައްޔާއި ކިރުމުގައި ތިޔަބައިމީހުން އުނިކޮށް ނަހަދާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (ފުދި) ހެޔޮ ޙާލުގައިކަމަށް ތިމަންކަލޭގެފާނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ ޢަޒާބަށް، ތިޔަބައިމީހުންނާއިމެދު، ތިމަންކަލޭގެފާނު ބިރުވެތިވަމެވެ.

وَيَا قَوْمِ أَوْفُوا الْمِكْيَالَ وَالْمِيزَانَ بِالْقِسْطِ ۖ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ [١١:٨٥]

މާނައީ: ” އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން މިނުމާއި، ކިރުން، ޢަދުލަށް ފުރިހަމަކުރާށެވެ. އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ. އަދި ފާސިދުންކަމުގައިވެތިބެ ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާހުށިކަމެވެ.”

بَقِيَّتُ اللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَا أَنَا عَلَيْكُم بِحَفِيظٍ [١١:٨٦]

މާނައީ: ” ﷲ، ތިޔަބައިމީހުންނަށްޓަކައި، ދޫކުރައްވާފައިވާ އެއްޗެއް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވަނީނަމެއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފަރާވެރިއަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.

މިއީ (ތައުހީދުގެ އަޤީދާ ޤަބޫލު ކުރުމުގެ ޒަރީޢާއިން) ﷲތަޢާލާގެ ޙައްޤުތައް މަތިވެރި ކުރުމަށާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި އިންސާނުންގެ ޙައްޤުތައް ޝަރަފްވެރި ކުރުމަށްޓަކައި ދެވުނު ދަޢުވަތެކެވެ. ނަމަވެސް ޝުޢައިބުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް ރައްދުދިނީ މަލާމާތާއި ފުރައްސާރަ ކުރުމުންނެވެ. އެހެންކަމުން މިވާހަކަތައް މާތްﷲ ޖެހިގެންއައި އާޔަތުގައި ބަޔާންކޮށްދެއްވިއެވެ.

قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ [١١:٨٧]

މާނައީ: “އެބައިމީހުން ދެންނެވޫއެވެ. އޭ ޝުޢައިބުގެފާނޭވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދައުތަކާއިމެދު، ތިމަންމެން ބޭނުންހައިގޮތެއް ހެދުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް އަމުރުކުރަނީ ތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނަކީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ.”

އެކަލޭގެފާނު އެދިވަޑައިގަންނަވަނީ ހަމައެކަނި ޤަވައިދުން ނަމާދުކުރުމެއްނޫންކަން ޝުޢައިބްގެފާނުގެ ޤައުމުގެ މީހުންނަށް ވިސްނުނެވެ. އަދި މުޅިން އައު ވިޔަފާރީގެ ނިޒާމެއް ޤާއިމްކުރުމަށް އެމީހުންގެ ކިބައިން އެކަލޭގެފާނު އެދިވަޑައިގަންނަވާކަން އެމީހުންނަށް އިނގުނެވެ. އިޚުލާޞްތެރިކަމާއި އެކު ވިޔަފާރީގެ މުޢާމަލާތްތަށް ކުރުމަށް ރުޖޫޢަވުމަށްޓަކައެވެ. މިއިން ލިބެންއޮތް ޢިބުރަތަކީ، އެންމެހައި ތަކެއްޗެއް މިލްކުވެވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ.  ދުވާލަކު ފަސްވަގުތު މާތް ﷲއަށް އަޅުކަންކުރާ މުސްލިމެއްގެ ފަރާތުން، އޭނާގެ ޙަޔާތުގެ އެހެނިހެން ކަންކަމުގައި، އެއިލާހު ފިޔަވައި އެހެން ފަރާތަކަށް ބޯލެނބުމަށް އުއްމީދުކުރެވިގެން ނުވާނެއެވެ. އިސްލާމްދީނުގައި އަމުރުވެރިކަން ދެފަރާތަކަށް ބަހައެއް ނުލެވޭނެއެވެ. ﷲ ތަޢާލާއަކީ ޚަލްޤުކުރައްވާ ފަރާތެވެ. އަދި ޤާނޫނުތައް ޤާއިމްކުރުމުގެ ޙައްޤުވަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އިޚްލާޞްތެރިވުންވެސް ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އިންސާނާއީ ﷲގެ އަޅެކެވެ. އަދި އޭނާ ކިޔަމަންވާން ޖެހޭނީ ހަމައެކަނި އެކަލާނގެއަށެވެ.

ޣައިރު މުސްލިމް ދަޢުލަތްތަކުގައި ދިރިއުޅޭ މުސްލިމުން ދެކޭގޮތުގައި، އެމީހުންގެ ސިޔާސީ އަދި އިޤްތިޞާދީ ޙަޔާތުގައި، ﷲ ތަޢާލާގެ ދީނަށް ޢަމަލުކުރުމަކީ ދަތިއުނދަގޫކަމެކެވެ. ނަމަވެސް އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ﷲ ތަޢާލާގެ ދީން ހަމައެކަނި ޒާތީ ޙަޔާތުގައި ތަންފީޒުކުރުމުގެ އެއްވެސް އުޒުރެއްނެތެވެ.

ﷲ ތަޢާލާގެ ދީނަކީ ހަމައެކަނި ނަމާދުކުރުން، ރޯދަހިފުން، ޒަކާތްދިނުން އަދި ޙައްޖުވުން އެކުލެވޭ ދީނެއްނޫންކަން މުސްލިމުންނަށް ސާފުކޮށް އިނގެންޖެހޭނެއެވެ. ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުގައި އިސްލާމްދީން އުގަންނައިދީފައިވާ އުސޫލުތަކަށް ޢަމަލުކުރުމަކީ މުސްލިމުންގެ ޒިންމާއެކެވެ.

إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ [٣:١٩]

މާނައީ:” ހަމަކަށަވަރުން، ﷲގެ ހަޟްރަތުގައި ދީނަކީ، އިސްލާމްދީނެވެ.”

وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ [٣:٨٥]

މާނައީ:” އިސްލާމްދީން ފިޔަވައި އެހެން ދީނެއް އެދެފިމީހެއްގެ ފަރާތުން އެކަން ޤަބޫލުކުރެވޭނެއެވެ.  އަދި އާޚިރަތުގައި އެމީހާވާހުށީ، ހަލާކުވެ ގެއްލެނިވި މީހުންގެ ތެރެއިންނެވެ.”

މިއަދު މުޅި ދުނިޔެއަށް އަތްގަދަކޮށްފައިވާ ޠާގޫތުންނަކީ (ބާޠިލްގޮތުގައި އިންސާނުން އަޅުކަންކޮށް އުޅޭ ކޮންމެ އެއްޗެއް) ކެޕިޓަލިޒަމް، ސޯޝަލިޒަމް، ކޮމިއުނިޒަމް އަދި ދިމުޤުރާތީ ނިޒާމުތަކެވެ. ނަމަވެސް އިސްލާމްދީން ގޮވާލަނީ ޚިލާފަތަކަށެވެ. މިފަދަ ވެރިކަމެއް ބިނާވެފައިވަނީ މީހުންގެ ލަފަޔާއި އިރުޝާދު ހޯދުމުގެ މައްޗަށެވެ. އަދި އިޤްތިޞާދީ ނިޒާމް ބިނާވެފައިވަނީ ޒަކާތްދިނުމާއި ރިބާ މަނާކުރުމުގެ މައްޗަށެވެ. މިއިން އެއްވެސް ސިފައެއް އުނިވެއްޖެ ނަމަ އިސްލާމީ ޝަރީޢަތް، އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒެއް ނުކުރެވޭނެއެވެ.

އިސްލާމީ ވެރިއެއްގެ ފުރަތަމަ މަސްޢޫލިއްޔަތަކީ ކޮބައިކަން ކީރިތި ޤުރުއާނުގައި ވަރަށް ސާފުކޮށް އަންގަވާފައި އެބައޮތެވެ.

الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ [٢٢:٤١]

މާނައީ: “އެބައިމީހުންނީ، އެބައިމީހުންނަށް ބިންމަތީގައި ތިމަން ﷲ ބާރުދެއްވައިފިނަމަ، ނަމާދު ޤާއިމްކޮށް، އަދި ޒަކާތްދީ، އަދި ހެޔޮކަންތައްތަކަށް އަމުރުކޮށް އަދި މުކަރާތްތަށް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ.”

ޢަރަބިންގެ ތެރޭގައި ބުނެއުޅޭ މަޝްހޫރު ހަރުބަހެއްގައި ވެއެވެ: “މީސްތަކުން ތަބައުވަނީ އެމީހުންގެ ރަސްރަސްކަލުންގެ ދީނަށެވެ.” އާދައިގެ މީހުން އެމީހުންގެ ވެރިން އުޅޭގޮތް ނަކަލުކުރުމަށް ލޯބިކުރެއެވެ. އެފަދަ ފަރާތްތަކުން ޤަވައިދުން ނަމާދު ޤާއިމްކޮށް، ރޯދަހިފާ، ރަނގަޅު ނަމޫނާއެއް ދައްކައިފިނަމަ މީސްތަކުންނަށްވެސް އެފަދައިން އުޅުމަށް ހިތްވަރު ލިބޭނެއެވެ. އަދި ވެރިންނަށް ޢާއްމު ތަންތަނުގައި ނަމާދު ކުރެވޭނެ މަގުފަހިކޮށްދިނުމާއި މިސްކިތްތައް ބިނާކުރުމުގައި ރައްޔިތުންނަށް އެހީ ފޯރުކޮށްދެވިދާނެއެވެ. ވެރިންނާއި ދެކޮޅަށް ބަޣާވާތްނުކުރުމަށް މިއުންމަތުގެ މާތް ނަބިއްޔާ  صلﷲعليه وسلم ނަސޭޙަތްތެރި ވެވަޑައިގެންފައިވެއެވެ. އެއީ އެމީހުން ނަމާދު ޤާއިމްކޮށް ﷲ ތަޢާލާއަށް އުރެދުމުގެ ޢަމަލެއް ފާޅުގައި ނުކުރާހާ ހިނދެއްގައެވެ. މި ނަސޭޙަތަކީ ހަމަނުޖެހުންތަކާއި ބޭކާރު ލޭއޮހޮރުވުންތަކުން މުސްލިމް ޤައުމުތަށް ސަލާމަތްކޮށްދޭނެ ނަސޭޙަތެކެވެ.

(ނުނިމޭ)

ތަރުޖަމާ: އަލްއުޚުތު އުއްމު ފާޠިމާ
އަޞްލު ލިޔުއްވީ: ޑރ. ޝުހައިބް ޙަސަން

ޓެގް

ދީން ދިވެހިން ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.