އަހަރެމެން އެއްވެސް ހާލެއްގައި ހީ އެއްގެ މައްޗަށް، ނުވަތަ ސިކުޑިން ވިސްނޭ ގޮތެއްގެ މައްޗަށް ދީނުގެ ޙުކުމްތައް ބަޔާންކޮށްގެން ނުވާނެއެވެ. އެކަން ކުރަން ޖެހޭނީ އެކަމުގެ ޢިލްމު ލިބިފައި ތިބި މީހުންނެވެ. ދީނަކީ އަހަރެމެން ގެންގުޅޭ ކުޅޭކުޅޭ އެއްޗެއް ނޫނެވެ.
ސުބްޙާނަﷲ! މި މިސާލާމެދު ފުންކޮށް ވިސްނާލާށެވެ. މީހަކު ވަގު ޑޮކިއުމެންޓް ތަކެއް ހަދައިގެން، ފޭކު ފާހެއް ހޯދައިގެން، ޑޮކްޓަރެއް ކަމަށް ހެދިގެން އައިޖީއެމްއެޗް އަށް މި ވަންނަނީ އެވެ. އަދި ވަރަށް އެމަރޖެންސީކޮށް ހިތުގެ ބަލިމީހެއްގެ ވަރަށް ބޮޑު އޮޕަރޭޝަން އެއް ކުރަން މީނައާ ހަވާލު ވެވުނެވެ. މި މީހާ ހަދާނެ ގޮތެއް ނޭނގިގެން، ގޫގްލްގައި، "ހާރޓް ސާރޖަރީ 101" ޖަހައި ސާޗް ކޮއްލިއެވެ. އަދި އޭނާ ވަރަށް ކާމިޔާބު ކަމާއެކު އެ އޮޕަރޭޝަން ކޮށްނިންމައި އެ މީހާގެ ފުރާނަ ސަލާމަތް ކުރިއެވެ.
ނިކަން ވިސްނާލަ ބަލާށެވެ! މިކަންތަކަށް ފަހު އޮފީހުގެ ވެރިންނަށް މިމީހާގެ ޙަޤީޤަތް ފަޅާ އެރުމުން މީނާ އަށް މުސާރައާއި، އަދި ކާމިޔާބު އޮޕަރޭޝަން އެއް ކުރުމުން ބޯނަސް ވެސް ދޭނެ ހެއްޔެވެ؟ ނޫނީ ވަގުތުން ޕޮލިހުންނަށް އަންގައިގެން މީނާ ގެންދާނީ ޖަލަށް ހެއްޔެވެ؟
ދެން މީގެ އަނެއް ކޮޅަށް ވިސްނާލަ ބަލާށެވެ. ހަމަ ކުޅަދާނަ ތަޖުރިބާކާރު ޑޮކްޓަރެކެވެ. ކުރި އޮޕަރޭޝަން ނާކާމިޔާބުވެ ބަލި މީހާ މަރުވިއެވެ. (އިންސާނުންނަށް އަބަދުވެސް މިސްޓޭކް ހެދޭނެއެވެ.) އޮފީހުގެ ބޮސް މީނައާމެދު ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަމާމެދު އެހާ ހިންހަމަ ނުޖެހުނަސް އޭނައަށް ބަރާބަރަށް މުސާރަ ލިބޭނެއެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބު ކޮށް ބަލިމީހާގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަ މުސާރައިގެ އިތުރުން ބޯނަސް ވެސް ލިބޭނެއެވެ.
މުޖްތަހިދުންނަކީ ވެސް މި ދެވަނަ މީހާ ފަދަ ބައެކެވެ. ރަސޫލްް(صلي الله عليه وسلم) ޙަދީޘް ކުރައްވާފައި ވެއެވެ. މީހަކު ކަމަކާމެދު އިޖްތިހާދުކޮށް(ރަނގަޅަށް މަސްދަރު ތަކަށް ބަލައި ދިރާސާކޮށް މަޢުލޫމާތުތަށް ހޯދައި) ޙައްޤަށް ވާސިލް ނުވެވިއްޖެ ނަމަ އެމީހަކަށް އެއް އަޖުރު(ބޭސިކް ސެލެރީ)ވެއެވެ. އަދި މީހަކު ކަމަކާމެދު އިޖްތިހާދުކޮށް ޙައްޤަށް ވާސިލް ވެއްޖެ ނަމަ އެމީހަކަށް ދެ އަޖުރު(ބޭސިކް ސެލެރީ އާއި ބޯނަސް)ވެއެވެ.
ޢިލްމު ނުލިބި ހުރެ ދީނުގެ ކަންކަމުގައި ވާހަކަ ދެއްކާ މީހާ އަކީ ފުރަތަމަ މީހާ ފަދަ މީހެކެވެ. އެެހެން ކަމުން ﷲ(سبحانه وتعالى) ގެ ފަރާތުން ކަމެއްގައި ސޮއި ކުރުމުގައި ރައްކާތެރި ވާށެވެ. ނޭނގޭ ކަމުގައި ވާނަމަ ބަހެއްނުބުނެ ހަނު ހުންނާށެވެ. އަދި އެއްޗެއް ބުނާނަމަ އެ ހޯދި ސޯރސް ބަޔާން ކުރާށެވެ. ނުވަތަ ރިފަރެންސް ދޭށެވެ. އެއީ މީހާ ދަށްވާ ކަމެއް ނޫނެވެ. ދީނުގެ ޙުކުމްތައް ޢިލްމެއް ނެތި ހިތަށް އަންނަ ގޮތަކަށް ބަޔާން ކޮށްގެން އަހަރެމެންނަށް މި ކުޅެވެނީ ބައެއްގެ ދާއިމީ ޙަޔާތް ކަމުގައިވާ އާޚިރަތުގެ ޙަޔާތާއެވެ. އެފަދަ ރިސްކެއް ނުނަގާށެވެ!
އަހަރެމެން އެންމެންނަށް މި ރީތި، ފުރިހަމަ ދީނުގެ ފުރިހަމަ ޢިލްމު އުނގެނުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން. (ނިމުނީ)

















maashaa allah.. salhi liyumeh