ރާއްޖޭގެ ޚަބަރު

ﷲ(سبحانه وتعالى) ގެ ފަރާތުން ތައްގަނޑު ޖެހުން (ފުރަތަމަ ބައި)

ލިޔުނީ: ޢަބްދުﷲ ނަސީމް

ކަމަކާ ބެހޭ ގޮތުން ރަނގަޅަށް ޢިލްމު ނުލިބި ހުރެ، މިވެނި އެވެނި ކަމަކީ ޙަރާމް ކަމެކޭ ނުވަތަ ޙަލާލް ކަމެކޭ ނުވަތަ ފަރުޞު ކަމެކޭ ދުވަހަކުވެސް ނުބުނާށެވެ. އެގޮތަށް ބުނުމުން ﷲ(سبحانه وتعالى)ގެ ފަރާތުން އޭގައި އަހަރެމެންނަށް މި ތައްގަނޑު ޖަހަނީ އެވެ. ނުވަތަ ﷲ(سبحانه وتعالى) ގެ ފަރާތުން އަހަރެމެން މި ސޮއި ކުރަނީ އެވެ. މި ފަދަ ބޮޑު ކަމެއް ރަނގަޅަށް ޢިލްމު ނުލިބި ހުރެ ކުރަން ހެޔޮވާނެ ހެއްޔެވެ؟

ޙަޤީޤަތުގައި މި މަސައްކަތަކީ މުޖްތަހިދުންގެ ވަޒީފާ އެކެވެ. އެމީހުންނަކީ ފިޤުހީ މައްސަލަތައް އެކި އެކި ގޮތް ގޮތުން ދިރާސާކޮށް އޭގެ ޙުކުމަށް ވާސިލް ވުމަށްޓަކައި ބުރަ މަސައްކަތް ކޮށް، އޭގެ ނަތީޖާގެ މައްޗަށް ބިނާކޮށް ފަތުވާ ނެރޭ ބައެކެވެ. އަދި އެބައިމީހުންގެ ފަތުވާ ތަކުގައި އަބަދުވެސް މިގޮތަށް ހުންނާތީ އަހަރެމެންނަށް ފެންނާނެއެވެ. "މި މައްސަލައިގެ ޙުކުމަކީ މިއީއެވެ. والله أعلم (އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ(سبحانه وتعالى) އެވެ.)" އެމީހުން ޙަޤީޤަތުގައި އެބުނަނީ ﷲ އާއި އެކަލާނގެ ރަސޫލް(صلي الله عليه وسلم) އަހަރެމެންނަށް މިކަން ކުރުމަށް ނުވަތަ ނުކުރުމަށް އަމުރު ކުރައްވާފައި ވެއެވެ.

އަދި ހަމަ އެކަނި އެވަރަކުން ނުނިމެއެވެ. މިސާލަކަށް ކަމެއް ޙަރާމް ކަމަށް ބަޔާންކޮށްފި ނަމަ، އެބުނެވެނީ، "މިކަންތައް ކޮށްފި ނަމަ ﷲ(سبحانه وتعالى)ގެ ޢަޛާބު އެމީހަކަށް ލިބޭނެއެވެ". ނުވަތަ ކަމެއް ފަރުޟު ކަމަށް ބަޔާންކޮށްފި ނަމަ އެބުނެވެނީ، "މިކަން ކޮށްފިނަމަ (އިޚްލާޞްތެރިކަމާއެކު) ﷲ(سبحانه وتعالى) އެކަމަށް ސަވާބާ ދަރުމަ ދެއްވާނެއެެވެ." އެހެންކަމުން މިފަދަ ބޮޑުވެގެންވާ ބަހެއް އަހަރެމެން ހަމަ އެއްވެސް ޢިލްމެއްނެތި ބުނާނީ ކިހިނެއް ހެއްޔެވެ؟ އެހެނީ އެއީ ޢިލްމުވެރިންވެސް އެހާމެ ބޮޑަށް ސަމާލުވެލައްވާ ކަމެކެވެ.

އެހެންކަމުން އެބޭކަލުން އެކަމަކީ ކުރުން އެންމެ ރަނގަޅުނޫން ކަމެއްކަން އެނގޭ އިރުވެސް ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް ޔަޤީން ނުވާނަމަ އެކަމުގައި ފަސްޖެހި ވަޑައިގަންނަވައެވެ. އަދިމަކްރޫޙް ކެޓަގަރީ ބޭނުން ކުރައްވައެވެ. މިސާލަކަށް ދުނަފަތުގެ އިސްތިޢުމާލު ކުރުމަށް އަހަރެމެން ބާލާލަމާ ހެއްޔެވެ؟ އެންމެ ފުރަތަމަ އިލްމުވެރިން ވިސްނެވީ، "އެކަމުގެ ސަބަބުން އަނގައިގެ ވަސް ތަޣައްޔަރު ވެ.... ކައިރީގައި ތިބޭ މީހުންނަށްވެސް އުނދަނގޫވެ.... ދަށުދަރަޖައިގެ ޢަމަލެއް... އެހެން ކަމުން އެއީ މަކްރޫޙަ ކަމެއް. والله أعلم" އެކަމަކު ޞިއްޙަތާ ބެހޭ މާހިރުންގެ ދިރާސާތަކުން އެކަމަކީ ޙަށިގަނޑަށް އެތަކެއް ގެއްލުން ތަކެއް ދީ، ކެންސަރު ފަދަ އެތަކެއް ބަލިތަކެއް ޖައްސާ އެއްޗެއް ކަން ބަޔާންވުމުން އެކަން ޙަރާމް ކަމެއް ކަމުގައި ކަނޑަ އެޅުއްވިއެވެ. އެހެނީ އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެބޭފުޅުން ﷲ(سبحانه وتعالى) އަށް ބިރުވެތި ވެލައްވާ މިންވަރު ނިކަން ބައްލަވާށެވެ. އެބައިމީހުންނަށް ރަނގަޅަށް ފާޅުވެ ބަޔާން ނުވަންދެން އެކަމަކީ ޙަރާމް ކަމެއް ކަމަކަށް ވިދާޅެއް ނުވެއެވެ. އެހެން ކަމުން އަހަރެމެން މިފަދަ ކަންކަމުގައި އަވަސް އަރުވައި ގަނެވޭނީ ކިހިނެއް ހެއްޔެވެ. އެބޭކަލުންގެ ޢިލްމުގެ ދިހަބައި ކޮށްފަ އެއްބައިވެސް އަހަރެމެންގެ ހުންނާނެ ހެއްޔެވެ؟

އެކަމެއްގެ ސަބަބުން އަހަރެމެން ނަރަކައަށް އެއްލާލެވިދާނެ ކަންތައްތަކުން އަހަރެމެންގެ ދޫ ރައްކާތެރި ކުރައްވާށި! އާމީން.

އަހަރެމެންނަށް ކުރިން ނޭނގި މިކަހަލަ ކަންތައްތަކުގައި ސަމާލު ނުވެވުނަސް މިހާރު އަހަރެމެންނަށް މި އެނގުނީއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި މިކަމުގައި ވަރަށް ބޮޑަށް އަހަރެެމެން ސަމާލުވާންޖެހޭނެއެވެ. އަހަރެމެންނަށް ބުނެވޭނެ އެންމެ ރަނގަޅު އެއް ބުނުމަކީ، "މިވެނި އެވެނި ޢިލްމުވެރިޔަކު ވިދާޅުވެފައިވަނީ، ނުވަތަ މިވެނި އެވެނި ފޮތެއްގައި ވަނީ، މިވެނި އެވެނިކަމެއްގެ ހުކުމަކީ މިވެނި އެވެނިކަމެކެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ(سبحانه وتعالى) އެވެ." ނަމަނަމަ ﷲ(سبحانه وتعالى) ގެ ފަރާތުން ތައްގަނޑު ނުޖަހާށެވެ! (ނުނިމޭ)

ﷲ(سبحانه وتعالى) ގެ ފަރާތުން ތައްގަނޑު ޖެހުން (ފަހު ބައި)

ގުޅުންހުރި

3 ޚިޔާލު

  1. ވަރަށް ރަގަޅު ލިޔުމެއް

  2. جزاك الله عنا خيرا جزا

  3. ތި ލިއުން ފުރަތަމަ އެއީ ޙަރާމުކަމެއްކަށް ޤުރުއާނާއި ސުންނަތުން ބަޔާން ކޮށްދީ ފަ ދެން މިބައިތަށް ގެނައިނަމަ ވަރަށް ރަނގަޅުވިސް.އެކަމަކުވެސް މިހާރުވެސް ވަރަށް ސަޅި އިނގޭ
    keeeep it upppppppppppppppp

Your email address will not be published. Required fields are marked *