ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި މުނާސަބާތަކުގައި މުސްލިމުން ބައިވެރިވެ އުޅުމަކީ ދުރުހެލިވާންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"އިސްލާމީ ޙަޟާރަތުގެ ރަންޒަމާން" މި މައުޟޫއަށް މިއަދު ދެއްވި ޚުޠުބާގައި ވަނީ އިސްލާމީ އުސޫލުތަކުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޚުޠުބާގައި ވިދާޅުވީ އިސްލާމީ ޙަޟާރަތު ފެށުނީ ކީރިތި ރަސޫލާއަށް ވަޙީ ބާވައިލައްވާން ފެށުނު ހިސާބުން ކަމަށާއި، އެ ޙަޟާރަތަކީ އިސްލާމީ ސަޤާފަތާއި އުސޫލުތަކުގެ މަތީގައި ތިބެ ރޫޙާނީ ގޮތުންނާއި މާއްދީ ގޮތުން ހޯދާފައިވާ ކުރިއެރުންތައް ކަމަށެވެ. މީގެ ތެރޭގައި ދީނީ، އިޖުތިމާޢީ، ސިޔާސީ، އަދި ޢިލްމާއި ފަންނުވެރިކަމުގެ ދާއިރާއިން މުސްލިމުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ހިމެނޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކަކީ އިސްލާމީ ޢަޤީދާއާއި، ޝަރުޢީ ޙުކުމްތަކާއި، ރިވެތި އަޚްލާޤު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. "މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން،" ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ ދީނީ ވާޖިބެއްގެ ގޮތުގައި މުސްލިމުން ކުރިން ދެކެމުން އައިކަންވެސް ފާހަގަކުރެއްވިއެވެ.
އިސްލާމީ އުންމަތް މިއަދު ވެއްޓިފައިވާ ނިކަމެތި ޙާލަތަށް އިޝާރާތްކުރައްވައި ޚުޠުބާގައި ވިދާޅުވީ، މިއީ މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުގެ ނަތީޖާ ކަމަށެވެ. މި ޙާލަތުން އަރައިގަތުމަށްޓަކައި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފައެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ ޣައިރު މުސްލިމުންގެ ޢީދުތަކާއި މުނާސަބާތަކުގައި ބައިވެރިވުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އިންޒާރު ދެއްވާފައެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައިވެސް އެހެން ދީންތަކުގެ މީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ މަނާކުރައްވާފައިވާ ކަމެއްކަން ހަނދާންކޮށްދެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...