ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދާއިމީ މިސްކިތުގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، އަމިއްލަ ފަރާތަކުން ބިނާކުރި 'މަސްޖިދުލް އީމާން' އަންނަ ހަފްތާގައި ހުޅުވުމަށް ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިކަން ހާމަކުރައްވަމުން ވިދާޅުވީ، މިއީ ފޭސް 2 ގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިކަމެއް ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތްތައް މަދުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ އިތުރު މަޝްރޫޢުތައް ފަށާފައެވެ.
ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، މިފެށޭ އަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ނުވަތަ 4 މިސްކިތެއް ބިނާކޮށް ނިމޭނެކަމަށެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުރީ ނިމުމުގެ އެންމެ ފަހު މަރުހަލާގައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމެވެ. "އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއް،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަސައްކަތް ރަމަޟާންމަހުގެ ކުރިން ނިންމައި ހުޅުވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައް ހިމެނެއެވެ. ހުޅުމާލެ ފޭސް 2 ގައި މިސްކިތުގެ ދަތިކަން ހައްލުކުރުމަށް އިތުރު ދާއިމީ މިސްކިތްތަކެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ދާއިމީ މިސްކިތެއްގައި ނަމާދުކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...