ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް، އިސްލާމްދީނުގައި މަސައްކަތްކުރުމަށް އަންގަވާފައިވާ ކަމަށާއި، ނަމަވެސް މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެފައިވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ” މި މައުޟޫއަށް ދެއްވި ޚުޠުބާގައި ބާރުއަޅުއްވާފައިވަނީ މުސްލިމުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށާއި، ބިދޭސީންނަށް ބަރޯސާވުން ހުއްޓާލުމަށެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީނެވެ. އަދި އިސްލާމްދީނަކީ މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވައިލާ ދީނެއްކަމަށެވެ. އިންސާނުންގެ މަސްއޫލިއްޔަތަކީ ދިރިއުޅުމަށް ޓަކައި ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމެވެ. އަދި އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެއްކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން، އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ކަމަށާއި ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ، ޙަރާމްކުރައްވައިފައިވާކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
އިސްލާމްދީނުގައި ދިރިއުޅުމަށް މަސައްކަތްކުރުމަށް އަންގަވާފައިވުމުން، މުސްލިމުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހެއެވެ. މިފަދަ ބަޔަކަށް ވެވޭނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެންނެވެ. ޚުޠުބާގައި ވިދާޅުވީ ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުން ފަދަ މަސައްކަތްތަކަކީ ދަށުދަރަޖައިގެ ކަމެއް ނޫންކަމަށާއި، މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބޭކަލުން ކަމަށްވާ ރަސޫލުންނާއި ނަބީން ވެސް މަސައްކަތްކުރެއްވި ކަމަށެވެ. އަދި މާތް ﷲ ރޭގަނޑު އަރާމުކުރުމަށް ލައްވައި، ދުވާލު ލައްވައިފައިވަނީ ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާން އޮތް ވަގުތެއްގެ ގޮތުގައިކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ޚުޠުބާގައި ވަނީ ދިވެހީންގެ ކަންނެތްކަމުގެ ސަބަބުން އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. ޚުޠުބާގައި ވިދާޅުވީ "މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވެއެވެ. ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައެވެ." ދަނޑުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެހެންކަމުން، އެއް ބަޔަކު އަނެއް ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލައަށް ވަސީލަތްތައް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ޚުޠުބާގައި ގޮވައިލެއްވިއެވެ. މުސްލިމުންނަކީ، މި ބިންމަތީގައި ބާރުވެރިކުރެއްވުމުން ނަމާދުޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބަޔެއްކަން ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...