ރާއްޖޭގެ ޚަބަރު ދާރުއްނޫރު ވަޤްފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

ދާރުއްނޫރު ވަޤްފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

ދާރުއްނޫރު ވަޤްފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން، އިމާރާތުގެ ކޮންސެޕްޓް ޑިޒައިންގެ އިތުރުން ކުރެހުންތަކާއި، ބީއޯކިޔޫ (ބިލް އޮފް ކުއަންޓިޓީސް)، އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ވަނީ މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ނިންމަވާފައެވެ. މާލެއާއި ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ މި އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ. މި އިމާރާތްތަކުން ލިބޭ އާމްދަނީގެ 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރެވޭނެއިރު، ބާކީ 80 އިންސައްތަ އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާނެއެވެ.

މިހާރު ވަނީ މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ތަރައްޤީކުރާ ދާރުލްސަލާމް ވަޤުފު އިމާރާތުގެ ބިންގާ އަޅާފައެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި އިމާރާތުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، ވަޤްފު ފަންޑު ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކެކެވެ.

މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ، އަދި ގއ. ވިލިނގިލީގައި ވެސް ވަޤްފު މަޝްރޫޢުތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.

ޓެގް

ވަޤްފް ޢިމާރާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.