އި މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ނުވަތަ ބުދު ބެހެއްޓުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ދިވެހި ރާއްޖޭގެ ފަތުވާ ކޮމިޓީއިން ފަތުވާ ނެރެފިއެވެ.
މި ފަތުވާ ނެރިފައިވަނީ މިކަމާ ގުޅޭގޮތުން އާންމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން، އެ މައްސަލަ ދިރާސާކުރުމަށްފަހު އިއްޔެއެވެ.
ފަތުވާ މަޖިލީހުން ބަޔާންކުރައްވާ ގޮތުގައި ފުރާނަ ހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ޝަރުޢީ ގޮތުން ހަރާމްކަމެކެވެ. މިކަމުގެ ނުރައްކާތެރިކަމާއި އަހައްމިއްޔަތުކަން ބޮޑުކަން ދޭހަވަނީ ރަސޫލާ މުޙައްމަދު (ޞޢވ) މައްކާ ފަތަހަ ކުރެއްވި ދުވަހު، އެތަނުގައި ހުރި މަނާތު، އުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ސަޙާބީން ފޮނުއްވި ކަމުންނެވެ. އަދި އެކަލޭގެފާނުގެ އަވަހާރަވުމަށްފަހު ވެސް ސަޙާބީން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައިވާކަން ފަތުވާގައި ފާހަގަކުރައްވައެވެ.
ފަތުވާ މަޖިލީހުން އިތުރަށް ވިދާޅުވީ ބުދަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ޞާލިޙު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި، ޢިލްމު ނެތިގޮސް، މީސްތަކުން މަގުފުރެދިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އެކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާ ވެސް ކުރެއްވި. މިކަމުގެ ސަބަބުން ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ފަތުވާގައި ބަޔާންކޮށްފައިވެއެވެ. ހަދީސްތަކުގައި ވެސް ބަޔާންވެފައިވާ ގޮތުން، ޤިޔާމަތާ ކައިރިވުމުން ބައެއް މީސްތަކުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެއެވެ.
އިލްމުވެރިންގެ އިޖުމާޢުއިން ޘާބިތުވާ ގޮތުގައި ބުދު ހެދުމާއި ބެހެއްޓުން ހަރާމްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަޙުރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، ﷲ ގެ ޚަލްޤުކުރެއްވުމާ އެއްފަދަވުމަށް މަސައްކަތްކުރުން ހިމެނެއެވެ. ނަމަވެސް، ފަތުވާ މަޖިލީހުގެ ނިންމެވުމުގައި ވަނީ ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތައް ނުވަތަ ކުޅޭ އެއްޗެހި މި ޙުކުމުން އިސްތިސްނާވާނެ ކަމަށް ބެލެވޭނެ ކަމަށް ބަޔާންކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...