ރިޕޯޓް ޤައުމު ފަސާދަވެ ނިމިއްޖެ

ޤައުމު ފަސާދަވެ ނިމިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ދިވެހިރާއްޖެ އަކީ އެއްއިރެއްގައި އެންމެ އަމާން ތަނެއްކަމަށް ވިޔަސް މިއަދު މިތަނުގައި ނުކުރާ ނުބައިކަމެއް ނެތެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި ޒުވާން އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުން މިވަނީ ހައްދުން ނެއްޓިފައެވެ. ކާރުތެރޭގައިވެސް އަމާންކަމެއް ނެތެވެ. ވެބްކެމްއެއް އަތުގައި ޖެހޭއިރަށް އޭގެ ކުރިމަތީ އޮރިޔާން ވެގެން ތިބޭ މީހުން މިވަނީ ގިނަވެފައެވެ. މަގުމައްޗަށް ނުކުންނަންޏާ އެކަކަށްވުރެ އެނެކަކު ކުރު ހެދުމެއް ލެވޭތޯ ބަލާއިރު ހަފްތާ ބަންދު ހޭދަކުރަނީ ބަނގުރަލާއި އެކު ރިޒޯޓުގައެވެ. އިންސާނުންނަށް ޖިންސީ ގޯނާ ކުރުން އާންމުވެފައި އޮއްވާ އިވެމުން މިދަނީ ކުކުޅު ހާލާއި ބަކައްޓަށް ޖިންސީ ގުޅުން ހިންގާ ވާހަކައެވެ. ޤައުމު ފަސާދަވެ ނިމިއްޖެއެވެ.

ދަރިން މައިންނަށް މައިން ދަރިންނަށް އަނިޔާވެރިވާއިރު މަގުމަތީގައި ހަމަޖެހިލައިގެން ހިނގާލެވޭކަށް ނެތެވެ. ރޯމާ ދުވާލުވެސް މީހުން މެރުން މިވަނީ އާންމު ކަމަކަށްވެފައެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގައި އަޒްލީނާ ރަހުމްކުޑަ ގޮތަކަށް މަރާލެވުނު ދުވަހު ބައެއް ދިވެހިން ނުނިދާ ބިރުން އުޅުނަސް މިއަދު މިވަނީ މީހުން މެރުން އާދައަކަށްވެފައެވެ. މަގުމަތިން ހިނގާފައިދާ މީހާގެ ބުރަކަށީގައި ވަޅިޖައްސާ އެމީހުން ގޮވައިގެން ބަންދު ކޮޓަރިތަކަށް ވައްދާ މުޅި ހަށިގަނޑު ފާސްކޮށް ހަދަނީ ފައިސާ ފޮއްޗެއްގެ އުންމީދުގައެވެ. އެގޮތުން ނުލިބިއްޖެނަމަ ކަންމަތީ ފިހާރަ ފަޅާލައިގެން އެތައް ލައްކަ ރުފިޔާއެއް އެދަނީ ލޫޓްވަމުންނެވެ. މިފަދަ ވަގުންގެ ވައްކަން އާންމުވެފައިވާތީ އަމިއްލަ ގޭން ވައްކަން ކުރުމާއި އޮފީހުން ފޮރުވަން ދޭ ފައިސާތައް އަމިއްލައަށް ފޮރުވާފައި 'ވަގަށް ގެންދިޔައީ' ކަމަށް ބުނެ ދޮގުހެދުންވެސް މިވަނީ އާންމުވެފައެވެ. ޤައުމު ފަސާދަވެ ނިމިއްޖެއެވެ.

ވަޒީފާއަކަށް ވަންނަން ބަލާއިރު ތިމާ ނުކިޔަވާ ހުރި މީހަކަށް ވީތީ ވަގު ސެޓްފިކެޓް ހެދުމާއި ވަޒީފާއަށް ވަނުމުގައި ކޮންމެވެސް ނުފޫޒެއް ބޭނުންކުރުންވެސް މިއަދު މައްސަލައެއް ނޫނެވެ.  ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ހިޔާނާތްތެރިވުން މިއަދު މިވަނީ އާންމުވެފައެވެ. އޮފީހެއްގެ ސްޓޮކް ބަލަހައްޓަން ހަވާލުކުރުމުން ތިމާގެ ދަރިފުޅުގެ ފޮތް ލިސްޓް އެއޮފީހުގެ ސްޓޮކުން ހަމަކޮށްލުންވެސް މިއަދު ހަމަ 'އޯކޭ'އެވެ. ދަރިން ސުކޫލަށް ގެންދަންޖެހޭ ޕޭޕަރުތައް ފޮޓޯ ކޮޕީ ހެއްދުމުގައި އޮފީހުގެ ފޮޓޯ ކޮޕީ މެޝިން ބޭނުންކުރަނީ އަމިއްލަ އެއްޗެއް ފަދައިންނެވެ. ޤައުމު ފަސާދަވެ ނިމިއްޖެއެވެ.

އެކަކު އަނެކަކަށް އިތުބާރު ކުރެވޭކަށް ނެތެވެ. ތިމާގެ ބެސްޓް ފްރެންޑް ކައިރީ ދައްކާ ވާހަކައިގެ އޯޑިއޯ އިންޓަނެޓް ގައި އާންމުވަމުންދެއެވެ. ފޭސްބުކްގައި ޖަހާލާ ސްޓޭޓަސްގެ ސަބަބުން އަންބިމީހާއާއި ވަރިފަށަށް އަރަނީއެވެ. ތިމާގެ އަނބިމީހާ  ފޭސްބުކް މެދުވެރިކޮށް މީހުންނާއި ހިތާވެގެން ނުނިދާ ޗެޓް ކުރުން އާންމެވެ. އަނބިމީހާ ގޭގައި އިނދެ އިންޓަނެޓްގެ ޒަރީއާއިން އެހެން މީހަކާއި އެކު 'ގޭން ބޭރުގަ'އެވެ. ގިނަ ފިރިން ގެއަށް އަންނަނީ ފަތިސްވާން އުޅެނިކޮންނެވެ. 'އޮފީސްކަމެއްގައި' ކަމަށް ބުނެ އުޒުރު ދައްކައިގެން ކުޅޭކުޅިގަނޑު ފަޅާއަރަނީ ފުޓްބޯޅަ ޓީމެއްވަރުގެ ކުދިން ފައްޗެއް ލިބުނީމައެވެ. ދަރިންތައްވެސް އުޅެނީ އުޅޭނެ ގޮތަކަށެވެ. އެކުދިންނަށް މައިންބަފައިންނަށް ކުރަންޖެހޭ އިހުތިރާމެއް ނޭނގެއެވެ. ރައްބެއް ރަސޫލެއް ނޭނގޭތާގައި ކިޔަވަން ސުކޫލަށް ބަރާބަރަށް ދަނީ މަދު ކުދިންކޮޅެކެވެ. ޤައުމު ފަސާދަވެ ނިމިއްޖެއެވެ.

އާއެކެވެ. ޤައުމު ފަސާދަވެ ނިމިއްޖެއެވެ. އެހެނަސް އަދި ވަގުތު އެބައޮތެވެ.

ޓެގް

ދީން ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.