މި ސަރުކާރުން މަސައްކަތް ކުރާނީ ކޮންމެ ދާއިރާއެއްގައި ކުރެވޭ ކަންކަމަކީވެސް މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލްތަކާ އެއްގޮތަށް ކުރެވޭ ކަންކަމަށް ހެދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި، ވަޢުދުތައް ފުއްދުމާއި، ޒުވާނުން ބިނާކުރުމާއި އަދި އިޤްތިޞާދު ބިނާކުރުމަށްވެސް މަސައްކަތް ކުރާނީ އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ކަމަށާއި، އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
އިސްލާމީ ދާއިރާއިން ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވަޤުފު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އެކި ސިޓީތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާކަމަށެވެ. މި މަޝްރޫޢުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ އިސްލާމްދީނުގެ ދާއިރާއިން ހޭދަކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި އިމާރާތްތަކުން ލިބޭ އާމްދަނީ ދީނީ ކަންކަމަށާއި އިޖުތިމާއީ ކަންކަމަށް އޮންނަ އުޞޫލުގެ ތެރެއިން ބޭނުން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް ބިނާކުރުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ރައީސް ވިދާޅުވީ ކީރިތި ޤުރުއާނަކީ މުސްލިމުން މުހިއްމު އިސްކަމެއްދޭން ޖެހޭ އެއްޗެއް ކަމަށެވެ. ރައީސް ވަނީ މިކަމާ ގުޅޭ ގޮތުން ޝުޢޫރު ފާޅުކުރައްވާފައެވެ. "ކީިރިތި ޤުރުއާނަކީ މުސްލިމުން މުހިއްމު އިސްކަމެއްދޭން ޖެހޭ އެއްޗެއް. އަޅުގަނޑު ފަޚުރެއް ގޮތުގައި އަދި އުފަލެއްގެ ގޮތުގައި ދެކެނީ ދިވެހިން ދިިރިއުޅޭ ކޮންމެ ފަސްގަނޑެއްގައިވެސް ޤުރުއާނަށް އިސްކާންދޭނެ ބިނާތަކެއް ޤާއިމްކުރުންް." ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
މިސްކިތްތަކުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތުގެ ތެރެއިން، މާލޭގައި ހުރި 800 މީހުންގެ ޖާގައަށްވުރެ ބޮޑު މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ރައީސް ވިދާޅުވީ ރަމަޟާން މަސް އަންނަންވާއިރަށް މަދުވެގެން 5 މިސްކިތެއް އޭސީކޮށް ނިންމާލެވޭނެކަމަށެވެ. އަދި ޤުރުއާން މުބާރާތަކީ ސަރުކާރުން ރަސްމީކޮށް ހިންގާ އެންމެ އަގުބޮޑު އިނާމުގެ ގޮތުގައި ހިންގޭ މުބާރާތްކަން ފާހަގަކުރައްވައި، މުބާރާތުގެ ކޮންމެ ގޮތްޕަކުން 1 ވަނަ ހޯދާ ދަރިވަރަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިފަދަ ބޮޑެތި އިނާމުތައް ދިނުމުގެ ބޭނުމަކީ، ތަޢުލީމީ ގޮތުން ކުރިއަރައިގެން ދިޔުމުގައި ޤުރުއާނުން ވަނަތައް ހޯދައިގެން ކުރިއަށް ދިޔުމުގެ ހިތްވަރު ދިނުންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުން އިސްލާމީ އަގުތަކަށް ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށާއި، ޤައުމީ ތަރައްޤީގެ ހުރިހާ ދާއިރާއެއްގައިވެސް ދީނީ ހަމަތައް ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...