ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު ޢިމާރާތުގެ މަސައްކަތް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއި ރަސްމީކޮށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޢިމާރާތަކީ 12 ބުރިއަށް ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭނެ ވަޤްފު ޢިމާރާތެކެވެ. މި މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ.
12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްސަ ޕާކިންގ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ޤާއިމް ކުރެވޭނެއެވެ. އަދި ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު (މަލްޓި-ޕަރޕަސް ހޯލް) ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމްތައްވެސް ޤާއިމް ކުރެވޭނެއެވެ.
244 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 24 މަސް ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢުއެކެވެ. މަޝްރޫޢު ނިމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތްވެސް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޢިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު، މި އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާނެއެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫޢުއެކެވެ.
ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުގެ މަސައްކަތްވެސް ވަނީ އާރުސީސީއާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫޢުތައް ފެށުމަށް ނިންމަވައި، އެ މަޝްރޫޢުތައްވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...