އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލަރުންނަށް ޚާއްސަކޮށްގެން ބޭއްވި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް ފުރިހަމަކުރި 36 ކައުންސިލަރަކަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފިއެވެ. މި ހުއްދަ ދީފައިވަނީ، ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާނެ މީހުން ލިބުމުގައި ދިމާވާ ދަތިކަން ފިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުއްދަ އެރުއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ. މިއީ، ރަށްރަށުގެ އިދާރީ ވެރިންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް މިގޮތަށް ބޭއްވި ފުރަތަމަ ޕްރޮގުރާމްކަން ފާހަގަކޮށްލެވެއެވެ.
މި ޕްރޮގްރާމަށްފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވަނީ، ޕްރޮގްރާމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއް ކަމަށެވެ.
ޚަޠީބުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމެވެ. މިހާތަނަށް މި ޕްރޮގްރާމުގެ 3 ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، 503 އަށްވުރެ ގިނަ ޚަޠީބުން ސަނަދު ޙާސިލްކޮށްފައިވެއެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. 3 ވަނަ ބުރުގައި 269 ޚަތީބުން ސަނަދު ހާސިލްކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ، މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.

















advertisment
ޚިޔާލު