ރާއްޖޭގެ ޚަބަރު

މުޖުތަމަޢުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ، ބަލިކަށިވުމުން: ހުކުރު ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، މިއަދުގެ މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ފަރުދުންގެ ހިތްތަކުގައި ހަރުދަނާ ގޮތެއްގައި އެޅިފައި ނެތުމުގެ ސަބަބުން ކަމަށެވެ. "ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުން" މި މައުޟޫއަށް ދެއްވި މި ޚުޠުބާގައި ވަނީ ދަރިން ތަރުބިޔަތުކުރުމުގައި އިމާންކަމާއި އިސްލާމުކަމުގެ މުހިއްމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލާފައެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ދީނީ އަސާސްތައް ދަސްކޮށްދިނުމުގައި ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅަކީ ވަރަށް މުހިންމު ބިންގަލެކެވެ. މި ޙަދީޘްފުޅުގައި އިންސާނާއަށް، ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް އެކުލެވިގެންވެއެވެ. މި ޙަދީޘްފުޅުގައިވާ ކަންތައްތައް އެންގެވުމަށް މާތް ﷲ އިރާދަކުރެއްވި ގޮތަކީ، އެ ވާހަކަތައް އެންމެ ފުރިހަމައަށް އިންސާނުންގެ ހިތްތަކުގައި ބިންވަޅުނެގި، ދިގު މުއްދަތަކަށް ދަސްވެ، ހިތުގައި ހަރުލައި ހުންނާނޭ ގޮތެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އެގޮތުން މި ޙަދީޘްފުޅު އައިސްފައި ވަނީ ޙާދިސާއެއްގެ ގޮތަށްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ މިއީ މި ޒަމާނުގެ ތަޢުލީމީ ދާއިރާގައި "ރޯލް ޕްލޭ"ގެ ނަމުން މަޝްހޫރުވެފައިވާ އުސްލޫބާ އެއްގޮތް ގޮތެއް ކަމަށެވެ. އެއީ ދަސްކުރާން ޖެހޭ ފިލާވަޅު ތަމްސީލުކޮށްލުމުގެ ސަބަބުން ވަރަށް އަވަހަށް ފިލާވަޅު ދަސްވެ ގިނަ ދުވަހަށް ހިތުގައި ހަރުލައިފައި ހުންނާނެތީއެވެ. ޖިބްރީލް ޢަލައިހިއްސަލާމް އިސްލާމް ދީނުގެ އަސާސްތަކާ މެދު ގެނެސްދެއްވި އެ ސުވާލުތަކަކީ ވަރަށް ވަރުގަދައަށް ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅުނެގިފައި ހުންނާންޖެހޭނޭ ކަންތައްތަކެއް ކަމަށް ޚުޠުބާގައި އިޝާރާތްކުރެއްވިއެވެ.

ނަމަވެސް ޚުޠުބާގައި ކަންބޮޑުވުން ފާޅުކުރެއްވި ގޮތުގައި، މިއަދު މިކަންކަމުގެ މައްޗަށް ވަރަށްބޮޑަށް އަޅައިނުލެވި ފަރުވާކުޑަކުރެވިފައިވެއެވެ. އެދެވޭ ގޮތުގައި ހިތުގައި މި ކަންކަން ހަރުލެއްވިފައި ނުވާތީ، މުޖުތަމަޢުގައި ނޭދެވޭ ކަންތައްތައް ގިނަވަމުންދާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި، ޅަފަތުން ފެށިގެން މި އަސާސްތައް ދަރިންގެ ހިތްތަކުގައި ހަރުލެއްވުމުގެ މުހިންމުކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކައި އީމާންކަމުގެ ބިންގާ ވަރުގަދަކުރުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވިއެވެ: "އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިއުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީއެވެ. އެހެންކަމުން ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި، ހަރުލެއްވިއްޖެ ނަމަ މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނޭކަން ކަށަވަރެވެ".

ހުޠުބާގައި ވިދާޅުވީ ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުން މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެކަމަށާއި ސާފުތާހިރުކަންމަތީގައި އަދަބުވެރިކޮށް ހުންނާންޖެހޭނެކަން އެނގިގެންދާކަމަށެވެ. މުދައްރިސްގެ ކުރިމަތީގައި އިށީނުމުގެ އަދަބުވެރި ގޮތް ވެސް ފާހަގަކުރެވޭކަމަށާއި، ހަމަ އެ ފަދައިން ނޭނގޭ ކަމެއްގެ ސުވާލުކުރެވިއްޖެ ނަމަ ނޭނގޭ ވާހަކަ ބުނުމަކީ ވެސް މުދައްރިސްގެ ޤަދަރު އުނިވާނެކަމެއް ނޫންކަން ވެސް އެނގިގެންދާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *