މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 93 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން މުދަލު ޒަކާތުގެ ބައި އިތުރުވަމުންދާކަން ހާމަކޮށްދޭ އަދަދެކެވެ.
މީރާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ލިބުނު 93 މިލިއަން ރުފިޔާއަކީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 88 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 5 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، މި އަހަރުގެ އޮކްޓޫބަރު މަހަށް އެކަނި ބަލާއިރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.5 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު 5.6 މިލިއަން ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.
މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. މި ބަދަލާއެކު މިހާރު ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 11,191.95ރ އެވެ. މިއީ ރިހީގެ ގްރާމަކަށް 18.81ރ ގެ ރޭޓުން 595 ގްރާމަށްވާ އަދަދެކެވެ. މީގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15 ރުފިޔާގައެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަތުމުގެ ކަންކަން ހަވާލުކުރެވިފައިވަނީ ދައުލަތުގެ ޓެކްސް އިދާރާ ކަމަށްވާ މީރާއާއެވެ. މުދަލު ޒަކާތް އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ދެއްކޭނެއެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ކޮންމެ މީހަކުވެސް ދައްކަން ޖެހޭ މުދަލު ޒަކާތުގެ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

















advertisment
ޚިޔާލު