އީމާންކަމުގެ އަހުލުވެރީންނަކީ، ދޯހަޅިކަމެއް ނެތް ބަދަހި ޢިމާރާތެއް ފަދަ ބައެއްކަމަށާއި، އޭގެ އެއް ބައި އަނެއް ބަޔަށް ގަދަކަން ދޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޞޫއަކީ "އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް" އެވެ. މި ޚުޠުބާގައި ވަނީ އިސްލާމްދީނަކީ އޯގާތެރިކަމާއި، ލޯތްބާއި، ހަމަޖެހުމުގެ ދީންކަން ހާމަކޮށް، މުސްލިމުން އެއްބައިވަންތަވުމަށް ގޮވާލާފައެވެ.
ޚުޠުބާގައި ވިދާޅުވި ގޮތުގައި އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެކެވެ. މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައެވެ. އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށާއި، މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުންކަން ވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައެވެ. އަދި އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބަޔެއްގެ ގޮތުގައެވެ. ނަމަވެސް ޚުޠުބާގައި ވިދާޅުވީ ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީންކަމަށެވެ. މަތިވެރި އަޚުލާޤާއި ރަޙުމަތާ ދެމެދުގައި ވަނީ ގިނަގުނަ މާތް ސިފަތަކެއް ކަމަށާއި، އެ ސިފަތަކުން ލޯބިވުމަށާއި ރަޙުމުކުރުމަށް ބާރުއަޅާ ކަމަށް ވިދާޅުވިއެވެ.
ޚުޠުބާގައި އިޝާރާތްކުރެއްވި ގޮތުގައި، އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެކެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީނެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީނެއް ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ރިވެތި އަޚުލާޤުގެ މުހިންމުކަން ފާހަގަކުރައްވަމުން ޚުޠުބާގައި ވިދާޅުވިއެވެ. "ނަބިއްޔާ އަހަރެމެންނަށް އަންގަވަނީ ރިވެތި އަޚުލާޤުގެ ވެރިޔަކަށް ވުމަށެވެ. އެއީ، ޤިޔާމަތްދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭނޭ ކަމެކެވެ. ރިވެތި އަޚުލާޤު ސިފަކުރައްވަމުން عَبْدُ اللَّهِ بْنُ الْمُبَارَك رَحِمَهُ اللّه ވިދާޅުވެފައި ވެއެވެ. "އެއީ ހިނިތުންވުމާއި، ހެޔޮފޯރުވުމާއި، މީސްތަކުންނަށް އުނދަގޫނުކުރުމެވެ." މި ފަދަ ކަންކަމުން އަހަރެމެންނަށް އެނގެނީ އިސްލާމްދީނަކީ ލޯތްބާއި، ހަމްދަރުދީއާއި، އޯގާވެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުވުމުގެ ދީންކަމެވެ."
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ އިސްލާމްދީނަކީ ހިތްތިރިކަމާއި މަޑުމައިތިރިކަމަށް ގޮވައިލާ ދީން ކަމަށެވެ. އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅައެވެ. މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބޭނެއެވެ. އެކުވެރިވެ، ދީނުގައި ވަރުގަދައަށް ހިފަހައްޓާ، ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

















advertisment
ޚިޔާލު