މި ސަރުކާރުގެ ދައުރު ނިމޭއިރު މާލެ ސިޓީގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މ. މުއިވެޔޮދޮށުގެ/ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މާލެ ސިޓީގައި ހުރި ބައު މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވައި ބާކީ ހުރިހާ މިސްކިތްތަކެއް ހުރި ބިންތަކުގައި އައު މިސްކިތް އެޅުމަށް މިހާރު ސްޕޮންސަރުން ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުތަކަށް ޖުމްލަ ގާތްގަޑަކަށް 200 މިލިޔަން ރުފިޔާގެ ސްޕޮންސަރ ވަނީ ހަމަޖެހިފައެވެ. ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، "މިދައުރުގެ ތެރޭގައި މާލޭގައި ނުހުންނާނެ ބައު މިސްކިތެއް." ކަމަށެވެ. އަދި އަންނަ އަހަރު އަފީފުއްދީން ބައު މިސްކިތަށްވެސް ސްޕޮންސަރ ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މ. މުއިވެޔޮދޮށުގެ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅި ބިމަކީ ކުރިން ތަޢުލީމީ ހަރަކާތްތައް ކުރިއަށް ގެންދެވުނު ތަނެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި މަޝްރޫޢުވެސް ކުރިއަށްދާނީ އަޅުކަމާއި ތަޢުލީމާއި އިޖުތިމާޢީ އެކި ހަރަކާތްތައްވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށްކަމަށެވެ. މި މިސްކިތް ނިމުމާއެކު މިއީ މާލޭގައި ހުރި އެންމެ މިޒަމާނަށް ފެތޭ އެއް ތަނަކުން އެންމެ ގިނަ ވަސީލަތްތައް ބޭނުންކުރެވޭ މިސްކިތަކަށް ވެގެންދާނެއެވެ. އަދި ދީނީ އެކި ހަރަކާތްތަކާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައްވެސް ހިލޭ ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް މިތަން ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސިޓީގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ބަރުބަރީ މިސްކިތް ޑިސެމްބަރުގައި ހުޅުވާނެ ކަމަށާއި، ޒިކުރާ މިސްކިތް އަންނަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ފަށާނެކަމަށާއި، މި މިސްކިތްތައް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި އައު މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

















advertisment
ޚިޔާލު