ރާއްޖޭގެ ޚަބަރު

ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލައިފި

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ. މި ގޮވާލެއްވުން އައިސްފައިވަނީ އުރުދުންގެ ވެރިރަށް އައްމާންގައި މިމަހުގެ 7 އިން 9 އަށް ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޞިއްޙީ ވަޒީރުންގެ 8 ވަނަ ބައްދަލުވުމުގައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި، މެންބަރު ޤައުމުތަކުގެ އިސްވެރިންނާއި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ބައްދަލުކުރައްވައި، ޞިއްޙަތާ ގުޅުންހުރި އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ނާޡިމް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ.

"މި ކުރިއެރުންތަކަކީ ވަރަށް ގިނަ ބަޔަކު ގިނަ ދުވަހު ކޮށްފައިވާ ބުރަ މަސައްކަތް" ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޞިއްޙީ ދާއިރާއަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދެނެގަތުމަށާއި، އޯއައިސީގެ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ މިންވަރު ވަޒަންކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މީގެއިތުރުން، ކުރިއަށް އޮތް 10 އަހަރުގެ ސްޓްރެޓީޖިކް ޕްރޮގްރާމް އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އޯއައިސީގެ ޞިއްޙީ ވަޒީރުންގެ ބައްދަލުވުން އެންމެ ފަހުން ބޭއްވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު، އެކުވެރި ޢަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގައެވެ. މި ބައްދަލުވުމުގެ ސަބަބުން އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *