ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން މިއަދު ވަނީ ނިމިފައެވެ. މި މުބާރާތުގައި މިއަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 1036 ފަރާތަކުން ބައިވެރިވެފައިވާއިރު، ކިޔަވާފައިވަނީ 1023 ބައިވެރިންނެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް އަލީ ވަހީދު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި، ހާފިޒުންގެ ބައިން 29 ބައިވެރިން ވަނީ ކިޔަވާފައެވެ.
"ވޭތުވެދިޔަ 3 މުބާރާތެކޭ އެއްގޮތަށް މި މުބާރާތަކީ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލާ ކިޔެވުމުގެ ގޮފި އެއްވަގުތެއްގައި 2 ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް މުބާރާތެއް. އިރާދަކުރެއްވިއްޔާ މިއީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ފާހަގަވެފައިވަނީ،" އަލްއުސްތާޛް އަލީ ވަހީދު ވިދާޅުވިއެވެ.
މި މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ، ރާއްޖޭގައި އެންމެ ދުވަސްވީ ޤުރުއާން މުބާރާތެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 26 އަށް ކިންގ ސަލްމާން މިސްކިތުގައެވެ. މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުވައްސަސާތަކުގެ އިތުރުން އަމިއްލަގޮތުން އެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، މުޅި މުބާރާތުންވެސް ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުއެވެ.
ޚިޔާލު