އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ދިވެހި ވަފުދުން ވަނީ އދ.ގެ މައި މަރުކަޒުގެ ހޯލު ދޫކޮށް ނުކުމެފައެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރުމުގައި" ކަމަށެވެ. މިއީ މިދިޔަ އަހަރުވެސް ދިވެހި ވަފުދުން ހަމަ މިފަދަ ހާލަތެއްގައި އިސްރާއީލުގެ ބޮޑުވަޒީރުގެ ތަޤުރީރު ދޫކޮށް ނުކުމެފައިވާ ދެވަނަ ފަހަރެވެ.
މިއަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ފާހަގަކުރެވިގެންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އެ ޤައުމުގެ ރައްޔިތުންގެ ޙައްގުގައި ގިނަ ޤައުމުތަކަކުން އަޑުއުފުލަމުންދާ މަންޒަރެވެ. މިގޮތުން ނަތަންޔާހޫގެ ތަޤުރީރު ފެށުމާއެކު، ގިނަ ޤައުމުތަކެއްގެ ވަފުދުތަކުން ވަނީ ބައްދަލުވުން ދޫކޮށް ގޮސްފައެވެ.
ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ ހުއްދަދެއްވުމާ ގުޅޭ ޤަރާރަށް ވޯޓުދީފައެވެ. އަދި ރާއްޖެ ފަދަ އެތައް ޤައުމެއްގެ އެހީތެރިކަމާއެކު، ފަލަސްޠީނުގެ ރައީސް ވަނީ މިއަހަރު ވީޑިއޯ މެދުވެރިކޮށް އާންމު މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.
ފަލަސްޠީނުގެ ޙައްގުގައި ދިވެހިރާއްޖެއިން ދަނީ ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި އަޑުއުފުލަމުންނެވެ. އަދި ފަލަސްޠީނަށް އެހީވުމަށް ދިވެހިން އަތުގުޅާލާފައިވާއިރު، ސަރުކާރުން ދަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ބާރުއަޅުއްވައި، އެކަމަށް ވަކާލާތުކުރަމުންނެވެ.

















advertisment
ޚިޔާލު