އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތަކީ، ދިވެހި ހުރިހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެމާތް ދީނުގެ އުޞޫލުތަކުގެ މައްޗަށް އަނބުރައިލުންކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށެވެ.
މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވި ހާދިސާއަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެދުވަހުން ފެށިގެން މިއަދާ ހަމައަށް ދިވެހިން ތިބީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ކަމަށާއި، އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މިފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމުގައި ކަމަށެވެ.
"އިސްލާމްދީން ބިނާކޮށްދެނީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނެކެވެ. ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި، ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އިސްލާމްދީނުގެ ޝިޢާރުތައް މިދީބުގައި ނެގެހެއްޓެވި އެންމެހާ ބޭފުޅުންގެ ޛިކުރާ އައުކުރައްވައި، އެ ބޭފުޅުންނަށް ދުޢާ ކުރެއްވިއެވެ.
ވޭތުވެދިޔަ 9 ޤަރުނުގެ ތެރޭގައި ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްގެ ގޮތުގައި ބޭރުގެ މުއައްރިޚުން ފާހަގަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ދެވަނައެއް ނެތް މިސާލަކަށް ވެފައިވަނީ ދިވެހީންގެ އިސްލާމީ އަޚްލާޤާއި ރީތި ސިފަތަކާ އެކުގައިކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ އަހަރު ކަމަށްވުމުން، މި މުނާސަބާ ފާހަގަކުރުމަށް މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާކޮށް، ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ރާވާފައިވެއެވެ. މިއީ މި ޖީލުގެ ދިވެހީންނަށް ދިމާވާނެ އެންމެ ހައިބަވަންތަ އަދި ތާރީޚީ ދުވަސްކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި އިސްލާމްދީންމަތީ ދެމިތިބެ، ﷲގެ އޯގާވަންތަކަމާއި، ބަރަކާތާއި، މަދަދާއި، ރައްކާތެރިކަންމަތީ ތާއަބަދަށް މިލޮބުވެތި ވަޠަނާއި ދިވެހިރައްޔިތުން ލަހައްޓަވައި، އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ޤަދަރާއި އިޙްތިރާމް އިތުރުކުރެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.
ޚިޔާލު