ރާއްޖޭގެ ޚަބަރު

އިސްލާމީ މަރުކަޒު ޑިޒައިން ކުރެއްވި ހާޖީދާރު އަބްދުލްމަޖީދު 40 އަހަރުފަހުން ރާއްޖޭގައި

ވެރިރަށް މާލޭގައި ހުންނަ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ނުވަތަ އިސްލާމީ މަރުކަޒު ޑިޒައިންކުރެއްވި މެލޭޝިޔާގެ އާކިޓެކްޓް، ދާތޯ ހާޖީދާރު އަބްދުލްމަޖީދު 40 އަހަރު ފަހުން ރާއްޖެއަށް ޒިޔާރަތް ކުރައްވައިފިއެވެ. މައުމޫން ފައުންޑޭޝަނުގެ އިންތިޒާމުގައި ކުރިއަށްގެންދިޔަ މި ދަތުރުފުޅުގައި އޭނާ ވަނީ އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ.

އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބިނާކުރެއްވި އާދަޔާ ޚިލާފު ބިނާއެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް މި މިސްކިތް ހުޅުވިތާ 40 އަހަރު ފުރިފައިވާއިރު، މިއީ މިއަދާ ހަމައަށްވެސް ރާއްޖޭގައި އޭގެ ރީތިކަމާއި މޮޅުކަން ފާހަގަކުރެވޭ އެއް ބިނާއެވެ.

ދާތޯ ހާޖީދާރު އަބްދުލްމަޖީދުގެ ޝަރަފުގައި އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ހަފްލާގައި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވާހަކަފުޅު ދައްކަވަމުން، އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ދީނީ ޢިލްމާއި ޤުރުއާނާއި އިސްލާމީ ސަގާފަތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބައިވެރިއެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ދާތޯ ހާޖީދާރު އަބްދުލްމަޖީދަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ މިސްކިތުގެވެސް އާކިޓެކްޓެވެ. އޭނާ ޑިޒައިންކުރެއްވި އިސްލާމީ މަރުކަޒުގެ ފަދައިން، މިހާރު ރާއްޖޭގެ އެކި ރަށްރަށުގައިވެސް އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

އިސްލާމީ މަރުކަޒު ބިނާކޮށް ހޭދަވި 40 އަހަރުގެ ތެރޭގައި، މި ތަން ވެފައިވަނީ ދިވެހި ޤައުމުގެ އިސްލާމީވަންތަކަމުގެ މައި ރަމްޒަށެވެ. މިތަނުގައި ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި، ބޭރުގެ މަޝްހޫރު ޢިލްމުވެރިން ގެނެސްގެން އިޙްޔާ ފޯރަމްތައް ބާއްވައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ދައުލަތުގެ އިސްލާމީ ވުޒާރާ ހިންގަމުން އަންނަނީ މި ބިނާގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *