ރާއްޖޭގެ ޚަބަރު

3 ޤައުމަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތިން ޤައުމުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަކީ އެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، އެ ބައެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްވެފައިވާކަން ހާމަވެގެންދާކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ތިން ޤައުމުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުގެ އިއުލާން ކޮށްފައިވަނީ މިހާރު ކުރިއަށްދާ އދ. އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ތެރެއިންނެވެ. މިއީ ހުޅަނގުގެ އިތުރު ޤައުމުތަކުން ވެސް ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިހާތަނަށް ފަލަސްޠީނުގެ ދައުލަތް ބަލައިގަނެފައިނުވާ ޤައުމުތަކުން ވެސް އެ ޤައުމުގެ ރައްޔިތުންގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ގޮވާލާކަމަށެވެ.

ފަލަސްޠީނުގެ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް އެންމެ އިސްކަމެއް ދީގެން ވަކާލާތުކުރަމުންދާ މައްސަލައެކެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ އެއްބާރުލުން ހޯދުމަށް ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *