އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ނައްތައިލުމުންނާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތްﷲއަށް އުރެދި ޣާފިލުވުމުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"މުޖުތަމަޢު އިސްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫޢުގައި ދެއްވުނު ޚުތުބާގައި، މުސްލިމުންނަކީ އަމާންކަމާއި، ސުލްޙަވެރިކަމާއެކު އުޅެމުންއައި ބައެއްކަން ފާހަގަކުރައްވައި، ފަހުގެ ތާރީޚުގައި މުޖުތަމަޢަށް އިޖްތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާމެދު ކޮންމެ މީހަކު ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
މުޖުތަމަޢުގައި މިހާރު އާންމުވެފައިވާ ނުރަނގަޅު އާދަތަކުގެ ތެރޭގައި މައިންބަފައިންނަށް އުރެދުމާއި، އެމީހުންނަށް ނުކިޔަމަންތެރިވުން ހިމެނޭކަން ފާހަގަކުރައްވައި، މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި މަންމައާއި ބައްޕަގެ ރުހުން ލިބިއްޖެނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިޒަމާނުގައި ބައެއް މީހުން ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުންފަދަ ދީނުގައި ނަހީކުރައްވާފައިވާ ކަންކަމަށް އަރައިގަންނަކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން، ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާއެކު ގެއަށް އެނބުރި ދިއުމުގެ މާތްކަން ބަޔާންކުރައްވައި، މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅެއް ނަންގަވައި ވިދާޅުވިއެވެ.
މީގެއިތުރުން، ވިޔަފާރީގައި ތެދުވެރިވުމުގެ މުހިންމުކަމާއި، މަކަރުހެދުމުގެ ނުބައިކަން ފާހަގަކުރައްވައި، މިފަދަ ކަންކަމާމެދު ފިކުރުހިންގައި ޢަމަލުތައް ސީދާކުރުމަށް ޚުތުބާގައި ގޮވާލައްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...