ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސަރވިސް ގަވާއިދަށް ގެނެވުނު އިސްލާހަށް ގިނަ ދީނީ ޢިލްމުވެރިން ވަނީ މަރުހަބާ ކިޔައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކޮށްފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އިއްޔެ އާންމުކުރި ސިވިލް ސަރވިސްގެ ގަވާއިދުގެ 13 ވަނަ އިސްލާހުގައިވާ ގޮތުން، ކުރިން އެ ގަވާއިދުގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހުން"ގެ ބައި ވަނީ އުވާލާފައެވެ.
މި އިސްލާހާ ގުޅިގެން ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ މުހައްމަދު ވިދާޅުވީ، "މޫނުބުރުގާ އަޅައިގެން ސިވިލް ސަރވިސް ވަޒީފާ އަދާކޮށްއުޅުމަށް އޮތް ހުރަސް ޤާނޫނީ ގޮތުން ފިލުވައިދެއްވައި، ދީނަށް ލޯބިކުރާ އެތައް ބައެއްގެ އުދާސްތަކަށް ނިމުން ގެނެސްދެއްވީތީ" ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުހައްމަދު ލަތީފް ވެސް މި އިސްލާހަށް މަރުހަބާ ކިޔުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އިސްލާހީ މަސައްކަތްޕުޅުތަކުގައި ބަރަކާތް ލެއްވުމަށް ދުޢާ ކުރައްވާފައިވެއެވެ.
އައްޝައިޚް އަހްމަދު ސަމީރު ވިދާޅުވެފައިވަނީ މޫނު ބުރުގާ އެޅުމާ ގުޅޭގޮތުން ކުރީގެ ސަރުކާރުތަކުން ދަތިކުރަމުން ދިޔަ މާއްދާ ބަދަލުކޮށްދެއްވުމަކީ ވަރަށް ހެޔޮކޮށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
އާ އިސްލާހުގެ ދަށުން ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށާއި، އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަޤާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...