މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1003 ފަރާތަކުން ބައިވެރިވާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ހާމަކުރައްވައިފިއެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ފަރާތަކާއި ނުބަލާ ކިޔެވުމުގެ ބައިން 166 ފަރާތެއް ބައިވެރިވާއިރު، ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން 190 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ބައިން 172 ދަރިވަރަކު ބައިވެރިވެއެވެ.
މީގެ އިތުރުން، ޙާފިޒުންގެ ބައިން 29 ބައިވެރިންނާއި، އެހެނިހެން ކެޓަގަރީތަކުން ބަލައިގެން ކިޔެވުމުގެ ބައިން 181 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ބައިން 75 ބައިވެރިން ވާދަކުރާނެއެވެ.
ކުރީގެ އަހަރުތަކެކޭ އެއްފަދައިން، މި އަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ތިން މައިގަނޑު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ. ކޮންމެ ބަޔަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ތިން ބައިވެރިން ހޮވައި، ކޮންމެ ބައެއްގެ އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުހިންމު މުބާރާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...