ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން މަސައްކަތްކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ. މި ނިންމުމަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އަށް ގެނެވުނު އިސްލާހެއްގެ ދަށުން ދެވުނު ހުއްދައެކެވެ.
ކުރިން ޢަމަލުކުރަމުން އައި ގަވާއިދުގައި ބަޔާންކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ ޚިދުމަތްތަކަކީ ޒިންމާދާރުކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ޚިދުމަތްތަކަކަށްވާތީ، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް މުވައްޒަފަކީ ކާކުކަން އެނގެން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، މިހާރު ގެނެވުނު އިސްލާހުގައި "ލޯ ނުފޮރުވޭ ގޮތަށް މޫނުބުރުގާ އެޅުމަކަށް މި މާއްދާއިން ހުރަހެއް ނާޅާ" ކަމަށް ބަޔާންކޮށްފައިވެއެވެ.
އައު އިސްލާހުގެ ދަށުން، މަސައްކަތުގެ މާހައުލުގައި މޫނުބުރުގާ އަޅާ މުވައްޒަފުންނަކީ ކާކުކަން ކަށަވަރުނުވެއްޖެ ހާލަތެއްގައި، އެ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މުހިންމު ބަދަލު ގެނެވުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މިފަދަ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެ ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، "އިސްލާމްދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ" ކަމަށެވެ. އަދި މޫނުބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނުވަތަ ގަވާއިދެއް އޮތްނަމަ، އެ ބަދަލުކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލަކީ ޝަރުޢީ ދާއިރާއަށް ގެނެވުނު މުހިންމު ބަދަލެއްކަން ފާހަގަކުރެވެއެވެ. އެހެނީ މީގެ ކުރިން މޫނުބުރުގާ އެޅުމުގެ ސަބަބުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް އަދި ވަޒީފާ ދިނުން ހުއްޓުވާފައިވާ ހާދިސާތައް ހިނގާފައިވާތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...