އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން ކަމަށް ހުކުރު ޚުޠުިބާގައި ބުނެފިއެވެ.
“ރަނގަޅު މުޖުތަމަޢެއް ބިނާކުރުން” މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފަހި ފުރުޞަތުކަމަށެވެ.
އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ ފަހި ފުރުޞަތެވެ. އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، އަހަރެމެންގެ ޢަޤީދާއާއި، އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް، ބައެއް ޒުވާނުން ކަސިޔާރުވެއެވެ. މި ކަމާ މެދު މާޔޫސްވެފައި ތިބުމުގެ ބަދަލުގައި، ރިވެތި ގޮތުގައި ނަސޭހަތްތެރިވެ، ޢިލްމާއި ޙިކުމަތާއި އޯގާތެރިކަމާ އެކު، އެ ޒުވާނުންނަށް ހެޔޮމަގަށް މަގުދައްކައިދޭން ޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއީ މިއަދު ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް، އުންމަތަށް ޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެކެވެ. ޝައްކެއްނެތެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ހުރީ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްޓަންކޮށްގެންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ހުޠުބާގައި ބުނެފައިވަނީ އިސްލާމް ދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދާކަމަށެވެ. އަދި ހިތާމައަކީ މި ކަމުގެ ވިހަ އަސަރު އަހަރެމެންގެ ތަޢުލީމާއި ތަރުބިޔަތަށް ވެސް ފޯރާކަމަށް ހުޠުބާގައި ބުނެފައިވެއެވެ. ޅަދަރީންގެ ސިކުނޑިތައް ދޮވެވި، އެ ކުދީން ފިޠުރަތުގެ މަގާ ދުރަށްދާކަމަށާއި، މާއްދިއްޔަތަށް ގޮސް ހުސްވެ، އުންމަތުގެ މުސްތަޤުބަލު ބަނަވެ އަނދިރިވަމުންދާކަމަށް ހުޠުބާގައި ބުނެފައިވެއެވެ.
“އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން، ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން، މިއަދު މުޖުތަމަޢުތަކުގައި އިސްލާމީ ޝަރީޢަތުގެ ވާހަކަ ދެއްކުމުން ގިނަ މީހުންނަށް ވިސްނެނީ އެއީ، ވައްކަންކުރާ މީހާގެ އަތްކެނޑުމާއި، ޒިނޭކުރާ މީހާ ރަޖަމުކުރުމާއި، މީހެއްގެ ލޭ އޮހޮރުވައިލައިފި މީހާގެ ކިބައިން ޤިޞާޞްހިފުން ކަމުގައި، ޙަޤީޤަތަކީ، އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މަތީގައި މުޖުތަމަޢެއް ބިނާވުމުން މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި، ކުރިއެރުން އެ މުޖުތަމަޢަކަށް ލިބުން، އުންމަތުގެ މާޒީ މި ކަމަށް ހެކިދޭ” ހުޠުބާގައި ބުނެފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން އެ ރަށަކީ އަނިޔާވެރިކަމާއި ހަމަނުޖެހުން ޢާންމުވެފައިވާ ރަށެއް ކަމަށާއި، ހިޖުރައަށް ފަހު އެ ރަށްވީ އިސްލާމީ ޝަރީއަތާ އެއް ގޮތަށް ބިނާކުރެވުނު ފުރަތަމަ މުޖުތަމަޢަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި އެކަމުގެ ނަތީޖާއަކީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޢިލްމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢުމްރާނީ ގޮތުން ދުނިޔެ ޢަޖައިބު ކުރުވަނިވި އެތައް ތަރައްޤީއެއް އެ ރަށަށް ލިބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...