7 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ހަވާލުކުރުމުގެ ތާރީޚީ ޙަފްލާ އަންނަ 16 އޮގަސްޓު 2025 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި، "މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަކަށް މަތީ ތަޢުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރު" ކަމަށެވެ. މިފަހަރުގެ ސްކޮލަރޝިޕްތައް އަމާޒުކުރެވިފައިވަނީ އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށެވެ.
ޒަކާތު ފަންޑުން މިފަހަރު ހުޅުވާލާފައިވަނީ ޖުމްލަ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ. އަދި 30 ފުރުޞަތަކީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ. ރާއްޖެއިން ބޭރުގެ ފުރުޞަތުތައް ހުޅުވާލާފައިވަނީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވުނީ މިދިޔަ އޭޕްރިލް މަހުގައެވެ. އަދި މި ފުރުޞަތު މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ނިމުމަކަށް އައިސްފައެވެ. ޖުމްލަ 29 ފަރާތަކުން ވަނީ ސްކޮލަރޝިޕަށް އެދި ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ސްކޮލަރޝިޕަށް އެދި ހުށަހެޅި 18 އެޕްލިކޭޝަނާއި، ޚާއްސަ ސްކޮލަރޝިޕަށް އެދި ހުށަހެޅި 11 އެޕްލިކޭޝަނެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުޞަތު ވަނީ ޚާއްޞަކުރެވިފައެވެ. މިއީ ޒަކާތު ފަންޑުން 7 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފަށާ ސްކޮލަރޝިޕް ޕްރޮގްރާމަކަށްވެފައި، އިސްލާމީ ތަޢުލީމަށް މިހާ ބޮޑު އިންވެސްޓްމަންޓެއް ކުރެވޭ ފުރަތަމަ ފަހަރު ކަމުގައިވުމާއެކު، މި ޙަފްލާއަކީ ވަރަށް ތާރީޚީ ޙަފްލާއެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...