ޒަކާތާގުޅޭ ކަންކަން ކަނޑައަޅައި، ތަންފީޒުކޮށް، ހަރުދަނާކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް ހެދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. އަދި މި ބިލު ވަނީ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. މީގެ ތެރޭގައި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދޭންޖެހޭ މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނެއެވެ.
ޤާނޫނުގެ ދަށުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ޤާނޫނުގެ ދަށުން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ވަކި އިދާރާއެއް އުފެދޭނެއެވެ.
ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަންޖެހޭނެއެވެ. މި ކައުންސިލްގައި ޖުމްލަ 9 މެންބަރުން ހިމެނޭނެއެވެ. މީގެ ތެރޭގައި ވަޒީރާއި، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުން ހިމެނެއެވެ.
އަދި މި ޤާނޫނާއެކު ޒަކާތާބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެއެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމެވެ.
ޒަކާތުގެ ބިލުގައި ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަންޖެހޭ ގޮތްތަކާއި ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...