ރާއްޖޭގެ ޚަބަރު ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދެދުނިޔޭގެ ހެވާއި ލާބަ ލިބިގެންދާނެ ކަމެއް: ޚުޠުބާ

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދެދުނިޔޭގެ ހެވާއި ލާބަ ލިބިގެންދާނެ ކަމެއް: ޚުޠުބާ

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދެދުނިޔޭގެ ހެވާއި ލާބަ ލިބިގެންދާނެ ކަމެއް: ޚުޠުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދެދުނިޔޭގެ ހެވާއި ލާބަ ލިބިގެންދާނެ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ފާހަގަކުރައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލެވިފައިވަނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މަތިވެރިކަމުގެ މައްޗަށެވެ. މި ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ކީރިތި ޤުރްއާނަކީ ޤިޔާމަތާ ހަމައަށް އެއްވެސް ބަދަލެއް ނާންނާނެ، މާތްﷲ ގެ މުޢުޖިޒާތެއްގެ ގޮތުގައި ބާވައިލެއްވި ކަލާމްފުޅެކެވެ. އަދި މި މާތް ފޮތް ރައްކާތެރިކުރެއްވުމުގެ ވަސީލަތްތައް މާތްﷲ ވަނީ މެދުވެރިކުރައްވަވާފައެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމަކީ އޭގެ ތެރެއިން އެއް ގޮތްކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޤުރްއާން ހިތުދަސްކުރުމަކީ ދެދުނިޔޭގެ ހެވާއި ލާބަ ލިބިގެންވާ ކަމެކެވެ. އެގޮތުން رَسُولُ ﷲ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވަނީ: "ހަމަކަށަވަރުން، މުސްކުޅިވެ ނުރަޖަހައިފައިވާ މުސްލިމާއަށާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، ކަންދެއްކުމެއް ނެތި، އަދި އެ ފޮތަށް ފުރަގަސް ދިނުމެއް ނެތި، އެ ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށާއި، ޢަދުލުވެރި ވެރިމީހާއަށް މާތްކޮށް ހިތައި ކަމޭހިތުމަކީ، الله تَعَالَى މާތްކޮށް، މަތިވެރިކުރުމުގެ ތެރެއިންވާ ކަމެކެވެ."

މީގެ އިތުރުން ކީރިތި ޤުރުއާން ހިތުދަސްކުރާ މީހާއަށް އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމަށް ބަޔާންކޮށް ޚުތުބާގައި ބުނެފައިވަނީ އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގެ ކުރިން އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވިކަމަށެވެ.

އެގޮތުން އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި، ސަލަފުންގެ ޒަމާނުގައި ކީރިތި ޤުރްއާން ހިތުދަސް ދަރިވަރަކަށް ނޫނިއްޔާ ޙަދީޘް ޢިލްމާއި ފިޤުހު ޢިލްމު އެބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ.

ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ ޤުރްއާން ހިތުދަސްކުރުމަށްފަހު، އެ ދަސްކުރި ބައިތައް ގަވާއިދުން މުރާޖަޢާކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމެވެ.

ރަސޫލާ ﷺ ޙަދޘް ކުރައްވާފައިވެއެވެ. "(تَعَاهَدُوْا هَـٰذَا الْقُرْآنَ، فَوَالَّذِيْ نَفْسُ مُـحَمَّدٍ بِيَدِهِ، لَـهُوَ أَشَدُّ تَفَلُّتًا مِنَ الْإِبِلِ فِيْ عُقُلِهَا). މާނައީ: "ތިޔަބައިމީހުން މި ޤުރްއާން މުރާޖަޢާކުރުންމަތީ ދެމިތިބޭހުށިކަމެވެ. ހަމަކަށަވަރުން، މުޙައްމަދުގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ބަނދެފައިވާ ޖަމަލު މޮހެލުމުން، އެސޮރު ފިލާންދާ ހަލުވި މިނަށް ވުރެ، (ޤުރްއާން މުރާޖަޢާ ނުކުރާ ނަމަ) އެ، ހިތްތަކުން ފިލައިގެންދިއުން އަވަސްކަންބޮޑެވެ."

ހަމައެހެންމެ، ކީރިތި ޤުރްއާން ހިތުދަސްކުރި ކޮންމެ މީހަކަށް އެ ލިބޭ ދަރުމައިން އެއްވެސް މިންވަރެއް އުނިނުވެ، އެމީހަކަށް ލިބިލިބި ހުންނާނެ ކަމަށް ޚުތުބާގައިވެއެވެ.

ޓެގް

ހުކުރު ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.