އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދު ކުރުމުގެ ޖަރީމާގެ ތެރެއިން ގައްޒާގެ ކުޑަކުދިން ބަނޑަށް ޖައްސަމުންދާތަން ބަލަން ނުތިބެ އެހިތެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ވަޒީރުގެ ރަސްމީ އެކްސް (ޓްވިޓަރ) އެކައުންޓުގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ކޮންމެ މީހަކު ވެސް ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން އެހީވުމަކީ އިންސާނީ ވާޖިބެއްކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް މެދުވެރިކޮށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ، އެންމެ ފުރާނައެއް ސަލާމަތްކުރުން ކަމުގައިވިޔަސް، އެއީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއް ކަމަށެވެ.
މި ދަނޑިވަޅުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ފަރާތްތަކުން މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
އިޒްރޭލުން 7 އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށީ ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދެމުން ދިޔަ އަނިޔާތަކާ ދެކޮޅަށް ހަމާސް ހަނގުރާމަވެރިން އިސްވެ ތިބެ އިޒްރޭލުގެ ދެކުނަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން އިޒްރޭލުން މަރުވެ 251 މީހުން ރަހީނުކުރުމާއި ގުޅިގެންނެވެ. މިހަނގުރާމައިގައި މަރާލާފައިވާ ފަލަޞްތީނު މީހުންގެ ޢަދަދު މިހާރު ވަނީ 60،000 އަށް އަރާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...