އެތައް ޢަރަބި ޤައުމެއްގެ އެކްޓިވިސްޓުންތަކެއް ހިމެނޭހެން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި "އަ ބޮޓްލް އޮފް ހޯޕް" ގެ ނަމުގައި އައު މަޝްރޫޢެއް ފަށައިފިއެވެ.
މިސުރާއި، ލީބިޔާ، އަލްޖީރިއާ އަދި މޮރޮކޯގެ ބައެއް އެކްޓިވިސްޓުންގެ އިސްންގުމުގެ ދަށުން ފެށިގެން އައި މިކަމަކީ، ދުނިޔޭގެ އެއްވެސް ޤައުމަކުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން އަމަލީ ގޮތުން އެއްވެސް ފިޔަވަޅު އަޅާފައި ނެތުމާއި، އިޒްރޭލުގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރިހާ މަގެއް ބަންދުވެފައިވާތީ އެޅުނު ފަހު ފިޔަވަޅެކެވެ.
މިކަމުގައި ބައިވެރިވާ ފަރާތްތަކުން 1 ނުވަތަ 2 ލީޓަރުގެ ފުޅިތަކުގައި 1 ކިލޯގެ ހަނޑޫ، މުގު ނުވަތަ އެހެން ހިކި ތަކެތި އަޅައި، ރަނގަޅަށް ބަންދުކުރުމަށްފަހު، މިސުރު، ލީބިޔާ، ޓިއުނީޝިއާ، އަލްޖީރިއާ ނުވަތަ މޮރޮކޯ ފަދަ މެޑިޓަރޭނިއަން ގައުމުތަކުގެ އައްސޭރިފަށުން ކަނޑަށް އެއްލާލައެވެ. އެއީ ކަނޑުގެ އޮއިވަރުން އެތަކެތި ޣައްޒާގެ އައްސޭރިފަށަށް ގެންދާނެކަމުގެ އުއްމީދުގައެވެ.
މިމަސައްކަތް ފެށުމަށް ޚިޔާލު ދެއްވާފައިވަނީ ޖަޕާނުގައި ދިރިއުޅޭ މިސުރުގެ އިންޖިނިއަރެއް ކަމުގައިވާ ޑރ. މުޙައްމަދު ސައްޔިދު އަލީ ޙަސަންއެވެ. އޭނާ ޚިޔާލު ދެއްވާފައިވަނީ 25 ލީޓަރުގެ ވައި ނުވަދެވޭ ޕްލާސްޓިކް ކޮންޓެއިނަރުތަކެއްގައި 6 އިން 8 ކިލޯގެ ކާނާ އަޅައި، ކަނޑު އަޑިއަށް ނުފެތި ފްލޯޓްކޮށްފައި ބޭއްވުމަށްޓަކައި 8 ލީޓަރުގެ ވައި ޖާގައެއް ބޭއްވުމަށެވެ.
ޙަސަން ވިދާޅުވި ގޮތުގައި އިރުމަތީ މެޑިޓަރޭނިއަންގެ މަތީ ފަށަލައިގެ އޮއިވަރުތަކުން މިޞުރުގެ ޑަމިއެއްޓާ ނުވަތަ އިރުމަތީ ބޫރުސަޢީދު ފަދަ ސަރަޙައްދުތަކުން އަޅާ ކޮންޓެއިނަރުތައް 72 އާ 96 ގަޑިއިރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޣައްޒާގެ އައްސޭރިފަށަށް ގެންދެވިދާނެއެވެ.
އޭނާގެ ޕޯސްޓް ނިންމާލެއްވީ ޤުރުއާނުގެ އާޔަތަކުންނެވެ: "އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، اللَّه އެވެ. އަދި އެކަމުން ރިވެތިވެގެންވާ امتحان އަކުން مؤمن ން امتحان ކުރެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަންފާލް 17)
ކާނާ އަޅާފައިވާ ފުޅިތައް އުކާލާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް އެންމެ ފުރަތަމަ ޢާންމުވެފައިވަނީ ޖުލައި 23 ވަނަ ދުވަހު އެވެ. އެވީޑިއޯއިން ފެންނަނީ މިޞްރުގެ ރައްޔިތަކުގެ އައްސޭރިފަށުގައި ހުރެ، ފުށާއި އެހެނިހެން ކާނާ އަޅާފައިވާ ފުޅިތަކެއް ކަނޑަށް އުކާލާ މަންޒަރެވެ. "އަހަރެމެންނަށް މާފު ކުރޭ، އަހަރެމެންނަށް ކުރެވޭނެ އިތުރު ކަމެއް ނެތް" ފުޅިތައް އުކަމުން އެމީހާ ތަކުރާރުކޮށް ބުނަމުން ގެންދެއެވެ.
މިވީޑިއޯ ޢާންމުވިތާ 3 ދުވަސް ފަހުން ޖުލައި 26 ގައި ފަލަޞްތީނުގެ ރައްޔިތަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ކާނާ އަޅާފައިވާ ފުޅިއެއް ޣައްޒާއާ ހަމައަށް ފޯރާފައިވާކަމަށް ބުނެފައިވެއެވެ.

















advertisment
ޚިޔާލު