2025 ވަނަ އަހަރުގެ ޖަނަވަރީން ޖޫން މަހުގެ ނިޔަލަށް، ޒަކާތު ފަންޑުން 30.7 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
މި ފައިސާ ބެހިގެން ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި ފަޤީރުންނާއި މިސްކީނުންނަށާއި، ދަތުރުމަތީގައި ޙާލުގައި ޖެހުނު ފަރާތްތަކަށާއި، ﷲ ގެ މަގުގައި ހޭދަކުރުމަށާއި، އަދި ޢާމިލުންނަށެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް 5000 ރުފިޔާގެ މަގުން ޖުމްލަ 14.2 މިލިއަން ރުފިޔާ ދޫކުރެވިފައިވެއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ބައިން ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހުނު ފަރާތްތަކަށް 78،377.97 ރުފިޔާ ވަނީ އެހީގެ ގޮތުގައި ދެވިފައެވެ.
މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ބައިން ފުދުންތެރިންކަން ނެތް ފަރާތްތަކަށް ދެވޭ ބޭސްފަރުވާގެ އެހީގެ ގޮތުގައި 8.5 މިލިއަން ރުފިޔާ 594 ފަރާތަކަށް ވަނީ ބަހާފައެވެ. މީގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް 2.4 މިލިއަނާ ގާތްކުރާ އަދަދެއް، ޓްރާންސްޕްލާންޓަށް 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ، އަދި ސިކުނޑީގެ ބަލިތަކަށް 916،584.38 ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ހިތުގެ ބަލިތަކަށާއި، ފުއްޕާމޭގެ ބަލިތަކަށާއި، ކިޑްނީގެ ބަލިތަކަށްވެސް ވަނީ އެހީ ދެވިފައެވެ.
ޢާމިލުންގެ ބައިން ޒަކާތު ފަންޑުގެ އިދާރީ މުވައްޒަފުންނަން 1.8 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، 2024 ވަނަ އަހަރު ބޭއްވުނު ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަށް 4،775.86 ރުފިޔާ ހޭދަވެފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ދަތުރުމަތީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ޙާލުގައި ޖެހުނު ފަރާތްތައް އެޙާލަތުން ސަލާމަތްވުމަށް 428،107.32 ރުފިޔާ އެހީގެ ގޮތުގައި ދެވިފައިވެއެވެ. އަދި ފީސަބީލިﷲ ބައިން ޤުރުއާން ކިޔަވައިދިނުމާއި، ދީނީ ޕްރޮގްރާމްތައް ހިންގުމާއި، ފޮތް ތަރުޖަމާކުރުމާއި، މަތީ ތަޢުލީމު ފުރިހަމަކުރުމަށް ދޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ދަނީ އެކިއެކި ދާއިރާތަކުން އެހީއަށް ބޭނުންވެފައިވާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި އާންމު ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް އެހީވުމާއި، އަހަރަކު އެއްފަހަރު ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމާއި، މީގެ އިތުރުން ފަޤީރުންގެ ސިއްހީ ފަރުވާއަށް ޚަރަދުކުރުމާއި އަދި އެހެނިހެން ކަންކަމަށް ވެސް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...