ޤަތަރުގެ ވެރިރަށް ދޯހާގައި ތިންވަނަ ފަރާތެއް މެދުވެރިކޮށް ހަމާސްއާއި އިޒްރޭލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާތާ މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މި މަޝްވަރާތަކުގައި އިޒްރޭލުން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ 60 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ހުށަހަޅާފައެވެ. މިހުށަހެޅުމަށް ހަމާސްއިން ދީފައިވާ ޖަވާބު މިހާރު އިޒްރޭލަށް ލިބިފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. އިޒްރޭލުން ދަނީ ހަމާސްގެ ޖަވާބުގައިވާ ކަންތައް މުރާޖަޢާ ކޮށް ދިރާސާ ކުރަމުންނެވެ.
ފަލަޞްތީނުގެ މަޞްދަރަކާ ޙަވާލާދީ އޭ.އެފް.ޕީ (އޭޖްންސް ފްރާންސް ޕްރެސް) އިން ބުނެފައިވާ ގޮތުގައި ހަމާސްއިން ދީފައިވާ ޖަވާބުގައި އިޒްރޭލުގެ ހުށަހެޅުމުގައި ހިމެނޭ ބައެއް ކަންކަން ބަދަލުކުރުމަށް ޑިމާންޑްކޮށްފައިވެއެވެ. އެގޮތުން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ މާއްދާތަކާއި، އިޒްރޭލުގެ ސިފައިން ފައިބަންވީ ސަރަޙައްދުތަކާއި، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމުގެ ޔަޤީންކަމާ ގުޅޭ ކަންކަމަށް ބަދަލުގެނައުން ހިމެނެއެވެ.
އިޒްރޭލުގެ އަމާޒަކީ ޙަމާސްގެ ހަނގުރާމަވެރި ޤާބިލިއްޔަތުކަމާއި، ޣައްޒާގައި ޙަމާސްއިން ކުރަމުންދާ ވެރިކަން ނިންމުމަކަށް ގެނައުމެވެ. އަދި އެކަން ހާސިލުނުވަނީސް ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާނެކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫ ވަނީ ބުނެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާގައި ހިފެހެއްޓި 251 ރަހީނުންގެ ތެރެއިން މިހާރު ޣައްޒާގައި ބަންދުކޮށްފައި ތިބީ 49 މީހުންނެވެ. އިޒްރޭލުގެ ސިފައިން ބުނާ ގޮތުގައި މީގެ ތެރެއިން 27 މީހުން ވަނީ މަރުވެފައެވެ. ރަހީނުންތައް ހިފަހައްޓާފައި ތިބުމަކީ އިޒްރޭލުން ދެމުންދާ ޙަމަލާތައް ކުރިއަށްގެންދިއުމަށް އެމީހުން ދައްކަމުންދާ އެންމެ ބޮޑު ބަހަނާއެވެ. ނަމަވެސް ރަހީނުން ދޫކޮށްލައި ހަނގުރާމަ ހުއްޓާލުމަށް ޙަމާސްއިން ހުށަހެޅުމުން ވެސް އިޒްރޭލުން އެކަމަށް އެއްބަސްވެފައިނުވެއެވެ.
















advertisment
ޚިޔާލު