އަރަބިދުނިޔެދުނިޔެ

އިޒްރޭލުން ޣައްޒާގެ ޑޮކްޓަރެއް ކިޑްނެޕްކޮށްފި

ޑރ. އަލް ހަމްސް

އިޒްރޭލުގެ އަންޑަކަވާ ޔުނިޓަކުން ޣައްޒާގެ ރަފަޙުގައި ހުންނަ ރެޑްކްރޮސް ފެސިލިޓީއެއްގެ ކައިރީގައި ހިންގި ރެއިޑެއްގެ ތެރެއިން ޢައްޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ޑިރެކްޓަރ ޑރ.މަރުވާން އަލް ހަމްސް ކިޑްނެޕްކޮށްފިކަމަށް ފަލަޞްތީނުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.

ރަފަހުގެ އަބު ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލް ހިންގުމާވެސް ޙަވާލުވެ ހުންނެވި ޑރ. އަލް ހަމްސް ހައްޔަރުކޮށްފައިވަނީ ފީލްޑް ހޮސްޕިޓަލަށް ޒިޔާރަތް ކޮށް އެތަން ބައްލަވަމުން ގެންދަނިކޮށް ކަމަށް ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.

ތުރުކީގެ މީޑިއާއެއް ކަމަށްވާ އަނަދޮލޫ އޭޖެންސީއަށް މަޢުލޫމާތު ދެމުން ހެކިން ބުނެފައިވާ ގޮތުގައި 4 ފުރޮޅުލީ ވެހިކަލެއްގައި ތިބި ހަތިޔާރުއެޅި ބަޔަކު ޑރ. އަލް ހަމްސް ހައްޔަރުކުރުމުގެ ކުރިން ޚާން ޔޫނިސްގައި ހުރި ކެފޭއެއްގައި ތިބި ޢާންމުންތަކަކަށް ވެސް ޙަމަލާދީފައިވެއެވެ.

މި ހަމަލާގައި އެތާނގައި ތިބި ޢާންމުންގެ ތެރެއިން ދެ މީހަކު މަރުވެ، އެމްބިއުލާންސް ޑްރައިވަރަކަށް އަނިޔާވެފައިވާ ކަމަށް އެފަރާތްތަކުން އިތުރަށް ބުނެފައިވެއެވެ.

މިއީ ސީދާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދިން ޙަމަލާއެއްކަމަށާއި ޑރ. އަލް ހަމްސްއަކީ ކުޑަކުދިންނާއި، ޒަޚަމްވެފައިވާ ބަލިމީހުންނާއި، ބަނޑުހައިހޫނުކަމުގައި ތިބި އާންމުންގެ ވޭންތައް ހާމަކުރުމުގައި އިސް ދައުރެއް އަދާ ކުރާ ފަރާތެއް ކަމަށް ބުނެ، އިތުރު ޝާރުތަކާ ނުލައި އޭނާ ވަގުތުން ދޫކޮށްލަން ފަލަޞްތީނުގެ ޞިއްޙީ ވުޒާރާއިން ގޮވާލާފައިވެއެވެ.

ޑރ. އަލް ހަމްސްއަކީ ޣައްޒާ ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަންއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޞިއްޙީ މުވައްޒަފުންނާއި ފެސިލިޓީތަކަށް ދެވޭ ހަމަލާތަކާ ބެހޭ ގޮތުން އަބަދުވެސް ރިޕޯޓުކުރައްވައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގައި 57,500 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން މަރާލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ސުންނާފަތިވެ، ކާނާގެ ދަތިކަން ކުރިމަތިވެ، ބަލިތައް ފެތުރިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *