ތ. ގުރައިދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ރިސާލަތު ޕްރޮގްރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމްތަކުގެ އެކި ސެޝަންތައް ވަނީ ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާފައެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޒު އައްޝައިޚް އަބްދުﷲ މިފްޒާލެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަމުންދާ ރިސާލަތު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އާލާކޮށް، ރަނގަޅު ދީނީ މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެއިތުރުން، ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމަކީ ނަމާދުގެ މުހިންމުކަމާމެދު ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް މިއަހަރު އަލަށް ތައާރަފުކުރެވުނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ކައުންސިލްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މިފަދަ ޕްރޮގުރާމްތަކަކީ މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ރިވެތި އަޚްލާޤު އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮގުރާމްތަކެއް ކަމުގައި ބެލެވެއެވެ.
ޚިޔާލު