މުސްލިމުންގެ ގަބުރުސްތާނުތައް ނަގައި އެތަންތަނުގައި ކުޅިވަރު ކުޅޭ ތަންތަނާއި މައިޒާންތައް ހެދުމަކީ ހުއްދަ ކަމެއް ނޫންކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިއެވެ. މި ފަތުވާ ވަނީ ފާއިތުވި މަހުގެ 24 ވަނަ ދުވަހު ފާސްކޮށް، މިއަދު އާންމުކޮށްފައެވެ.
މިފަތުވާގައި ގުރުއާނުގެ އާޔަތްތަކާއި ޙަދީޘް ބަސްފުޅުތަކަށް ރިޢާޔަތްކޮށް، އިންސާނުންނަކީ މާތްﷲ އުފެއްދެވި މަޚްލޫޤުންގެ ތެރެއިން މާތްކުރެއްވި ބައެއްކަމާއި، އެ މާތްކަމަކީ މަރުވުމަށްފަހުގައިވެސް ދެމިގެންދާ ކަމެއްކަން ބަޔާންކޮށްފައިވެއެވެ. އަދި ގަބުރުސްތާނުތަކުން ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލުކުރުމަކީ މަރުވެފައިވާ މީހުންގެ ހުރުމަތް ގެއްލޭ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.
ފަތުވާގެ ނިންމުމުގައި ބުނެފައިވާގޮތުން މިކަމަކީ އިސްލާމީ ޝަރީއަތުގައި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެކަމަށެވެ.
މީގެ އިތިރުން މިފަތުވާ ޢާންމުކުރުމާއެކު އެމަޖިލީހުން ނެރެފައިވާ (ފަތުވާ 4) "ދުވަސްވެ، އިންދިރާސްވެފައިވާ ޤާބުރުސްތާނުތަކުގެ ބިން، ޢާންމު މަޞްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރުން" މިމަޢުޟޫގައި ވެސް ޢަމަލުކުރަންވާނީ އައު ފަތުވާއަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
2017 ވަނަ އަހަރު ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާ 4 ގައި ބަޔާންކޮށްފައިވާގޮތުން ދުވަސްވެ، އިންދިރާސްވެފައިވާ ޤަބުރުސްތާނުތައް ކޮނެ، އެތަންތަނުން ފެންނަ މިނިކަށިތައް އެހެން ޤަބުރުސްތާނެއްގައި ވަޅުލުމަށްފަހު އެ ޤަބުރުސްތާންތަކުގެ ބިން ޢާންމު މަޞްލަޙަތު ހިމެނޭ ކޮންމެ ކަމެއްގައި ބޭނުންކުރެވިދާނެއެވެ.
އޭރުގެ ފަތުވާގައި މައިގަނޑު ގޮތެއްގައި ރިޢާޔަތްކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާއާއި މިޞްރާއި އެކުވެރި ޢަރަބި ޢިމާރާތް އަދި ޖޯޑަން ފަދަ ޤައުމުތަކުގައި ޢަމަލުކުރަމުންދާ ގޮތަށެވެ. އެގޮތުން އެޤައުމުތަކުގައި ޟަރޫރީ ޙާލަތެއް މެދުވެރިވެއްޖެނަމަ މިސްކިތްތަކާއި މަދަރުސާތަކާއި ހޮސްޕިޓަލްތައް އެޅުމާއި މަގުހެދުން ނުވަތަ ފާލަމެއް އެޅުންފަދަ ކަންކަމުގައި ޤަބުރުސްތާނުގެ ބިން ބޭނުންކުރަމުންދާކަމަށް އޭރުގެ ފަތުވާފައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އިމާމް ނަވަވީއާއި އެފަދަ ބޮޑެތި ޢިލްމުވެރިންގެ ރައުޔަކަށް ވެސް ކުރީގެ ފަތުވާގައި ޙަވާލާދީފައިވެއެވެ.
ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދަ ނުވާނެ ކަމަށް ފަތުވާ ނެރެފައިވާއިރު މާލޭ ސިޓީ ކައުންސިލުން ވަނީ މާފަންނު ސަހަރާ ކޮނެ ގަބުރުތައް ހުސްކޮށް އެ ބޮޑު ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. "މާފަންނު މައިޒާން"ގެ ނަން ދީފައިވާ އެ ޕާކު ނިމޭއިރު އެތަނުގައި ޕާކިން ޖާގަ އާއި 3 އޮން 3 ބާސްކެޓް ކޯޓެއް ވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އެ ޕާކު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...