އަރަބިދުނިޔެދުނިޔެ

ޙަމާސްގެ އާ ލީޑަރު ޢިއްޒުއްދީން އަލް-ޙައްދާދަކީ ކާކު؟

ޢިއްޒުއްދީން އަލް-ޙައްދާދް

ހުޅަނގުގެ މީޑިއާއިން "ގޯސްޓް އޮފް އަލްޤައްސާމް" ގެ ނަމުން ނަންދީފައިވާ، 55 އަހަރުގެ ޢިއްޒުއްދީން އަލް-ޙައްދާދު ވަނީ މީގެ ދެ މަސް ކުރިން ޣައްޒާގައި ހަމާސްގެ މިލިޓަރީ ވެރިޔާގެ ގޮތުގައި ކަނޑައެޅިފައެވެ.

އަލް-ޙައްދާދަކީ ތަޖުރިބާކާރު ހަނގުރާމަވެރިއެކެވެ. އިސްރާއީލުން އޭނާ އަވަހާރަކޮށްލަން ކުރި ކިތަންމެ މަސައްކަތަކުން އޭނާ ވަނީ ސަލާމަތްވެފައެވެ. އިސްރާއީލުން 2025 ވަނަ އަހަރުގެ މެއި މަހު މުޙައްމަދު ސިންވާރު އަވަހާރަކޮށްލުމަށް ފަހު، މި ވަރުގަދަ ޖަމާޢަތުގެ އެންމެ މަތީ މަޤާމަށް އޭނާ އައެވެ.

ފަލަސްތީނުގެ ސިޔާސީ މާހިރެއް ކަމަށްވާ ޔޫސުފް އަލްހެލޫ، ޓީއާރުޓީ ވޯލްޑަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަލް ޙައްދާދަކީ ހިތްވަރުގަދަ، ޢަޒުމު ވަރުގަދަ ހަނގުރާމަވެރިއެއްކަމަށާއި، އޭނާއަކީ އިޙުތިރާމު ލިބިފައިވާ އަދި ލޯބި ލިބިފައިވާ ފަރާތެއްކަމަށެވެ.

އަލް-ޙައްދާދަކީ ހަމާސްގެ ލީޑަރުކަމަށް ހަތް މަސް ތެރޭގައި އައި ތިންވަނަ ފަރާތެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި އޭނާ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވަނީ އެނގިފައެވެ. މިއީ އިޒްރޭލުން އެމީހުންގެ "ތާރީޚުގައި ދިމާވި އެންމެ ބޮޑު ނާކާމިޔާބީ" ކަމަށް ބަލާ ކަމެކެވެ.

އަލްހެލޫ ބުނާ ގޮތުގައި އަލް-ޙައްދާދު އަކީ އުތުރު ޣައްޒާގައި ހުރި އެންމެ މަޝްހޫރު ކޮމާންޑަރުންގެ ތެރެއިން އެކަކެވެ. އަދި އޭނާ އަކީ ދުރުވިސްނޭ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ހުޝިޔާރު ކޮމާންޑާރެކެވެ. އެހެންކަމުން އާ ހަނގުރާމަވެރިން ރެކްރޫޓުކުރުމުގައި ވެސް އޭނާގެ ދައުތު ވަރަށް ބޮޑެވެ.

އޭނާގެ އަސްކަރީ ހުނަރު އޭނާގެ ކުރިން ޙާމާސްގެ މިލިޓަރީއާ ޙަވާލުވެ ތިއްބެވި ބޭފުޅުންނާ ތަފާތެވެ. މީގެ އިތުރުން ހަމާސްގެ ސިޔާސީ ވެރިންގެ ތެރޭގައި ވެސް އޭނާގެ ނުފޫޒު ވަރުގަދައެވެ.

އަލް ޙައްދާދު އަތުލައިގަތުމަށްޓަކައި އިޒްރޭލުން 750,000 ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ މަރާލުމަށް މަދުވެގެން ހަ ފަހަރެއްގެ މަތިން އިޒްރޭލުން މަސައްކަތް ކޮށްފައެވެ.

އޮކްޓޯބަރު 7 ގައި ފަލަސްޠީނުގެ މީހުން "އަލް-އަޤްޞާ ފްލަޑް" ގެ ނަމުން ނަންދޭ ހަމަލާ ރާވައި، ތަންފީޒު ކުރުމުގައި އަލް-ޙައްދާދު މައިގަނޑު ދައުރެއް އަދާކުރުމަށްފަހު، ޙަމާސްގެ ތެރޭގައި އޭނާގެ މަޤާމު އިތުރަށް ވަރުގަދަވިއެވެ.

އެ އޮޕަރޭޝަން ފެށުމުގެ އެއް ދުވަސް ކުރިން، އޭނާ ވަނީ ބަޓާލިއަން ކޮމާންޑަރުންނާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ. އަދި އިޒްރޭލުގެ ސިފައިން ހައްޔަރުކުރުމާއި، އެކަން ޑޮކިއުމަންޓް ކުރުމަށް އޯޑަރު ދީފައިވަނީ ވެސް އަލް ޙައްދާދެވެ. ޙަމާސްއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި 251 އިޒްރޭލު މީހުން ހައްޔަރުކުރިއެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި، އަލް-ހައްދާދު ވިދާޅުވީ ހަމާސްއިން އޮކްޓޯބަރު 7 ގެ ހަމަލާ ދިނީ އިސްރާއީލުން ޣައްޒާއަށް ބޮޑު ހަމަލާއެއް ދިނުމަށް ރާވާފައިވާ ރޭވުންތައް ހާމަވުމުން ކަމަށެވެ. މި މައުލޫމާތުތައް ލިބުނީ، އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީއާ އެއްފަދަ އިސްރާއީލުގެ "ޔުނިޓް 8200" ގެ ސާވާތަކަށް ވަދެގަނެގެން ކަމަށް ތުހުމަތުކުރެވެއެވެ.

އަލް-ހައްދާދު ހަމާސްގެ އެންމެ އިސް މަޤާމަށް ދެ މަސްކުރިން ވަޑައިގެންނެވި އިރު، އެ ޖަމާޢަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ހަނގުރާމައަށް ފެށުމުގެ ކުރިން ހަމާސްގައި ތިބި 35,000 ހަނގުރާމަވެރިންގެ ތެރެއިން 20,000 ހަނގުރާމަވެރިން ވަނީ މަރާލާފައެވެ. އެހެންނަމަވެސް ހަމާސް އަކީ ޣައްޒާގައި އަދިވެސް އެންމެ ބޮޑު ދިފާޢީ ބާރެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގައި 57,500 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން މަރާލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ސުންނާފަތިވެ، ކާނާގެ ދަތިކަން ކުރިމަތިވެ، ބަލިތައް ފެތުރިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *