ޔަމަންގެ ޙޫޘީ ހަނގުރާމަވެރިން ރަތް ކަނޑުގައި އިޒްރޭލާ ގުޅުންހުރި، މުދާ އުފުލާ ބޯޓަކަށް ހަމަލާދީފިއެވެ.
ރޮއިޓަރސް ނިއުސް އެޖެންސީއަށް ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހަމަލާގައި އެ އުޅަނދުގައި ތިބި 25 މީހުންގެ ތެރެއިން މަދުވެގެން 4 ފަޅުވެރިން މަރުވެ، 15 މީހުން ވަނީ ގެއްލިފައެވެ.
އިސްރާއީލްގެ ހުއްޓުމެއް ނެތް ހަމަލާތަކުގެ ދަށުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން އިސްރާއީލާ ގުޅުންހުރި އުޅަނދުތަކަށް ހަމަލާދެމުންދާ ކަމަށާއި، އެއީ ޣައްޒާއަށް އިސްރާއީލް ސިފައިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެ ސިފައިންނަށް ފްރެޝަރުކުރުމުގެ ގޮތުންކަމަށް ޙޫޘީން ބުނެފައިވެއެވެ.
މި ބޯޓަށް ޙަމަލާ ދީފައިވަނީ ޙޫޘީން މެޖިކް ސީސް ކިޔާ އިތުރު މުދާ އުފުލާ އުޅަނދަކަށް ރަތް ކަނޑުގައި ހަމަލާދީ، އެ އުޅަނދު އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓު ކުރިތާ އެއް ދުވަސް ފަހުންނެވެ.
މި ހަމަލާތަކަކީ 2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރަތް ކަނޑުގައި ދީފައިވާ ފުރަތަމަ ހަމަލާތަކެވެ. މި ހަމަލާތަކަށްފަހު މިސަރަޙައްދުގައި އިތުރު ހަމަނުޖެހުންތަކެއް ހިނގައިދާނެކަމުގެ ބިރު އެބަ އޮތެވެ.
އާދިއްތަ ދުވަހު މެޖިކް ސީސް އަށް ދިން ހަމަލާއަށްފަހު، ޙޫޘީން ވަނީ އިސްރާއީލާ ގުޅުންހުރި ކުންފުނިތަކުގެ އުޅަނދުތަކަކީ ހަމަލާދޭނެ އަމާޒެއް ކަމަށް ބުނެފައެވެ. އަދި، "ޣައްޒާއާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ނިމެންދެން ރަތް ކަނޑާއި އަރަބި ކަނޑުގައި އިސްރާއީލުގެ އުޅަނދުފަހަރު ދަތުރުކުރުން މަނާކުރާނެ ކަމަށް އެމީހުން ވަޢުދުވެފައިވެއެވެ.

















advertisment
ޚިޔާލު