އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމަށް ގޮވާލާ މައްސަލަ މަޖިލިހަށް މިއަދު ހުށައަޅައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައިގައި ބުނީ ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލްތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމަށް ގާނޫނުއަސާސީގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެކުލަވާލި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފުރަތަމަ ދައުރު ހަމަވެ، އެތައް ދުވަހެއް ފާއިތުވި އިރު ވެސް މި ސަރުކާރަށް އެ މަޖިލިސް އަލުން އެކުލަވާލެވިފައި ނުވާ ކަމަށް މައްސަލައިގައިވެއެވެ.
މެންބަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ "ދީނީ ގޮތުން ޚިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތް އޮޅި، އެކި މީހުން އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، ޖިނާއީ މައްސަލަތައް އުފެދި ޖިނާއީ ކުށްތަކަށް އަރައިގަނެ މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި އަމަލުތައް ހިންގާ،" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 27 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ތިން މެންބަރަކު ވަނީ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
"ބަވަނަވެފައިވާ ދުނިޔޭގައި، ގުޅިލާމެހިފައިވާ ގޮތެއްގައި ދިރިއުޅެން ޖެހިފައިވާ ދިވެހިންނަށް އެކި ގޮތްގޮތުން ފޯރަމުންދާ ނުފޫޒުތަކުގެ ސަބަބުން ރާއްޖޭގައި ދީނީ ޚިލާފުތަކާއި ހަރުކަށި ފިކުރު އިތުރުވަމުންދާ" ކަމަށް ވެސް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ. "އެހެންކަމުން ފަތުވާ މަޖިލީހަށް މެންބަރުން އައްޔަން ކުރުން އަވަސްކުރުމަށް" އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

















advertisment
ޚިޔާލު