އިސްލާމިކް މިނިސްޓްރީން ދަރުސް ޕޯޓަލް އިފްތިތާހުކޮށްފި އެވެ.
މިއީ ދަރުސް ދޭން ބޭނުންވާ ފަރާތްތަކަސް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީން ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. "ދަރުސް ޕޯޓަލް" ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އިއްޔެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
މީގެކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮށެވެ. ނަމަވެސް މިހާރު މި ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވެއެވެ.
ރާއްޖޭގެ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އިފްތިތާހުކުރެވުނު މި ޕޯޓަލް އަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސްދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.
ދަރުސް ޕޯޓަލްގައި ރެޖިސްޓަރީވެ، ހުއްދައަށް އެދުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ނުވަތަ ނުލިބޭކަން ހުއްދައަށް އެދުނު ފަރާތަށް އަންގާނެއެވެ. މިޕޯޓަލް މެދުވެރިކޮށް ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކައުންސިލްތަކަށް ވެސް ހުއްދައަށް އެދެވޭނެއެވެ.
ޕޯޓަލް މެދުވެރިކޮށް ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށްފަހު، ހުއްދަ ދެވިފައިވާ ގޮތަށް، ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ޕޯޓަލް މެދުވެރިކޮށް އެންގުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.
ޚިޔާލު