ރާއްޖޭގެ ޚަބަރު

އާންމުންނަށް ހުޅުވާލި 100 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރު ރާއްޖެއަށް ލިބުނުގެ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ 453 ޖާގައެވެ. މި ޖާގަތަކަށް މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުޞަތު މިފަހަރު ހަމައެކަނި ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، މި ޖާގައިގެ ތެރެއިން އެ ކޯޕަރޭޝަންގެ ކިއުގައި ތިބި 353 މީހުންނަށް ޚައްސަކޮށްފައިވާއިރު ބާކީ 100 ޖާގައަށް މީހުން ޙައްޖަށް ގެންދަނީ އާއްމުންނަށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. މި ގުރުއަތުގެ ތެރެއިން ވެއިޓިންގ ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކޯޕަރޭޝަންގެ ކިއުގައި މިހާރު ތިބި މީހުންގެ އިތުރަށް އަލަށް ފައިސާ ދައްކައިގެން ހައްޖަސް ދާން ބޭނުންވާ މީހުންނަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން މިހާރު ހައްޖަށް ދިއުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް އިސްލާމީ މަރުކަޒުގައެވެ. އަދި ހައްޖު ކޯޕަރޭޝަންގެ މެއިލް މެދުވެރިކޮށްވެސް ފޯމް ހުށައެޅޭނެއެވެ.

ފުރަތަމަ 100 ޖާގައަށް ނެގޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިންގ ކިއޫ ތަރުތީބުން ޖާގަދިނުމަށް ވަނީ ނިންމާފައެވެ. އަދި ފައިސާދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެފަރާތެއްގެ ޖާގަ ގެއްލޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހައްޖަށް ދިއުމަށް ކިއުގައި މި ވަގުތު 3،500 އެއްހާ މީހުން އެބަތިބި ކަމަށާއި ކުރީގެ އުސޫލާ އެއްގޮތަށް ފުރުސަތު ލިބޭ ނަމަ ތިން އަހަރުގެ ތެރޭގައި ކިއު ހުސްކޮށްލެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ މި 100 ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކަކީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

މިކޯޓާގެ ދަށުން ކުރިމަތިލެވޭނީ އެއް މީހެއްގެ ކެޓަގަރީއާއި ދެ މީހުންގެ ކެޓަގަރީއަށެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނީ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ. ހައްޖު ކޯޕަރޭޝަނުން ވިދަޅުވީ ދެބޭފުޅުންގެ ކެޓަގަރީއަށް ކުރިމަތިލެވޭނީ އުމުރުން 45 އަހަރު ނުފުރޭ އަންހެނުންނާއި ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ޙައްޖުގެ އަޅުކަން އަދާ ނުކުރެވޭ ފަރާތްތަކަށްކަމަށެވެ.

ޙައްޖަށް ދާން ބޭނުންވާ މީހުން ފޯމާއެކު ހުށައަޅާ ފަރާތުގެ އައިޑި ކާޑާއި ދެމަފިރިން އެކުގައި ފޯމު ހުށައަޅާނަމަ ކައިވެނީގެ ސެޓްފިކްޓް ހުށައަޅަން ޖެހެއެވެ. އަދި ބަލިހާލަތު ހުރިގޮތުން އެކުގައި ދާން އިތުރު ފަރާތެއް ހަމަޖައްސަން އެދޭނަމަ، އެކަނި އަޅުކަން އަދާ ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ 3 މަސް ނުވާ ޑޮކްޓަރުގެ ލިޔުން ހުށައަޅަން ޖެހެއެވެ. މީގެ އިތުރަށް މަޙްރަމަކާއެކު ފޯމް ހުށަހަޅާނަމަ މަޙްރަމެއްކަން އަންގައިދޭ ލިޔުމާއި ކޯވިޑް ވެކްސިން ކާޑުގެ ކޮޕީވެސް ފޯމާއެކު ހުށައަޅަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *