ކީރިތި ޤުރުޢާނަކީ ތޯ އެވެ. އެއީ ﷲ ތަޢާލާ ޖިބުރީލު ޢަލައިހިއްސަލާމު މެދުވެރިކުރައްވާ މުޙައްމަދުއް ރަސޫލުﷲ - ޢަލައިހިއްޞަލާތު ވައްސަލާމު- ގެ މައްޗަށް ބާވާލެއްވި އެކަލާނގެ ކަލާމު ފުޅެވެ. އެއީ އެކަލާނގެ ޚަލުޤު ކުރެއްވި މަޚުލޫޤެއް ނޫންނެވެ. އެއީ އެކަލާނގެ ވަޙީ ކުރައްވާ ފައިވާ ބަސްފުޅެވެ. އެކަލާނގެ އެއީ ޙާލިޤުވަންތަ ފަރާތް ކަމުގައި ވާއިރު އެކަލާނގެ ބަސްފުޅު މަޚުލޫގެއް ކަމުގައި ވާނީ ކިހިނަކުން ހެއްޔެވެ؟
ކޮންމެ އަކަސް 23 އަހަރު ގެތެރޭގައި ﷲ ތަޢާލާ އެ ކަލާނގެ މަތިވެރި ކަލާމް ފުޅު ބަވާލެވިއެވެ.އަދި އެކަލާނގެ ޤުރުޢާންނާއި އެއްގޮތަށް ޢަމަލު ކުރުމަށް އެއްގެވިއެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެޤުރުޢާން ތަންޒުކުރުމަށް ވަނީ އަންގަވާފައެވެ. އެއީ ކީއްވެގެންތޯއެވެ؟
ޖަވާބު ސާފެވެ. ހަމަ ބުއްދިއިން ވިސްނަށް އުނދަގުލެވެސް ނޫނެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ﷲ ތަޢާލާ އަކީ އިންސަނާ ޚަލުޤު ކުރެވި ޚާލިޤެވެ. އަދި އެކަލާނގެ އެ އިންސާނާ ހެއްދުވުމަށް ފަހު އޭނާގެ މައްޗަށް ރަޙުމަތެއްކަމުގައި ރަސޫލުން ފޮނުއްވާ ފޮތްބާވާލައްވާ ހުއްޖައް ޤާއިމުކުރެއްވިއެވެ. އެއީ އިންސާނާ ދެދުނިޔޭގައި ބާއްޖެވެރި މީހަކަށް ވުމަށެވެ. އެހެނީ ﷲ ތަޢާލާ އިންސާނާ ތަފާތު މިޒާޖުގެ ތަފާތު ކުލައާއި އަދަކާދަ ހިމެނޭ މަޚުލޫޤެއްކަމުގައި ލައްވާ އެމީހުންގެ ތެރޭގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް އެމީހުން އަމިއްލައަށް ދޫކޮށްލެވުމަށް އިރާދަ ނުކުރެއްވިއެވެ. އެހެނީ އޭރުން ބިމުގައި އުފެދޭނީ ފަސާދައެވެ. އެހެންކަމުން މިއުއްމަތަށް އެކަލާނގެ މަތިވެރިވެގެންވާ ޤުރުޢާން ބާވާލައްވާ އެ ފޮތް ޤިޔާމަތާ ޖެހެންދެން ރައްކާތެރި ކުރެއްވުމުގެ ޒިންމާ އުފުލެވިއެވެ. އެކަލާނގެ ވަޙީކުރައްވާ ފައިވެއެވެ.
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿٩﴾ " ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޒިކުރެއްބާވާލެއްވިމެވެ.( ކީރިތިޤުރުއާނާއި ޞައްޙަ ނަބަވީ ސުންނަތް) އަދި އެ ޒިކުރު ތިމަން ރަސްކަލާނގެ ރައްކާތެރި ކުރައްވާހުށީމެވެ."
މިކަމުން އަހަރެމެނަށް އެ ޤުރުޢާން ގެ އައިސްފައިވާ ކަންތައްކަށް ޤިޔާމަތާޖެހެއްދެއް ޢަމަލުކުރެވޭނެކަށް އެނގި ޔަޤީންވެއްޖެއެވެ. އެހެނީ އެފޮތް ދުވަހަކުވެސް ބަދަލު ނުކުރެވޭނެކަމަށް އެއަންގަވަނީ ކޮށްފަރާތަކުންތޯއެވެ؟
އާ އެކެވެ. ﷲ ތަޢާލާގެ ބަސްފުޅު ދޮގެއް ނުވާނެއެވެ. ދުވަހަކުވެސް ނުވާނެއެވެ. އަދި ކިއެއްތަ އެކަލާނގެ ވަޢުދު ފުޅާ ޚިލާފެއްވެ ވޮޑިނުގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރއްވާފައި ވެއެވެ. إِنَّ اللَّـهَ لَا يُخْلِفُ الْمِيعَادَ މާނައީ " ހަމަކަށަވަރުން ﷲ އެކަލާނގެ ވައުދާ ޚިލާފުވެ ވޮޑިނުގަންނަވައެވެ."
ﷲ ތަޢާލާ ގެ ބަސްފުޅުގެ ތެދުކަމާއި ވަޢުދު ފުޅުގެ ތެދުކަމުގެ އަލިގަދަ ހެއްކެއް ދައްކަން ހެއްޔެވެ؟ ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުގައިވެސް ޢިބުރަތެއްވެއެވެ.
26 މާރޗް 2011 ގައި ސަން އޮންލައިން ގައި ޝާއިޢުކޮށްފައިވަނީ މިކަމުގެ އަލިގަދަ ދިރި ހުރި ހެއްކެކެވެ. ﷲތަޢާލާގެ ކުޅަދުއްވަތަކަމާއެވެ. ޔާ ﷲ އިބަ އިލާހު ފިޔަވާ ޙައްޤު ގޮތުގައި އަޅުކަށް ކުރުއް ޙައްޤުވެގެންވާ ފަރާތެއް ނުވެއެވެ.
ސަން ގެ ޒުވާން ނޫސްވެރިޔާ އަލްއަޚް އަހުމަދު ނާފިއު - حفظه الله އެއީ އެކަމުގެ އަލި ގަދަ ހެއްކެކެވެ. ﷲ ތަޢާލާ ގެ މަތިވެރި ކަލާމު ފުޅަށް އެކަލާނގެ ބިމުގައި އެއިލާހުގެ ރިޒުގު ކައިގެން ތިބެ ކުރަމުންދާ އިހާނެތި ގޮތްތަށް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ﷲ ގެ ދީނާއި އެކަލާނގެ ފޮތް ނައްތާލަށް ދީނާއި ޤައުމުގެ ޚާއިނުން އަދި އަދުވުން ގެނެސްގެން އުޅޭ " ދީންމުގުރާތީ " ކުފުރުގެ ނިޒާމުގައި ދިވެހިން ޣަރަގުވެފަ ތިއްބާ އޭނާ ގެ ގަލަމުން އެ ފޮތް ރައްކާތެރި ކުރުމަށް އެ ލިޔެފައިވާ ރިޕޯޓު ލިޔުމުގެ ތައުފީޤު ދެއްވާ އެމަގަށް ﷲ ތަޢާލާ މަގު ދެއްކެވުމުންވެސް ﷲ ތަޢާލަ އެކަލާނގެ ކަލާމު ފުޅު ޤިޔާމަތާ ޖެހެންދެއް ރައްކާތެރި ކުރައްވާންނެކަށް އެނގެއެވެ. ޙަޤީޤަތުގައި އެކާލާނގެ އެކަމަށް އެއްވެސް އިންސާނެއްގެ އަދި ހައިވާނެއްގެ އެހީ އެއްބޭނުންވެ ވޮޑިގެން ނުވެއެވެ. ނަމަވެސް އެކަލާނގެ އަޅުން މެދުވެރި ކުރައްވާ މި ޤުރުޢާން ރައްކާތެރި ކުރައްވަނީ އެކަމުންވެސް ﷲ ތަޢާލާ މީސްތަކުންމައްޗަށް ހުއްޖައް ޤާއިމުކުރައްވާ ޤިޔާމަތް ދުވަހު އެކަލާނގެ އަޅުތަކުންގެ މައްޗަށް ބޭއިންސާފު ވެ ވޮޑި ނުގަތުމަށެވެ. والله علم
ﷲ ތަޢާލާ އަލްއަޚް އަހުމަދު ނާފިއު ދެދުނިޔޭގެ ބާއްޖެވެރިކަން ދެއްވާށެވެ. އާމީން
އަޅުގަނޑުމެން ގެތެރެއިން އެ ރިޕޯޓު ކިޔާފި މުސްލިމެއްގެ ދެލޮލުން ކަރުނަ އޮހަރޭހާ ވަރުވެއެވެ. ހިތް ފަޅައިގެން ދާވަރުވެއެވެ. އަޚުންނޭ ނިކަށް ވިދާޅުވެ ބައްލަވާށެވެ.
”ޝަރީފް ހޮވާފައިވާ މުސްހަފުތަކުގެ ތެރޭގައި އެންމެ ގިނައީ އިސްލާމިކް މިނިސްޓްރީން ކުށްހުރި ކަމަށް ބުނާ ގުރުއާނުގެ ދިވެހި ތަރުޖަމާ އެވެ. އޭގެ ތެރޭގައި މައުމޫން ސަރުކާރުގެ ތަރުޖަމާއާއި ނާސިރު ސަރުކާރުގެ ތަރުޖަމާ ހިމެނެ އެވެ. މޭޒެއްގެ މަތީގައި މުސްހަފުތަށް އަތުރާލާފައި ހުރި އިރު އޭގެ ތެރޭގައި އުރައިން ނުވެސް ކަޑާ ހުރި މުސްހަފުތައް ވެސް ހުއްޓެވެ. އަނެއްބައި މުސްހަފުތަށް ފޯވެގެން ގޮސް ހަލާކުވުމާ ގާތްވެފައި ވާއިރު ގުރުއާނުގެ އިނގިރޭސި ތަރުޖަމާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެއްވެސް ތަރުޖަމާއެއް ނުހިމެނޭ އާރޯތަނާކޮށް ހުރި ސީދާ ގުރުއާން ހަތިމުތައް ވެސް އެބަހުއްޓެވެ” ނާއިފު ލިޔެފައިވެއެވެ.
އަޅެ ތިބާގެ ހިތަށް އަސަރު ނުކުރޭހެވެ. މިއަދު ދިވެހިންގެ ގޯތި ގެދޮރުގައި ﷲ ގެ ކަލާމު ފުޅު ބާވާނެ ހަރުގަނޑެއްނެތެވެ. އެ ފޮތައް އަމަލު ނުކުރާތާ އެ ފޮތް ބަޔަކު ހަދިޔާ ކުރީމަ ރައްކާކޮށް ބާއްވާނެ ކަރބަޑެއް ނެތީބާވައެވެ. ޒިނޭ ކުރައް ގެންގުޅޭ " ލޯބި" ވެރިޔާ އިސްލާމުދީނުގައި ފާހަގަނުކުރާ " އުފަންދުވަސް" ފާހަގަކުރައްވެގެން ދިންހާ "ހަދިޔާތަކަށް ނިދާ އެދުގެ މަތިންނާއި ކޮޓަރީގެ މޭޒުމަތިން ޖާގަލިބުނެވެ. ﷲ ގެ އަދުއްވުން ކަމުގައިވާ ކާފަރު ޔަހޫދީންނާއި ނަޞާރާއިން ލިޔެފައިވާ " ތަފާތު" ވާހަކަ ފޮތަކަށް ގޭގެ ސިޓިންރޫމުގައި ހުރި ފޮތްބަހައްޓާ ހަރުން މަރުހަބާކިޔެވެ. މަލާއިކަތުން ގެޔައްވަދެ ދާނެތީ ގޭގެ ފާރުގައި ފާޑުފާޑު ގެ ފޮޓޯތައް ހިއްޕާ އެތަކެއްޗަށް ހިލޭ އެ ގޭގައި އެ ހުރެވެއެވެ. އެކަމަކު ހަތް އުނޑުމަތިން ﷲ ބާވާލެއްވި އެކަލާނގެ ކަލާމު ފުޅަށް ޖާގަ ނުލިބުނުތާ އެ ޤުރުޢާން ގެއިން ބޭރުކޮށްލިއެވެ. އަދި ކިއެއްތަ އެވަރުން ފުއްދާލީއެއްވެސް ނޫނެވެ. ތިމާމެންނަކީ ހުރިހާ ދީންނަކަށް އިޙުތިރާމުކުރާ " މޮޑަން ތަހުޒީބީ މީހުންކަމަށް" ބުނެ ދަޢުވާކޮށް ފަރަންޖީނަށް ވާން ރިހާކުރާ ބަތާނޫނީ މިހާރުވެސް ނުކެވޭ ހާލު އުޅޭ އިރުވެސް ﷲ ތަޢާލާގެ މަތިވެރި ކަލާމު ފުޅު އެއްވެސް ބިރެއް އަދި ލަދެއް ނެތި އެ އުކާލަނީ " ކުނިގަނޑަ"ށެވެ. އެފަދަ އަމަލުތައް ހިންގާ މުޖުރުމުންގެ ސިނކުޑި ކުނިވެ ގޮޑުވެފައިވާނެ މިންވަރާއެވެ. ހަމަ ހިލާ ތިކަމެއް ކަލޭމެންނަކަށް ނުވާނެއެވެ. ކިތަމެވަރަކަށް ﷲ ތަޢާލާ ބާވާލައްވާފައި ވާ އެކަލާނގެ ބަސްފުޅު ލިޔެވިފައިވާ މުސްޙަފުތައް( ޚަތިމުތައް) ގޮޑަށް އުކިޔަސް އެ ފޮތް އެކަލާނގެ ރައްކާތެރި ކުރައްވާނެއެވެ.
އޭ ﷲ ގެ އަޒާބަށް ބިރުވެތިނުވާ މީސްތަކުންނޭ! ﷲ ތަޢާލާގެ ކަނޑުގެ މެދުގައި އެކަލާނގެ ހައްދަވާފައިވާ ކުދި ޖަޒީރާ ތަކުގައި އެއިލާހުގެ ރިޒުޤު ކައިގެން ނެތުމުގެ ތެރެއިން ހައްދަވާ އެއްވެސް ބާރެއް އާރެއް ނެތް ހާލު ދުނިޔެއަށް "އޮރިޔާން" ޙާލުގައި ފޮނުވި ނިކަމެތި އިންސާނާއެވެ! ﷲ އަށް ޝުކުރުވެރިނުވާ މީސްތަކުންނޭ! ﷲ ތަޢާލާއަށް މަކަރު ހަދާ އޮޅުވާލެވޭނެކަމަށް ހީކޮންގެން ތިބި މީހުންނޭ! ހަމަކަށަވަރުން އެކަލާނގެ އީ އެކަލާނގެއަށް މަކަރު ހަދާ އޮޅުވާލައް އުޅޭ " ކިބުރުވެރި" މީސްތަކުނަށް އެއިލާހުގެ ފުރިހަމަކަމާއި މަތިވެރިކަމާއި އެކަށިގެންވެވޮޑިގަނަވާ ގޮތަށް މަކަރު ހައްދަވާ އެ " އުރެދުން ތެރިންގެ " ކިބައިން އިންތިޤާމު ހިއްޕެވުމަށް ނުކުޅެދުންތެރިވެ ވޮޑިގެންވާ އިލާހެއްނޫނެވެ. އަދި ކިއެއްތަ އެކަލާނގެ އީ އެއިލާހު އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ އިލާހެވެ.
ހަމަކަށަވަރުން ﷲ ތަޢާލާގެ ކަލާމު ފުޅު ލިޔެވިފައިވާ މުސްޙަފުތަކަކީ އިންސާނުން އަމިއްލައަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ އެއްޗެއްކަމުގައިވިޔަސް އެ މުސްޙަފުތަކުގައި ލިޔެވިފައިވަނީ ﷲ ތަޢާލާގެ ބަސްފުޅުތައްކަމުން އެ މުސްޙަފަތް ހުރުމަތް ތެރިކޮށް ހިތުމަކީ ކޮންމެ އިންސާނެއް އަދި ކިއެއްތަ ކޮންމެ މުސްލިމަކަށް ވާޖިބުވެގެންވާ ކަމެކެވެ. ޤަސްދުގައި މީހަކު މުސްޙަފެއް( ޚަތިމެއް) އެއްލާލައިފިނަމަ އެ މީހަކު އިސްލާމު ދީނުން ބޭރުވާނެ ކަމާ މެދު އަޙުލުއްސުންނަތް ވަލްޖަމާޢަތުގެ ޢިލުމުވެރިން އިންތިފާޤުވެ ވަޑައިގަންނަވައެވެ. އެކަމުގައި އޭނާ އިޢުތިޤާދަކަށް ބަލާކަށް ނުޖެހެއެވެ.[1]
.والله علم
އަދި ﷲ ތަޢާލާ ވަހީކުރެއްވި އެވެ. قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ މާނައީ: " ކަލޭގެފާނު ވިދާޅުވާށޭ. ތިޔަބައި މީހުން ތިޔަ މަލާމާތްކޮށް އުޅެނީ ﷲ އަށާއި އަދި އެކަލާނގެ އާޔަތްތަކަށާއި އަދި އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ. ހަމަކަށަވަރުން އީމާން ވުމަށް ފަހު ތިޔަބައި މީހުން ކާފަރުވެއްޖެއެވެ."
މިއީ ކީރިތި ޤުރުޢާން ނަށް މަލާމާތް ކޮށް ފުރައްސާރަކުރާ މީހާ އާއި މެދު ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ގޮތެވެ. ދެން އެ ފޮތަށް މަލާމާތް ކޮށް އެއްވެސް ބިރުވެތިކަމެއް ނެތި ފުރިހަމަ އިޚުތިޔާރުގައި ގޮނޑަށް އުކާލާ މީހުންގެ އިސްލާމީ ފޭރަށް ހުންނާނެ ބާވައެވެ؟
ކީރިތި ޤުރުޢާނަށް އިހާނާތް ތެރިކޮށް ހިތުމަކީ އަބަދުވެސް ކާފަރުން ކުރަމުން އަންނަކަމެކެވެ. އެމީހުން ރެއާ ދުވާލު އެކުރަނި އެމަސައްކަތެވެ. ނަމަވެސް ﷲ ތަޢާލާ އެފޮތް ވަނީ ރައްކާތެރި ކުރައްވާ ފައެވެ. އެއީ އެކަލާނގެ ހިކުމަތް ފުޅުން ﷲ ތައާލާ ކޮންމެ ޒަމާނެއްގައިވެސް ކީރިތި ޤުރުއާން ރައްކާތެރިކޮށް އެފޮތާ އެއްގޮތަށް ޢަމަލު ކުރުމަށް ޓަކައި ބަޔަކު ލައްވަވައެވެ. އެއީ ﷲ ތަޢާލާ އެކަމަށް ބޭނުންވެ ވޮޑިގެންނެތް ނޫނެވެ. އެއީ އެކާފަރުންގެ މައްޗަށް ވާ ހުއްޖަތެއްކަމުގައި އެކައްލެއްވުމަށެވެ. އަދި ﷲ ތަޢާލާގެ ފޮތުގެ ހިމާޔަތަށް ދެތުވެ ﷲ ތަޢާލާގެ ވަޖުހަފުޅު އަދައިގެން މަސައްކަތް ކުރާ އިޚުލާސް ތެރި އަޅުންނަށް ވާ ހުއްޖެތެއްކަމުގައިވެސް އެކަށް ލެއްވެވުމަށްޓަކައެވެ. ﷲ އީ ޒައްރެއްގެ މިންވަރުވެސް އަނިޔާވެ ވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެއިލާހުގެ މަތިވެރިކަމާއި ހުސްޠާހިރުވަންތަކަމާއެވެ.
އެއިލާހުގެ މަތިވެރި ހިކުމަތް ފުޅުން ،މިއަދު މި ދީބުގައިވެސް ވަނީ ޤުރުއާނަށް ފުރައްސާރަ ކޮށް ގޮޑަށް އުކަމުންދާ އިރު، އެ ފޮތުގެ ދިފާޢުގައި މަސައްކަތް ކުރާނެ ﷲ ތަޢާލާދެކެ ލޯބިވާ އަޅެއް ވަނީ ލައްވާފައެވެ . އާދެ 21 ވަނަ ޤަރުނުގެ ދިވެހި ބޮޑުތަކުރުފާނެވެ. މި ހަލަބޮލި ދުވަސްވަރުވެސް ﷲ ތަޢާލާގެ ފޮތް އޭނާގެ ޤާބިލިއްޔަތު ތަންދިން މިންވަރަކަށް ހިމާޔަތް ކުރެވޭތޯ ދޭހާއައްވެއްގައި ވެހޭހާ ވާރޭގައި އެއްވެސް ފޫހިކަމެއް ނެތި އެކުރަވާ " އަޅުކަމުގެ މަތިވެރިކަމާއެވެ." މީސްތަކުން ގޮޑު ހޮވާ ދުނިޔެ އާރާސްތުކުރައް ހޭބޯނާރާ އުޅޭ އިރު ކޮންމެ ދުވަހަކު މާލޭ ކުނިގަނޑަ ގޮސް އެއްވެސް ލަދެއް ނެތި އުކާލާފައިވާ ﷲތަޢާލާގެ މަތިވެރި ކަލާމު ފުޅުތައް ހޮވާ އެތަކެތި އުފުލައިގެން ގެއަށް ގެނެސް އެ ރައްކާތެރިކަމާއެކު އެ ބަލަހައްޓަނީ ހަމަގައިމު އޭނާގެ ހިތުގައި އެ ޤުރުއާނަށް ދެވިފައިވާ ޤަދަރެއް ބޮޑުކަމުންކަމާ މެދު ޝައްކެތް ނުކުރެވެއެވެ. މި ނަސީބުވެރި އިންސާނަކީ ކާކުބާވައެވެ؟ މި ވަރުގަދަ މުޖާހިދަކީ ކާކުހެއްޔެވެ؟
އަޅުގަނޑަށް ފެނުނީ ސަން އޮންލައި ނުގައި އަޙުމަދު ނާފިއު ލިޔެފައިވާ ރިޕޯޓުގައި ވާ އެ " ބަޠަލު" ތަސްވީރެވެ. ހަމަ އެކަނި އެ އިޙުލާސްތެރިޔާގެ ނަމެވެ. "މާލޭ ކުނިގޮނޑުގައި ކީރިތި ގުރުއާން! " މިސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި ވެއެވެ.
"އަހުމަދު ޝަރީފު ކުނިގޮޑަށް ދަނީ ކުނި އުކާލާކަށް ނޫނެވެ. ގޮނޑުހޮވާ ކަށް ވެސް ނޫނެވެ. އޭނާ ގޮނޑަށް ދާން ފެށީ ކުނި ގޮނޑުން ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ގޮނޑުން އޭނާއަށް ފެނުނީ ފޮތެކެވެ. އާދައިގެ ފޮތެއް ނޫނެވެ. ކުނިވެފައިވާ ކުނި ބުނި ތަކުގެ ތެރެގޭގައި ވީދި ގަނޑުތައް ހަލާކުވާން ދޫކޮށްލާފައި އޮތް ކީރިތި ގުރުއާންގެ ފޮތެކެކެވެ. އެ ދުވަހު އެއް ފޮތެވެ. އެކަމަކު އޭގެ ފަހުން އޭގެ އެތައް މުސްހަފެއް ޝަރީފް ވަނީ ގޮޑުން ހޮވައި އޭނާގެ ގެއަށް ޖަމާކޮށްފަ އެވެ. ހަމައެއާއެކު ކުނިގޮނޑުން މުސްހަފު ހޯދަން ދިއުމަކީ އޭނާގެ އެންމެ ބޮޑު ޝައުގުވެރި ކަމަށް ވަނީ ހަދާފަ އެވެ."މީގެ ތިން މަސްކުރިން ފެށިގެން މިކަން (ގުރުއާން ހަތިމްތަކާއި ގުރުއާން ތަރުޖަމާތައް ގޮނޑުން ފެނުން) މިވަނީ އާންމު ކަމަކަށް ވެފައި،" ގޮޑުން ފެންނަ ހަތިމްތައް އެއްކުރަމުން، ގަންނަމުން އަންނަ ޝަރީފް ކިޔައިދިނެވެ. "އަޅުގަނޑު ނޫން އެހެން މީހުން ނަގާ ހަތިމުތައް ފައިސާ ދީފައި ގަނެގެން ވެސް ގެއަށް ގެންނަމުން މިދަނީ،"
މާތް ﷲގެ ކަލާންފުޅު، ގުރުއާން ފޮތް، ކުނިގޮނޑުން ފެނުމަކީ ޝަރީފުގެ ހިތަށް ކެތްވަވާވަރު ކަމަކަށް ނުވާތީ ގޮނޑުން ހަތިމް ހޮވަން ފަށާއި އެއްކުރަމުން ގޮސް މިއަދު ވެސް އޭނާގެ އަތުގައި އެތަކެއް ސަތޭކަ އާއި ގާތްކުރާ އަދަދަކަށް މުސްހަފު އެބަހުއްޓެވެ. މުޅިން ވެސް ގޮނޑުން ގޮވި ހަތިމެވެ.
"ދުވާލަކު 10 އާ ގާތްކުރާ އަދަދުތަކަށް ގޮނޑުން މުސްހަފު ފެނޭ. ބައެއް ދުވަސް ދުވަސް ނުފެނި ވެސް ދޭ. އެކަމަކު ގިނަ ދުވަސް ދުވަހު ފެނޭ،" ޝަރީފް އެއްކޮށްފައި ހުރި ބައެއް މުސްހަފުތަކުގެ ކައިރީގައި ހުރެ ކިޔައިދިނެވެ."
އޭ ލޮބުވެތި އަޚާ އޭ! އަޅެ އަހުމަދު ޝަރީފު އެއީ ބަޠަލެއްނޫންހެއްޔެވެ؟ އެއީ މިއަދު އަހަރެމެން މުސްލިމުންނަށް ހުރި ނާމޫނާއެއް ނޫންހެއްޔެވެ؟ އަދި ޝަރީފު އާއި އެކު އަހަރެމެން އެ ވަރުގަދަ މަތިވެރި ޖިހާދަށް ނުކުންނާކަށް ނޫވޭބާވައެވެ؟ ތިބާ އީމާންކަށް ކޮބައިހެއްޔެވެ؟ ނިމިގެންދިޔަ ފިތުރުޢީދު ދުވަހާ ދިމާކޮށް އެމެރިކާގެ ފައްޅިއަކުން ކީރިތިޤުރުއާން އަންދާލުމަށް ރޭވުމުން ތިބާ އަށް ކުރި އިހުސާސްތައް މިއަދު ކޮބައިހެއްޔެވެ؟ އާންއެކެވެ. އެދުވަހު ތިބާއަށް ހަމައެކަނި ކުރެވޭނީ އެކަމަށް ދެކޮޅުހެދުމުގެ ސުޢޫރެކެވެ. ނަމަވެސް އެމެރިކާ ފަހަނައަޅާ މިއަދު މިވަނީ މި ދިވެހި ރާއްޖޭގައި ޤުރުއާން އިހާނާތެރިކޮށް "އަންދާލުމަށް"ވުރެ މާނުބައި ނުލަފާ ކަމެއްފަށާފައެވެ. އެކަމާ ދެކޮޅަށް އަހަރެމެން ލެއިން ގުރުބާވެގެންވެސް "ޖިހާދު"ކުރާކަށް ނޫވޭބާވައެވެ. ﷲ ތަޢާލާގެ ކޯފާ އަހަރެމެން އެންމެންގެ މައްޗަށް އަތުވެޖެނަމަ ދެއްހަދާނީ ކިހިނެއްހެއްޔެވެ؟
ﷲ ތަޢާލާ އަލްއަޚު އަހުމަދު ޝަރީފުގެ އެ ޢަމަލު ޤަބޫލު ކުރައްވާށިއެވެ. އާމީން
އާއެކެވެ. ﷲ ތަޢާލާ އެކަލާނގެ ވަޖުހަފުޅަށްޓަކައި ކުރާ އަޅުކަންތަކަށް ހެޔޮދަރުމަ ދެއްވައެވެ. އަދި އިހުސާންތެރިންނަށް އެކަލާނގެ ހެޔޮ ޖަޒާ ދެއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި އެވެ.
هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ މާނައަކީ " ހެޔޮ ކަމުގެ ޒަޖާއަކީ ހެޔޮ ޘަވާބު ކަމުގައި މެނުވީ ވާނޭހެއްޔެވެ؟"
އޭ ދިވެހި ސަރުކާރޭ! ދުނިޔެއަށްޓަކައި އެއްގަޑި އިރަށް " ކަރަންޓު ކަނޑާލިއިރު" ﷲތަޢާލާގެ ވަޖުހަފުޅަށްޓަކައި އެކަލާނގެ ފޮތް ހިމާޔަތް ނުކުރާނަށްހެއްޔެވެ؟ އެ ބޮޑު" ކުފުރުގެ ޢަމަލު" ކުރަމުންދާ މީސްތަކުން ހޯދާ އެމީހުންނަށް " ޙައްޤު" އަދަބު ދިނުމަކީ ތިޔަ ސަރުކާރުގެ ވާޖިބެކެވެ.
އޭ ދިވެހި ރައްޔިތުންނޭ! ﷲ ގެ ކޯފާ އައުމުގެ ކުރިން މިކަން ހުއްޓުވަން މަސައްކަތް ކުރާމާ ބަހީއެވެ. އެކަލާނގެ ވަޙީކުރެއްވި އެވެ
وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ
މާނައީ: " ތިޔަބައިމީހުންނަށް ޖެހިދާނެ ފިތުނަޔަކާމެދު ބިރުވެތިވެ ރައްކާތެރިވެ ތީބޭ އުށިކަމެވެ. އެ ފިތުނަ ޖެހޭނީ ހަމައެކަނި ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކައްޏެއް ނޫނެވެ. އަދި ތިޔަބައިމީހުން ހަނދާންކޮށް ދެނެގަންނާށޭ ﷲ ތަޢާލާ އެއީ ގަދަފަދައަށް އުޤުބާ ދެއްވާ އިލާހެވެ."
- [1] islamqa.com

















އަޙްމަދު ޝަރީފު އަށް ހެޔޮ ރަޙްމަތާއި ހެޔޮޖަޒާގެ މަތިވެރި ނިޢްމަތް ކީރިތި މާތް الله މިންވަރު ކުރައްވާ ރޯދި ކުރައްވާށިއެވެ. އަދި އަޙްމަދު ޝަރީފުގެ މި ހެޔޮ ޢަމަލު ޤަބޫލު ކުރައްވާ އަދިވެސް އިތުރަށް ހެޔޮ ޞާލިޙު ޢަމަލުތައް ކުރުމުގެ ހެޔޮ ތަފީޤު އޭނާ އަށް ކީރިތި މާތް الله ދެއްވާ ދަރުމަ ކުރައްވާށިއެވެ. އަދި އަޙްމަދު ޝަރީފު ގެ ރިޒްޤު ތަނަވަސް ކުރައްވާ ދެ ދުނިޔޭގައިވެސް ހެޔޮކަން އޭނާ އަށް ކީރިތި ވަންތަ މަތިވެރި މާތް الله ދެއްވާށިއެވެ. އާމީން. އާމީން. އާމީން. އަދި ކީރިތި ޤުރްއާން ލިޔެވިފައިވާ މުޞްޙަފުތައް ކުނިގޮޑަށް އުކާލާ މީހުންނަށް ޙައްޤު ޢުޤުބާތް އެންމެ ހަރުކަށިގޮތުގައި އެމީހުންނަށް ދައްކަވާ އެހެން މީހުންނަށް ޢިބްރަތަކަށް ވާ ފަދަ ގަދަފަދަ ޢުޤޫބާތް އެމީހުންނަށް ދެއްވާ އެ މީހުންގެ ނުބައި ކަމުން މުސްލިމް ދިވެހި މުޖްތަމަޢް ސަލާމަތް ކުރައްވާށިއެވެ. އާމީން. އާމީން. އަދި މި މލިޔުން ދި އިސްލާމް ގައި ޝާއިޢު ކުރެއްވި عبدالله ނަސީމް އަށާއި ދިއިސްލާމް ގެ ހިންގުންތެރީންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.