ދާދިފަހުން އިނގިރޭސި ވިލާތުގެ 4 ޒުވާނަކު "ޔަންގް މުސްލިމުން"ގެ ނަމުގައި ރާއްޖެ ގެނައެވެ. މާލޭގެ އިތުރުން ރާއްޖެ ތެރެއަށް ވެސް މި ޔަންގް މުސްލިމުން ގެންގޮސްގެން އެމީހުންގެ ޔަންގް މުސްލިމުކަން ދައްކައިދީފައިވެއެވެ.
މި ގްރޫޕް ގެނައުމުގެ ހަޤީޤީ މަޤްޞަދު އެގްރޫޕުގައި ހިމެނޭ ބޮލުގައި ބުރުގާއެއް އަޅައިގެން އުޅުނު އަންހެން ކުއްޖަކު ހެދުން އެޅި ގޮތުން ވަރަށް ރަނގަޅަށް ހާމަވެއެވެ. އިނގިރޭސި ސަރުކާރުން ފަންޑު ކޮށްގެން އުފައްދާފައިވާ، އިސްލާމް ދީނުގެ ނަމުގައި ޙަރަކާތްތެރިވާ މިގުރޫޕާ މެދު ރައްކާތެރިވެ ސަމާލުވާންޖެހެއެވެ. ސަލްމާންރުޝްދީފަދަ، ނަބީކަމަށް ދަޢުވާކުރި ރަޝާދު ޚަލީފާފަދަ ކޮންމެ މީހަކަށް އިނގިރޭސިވިލާތުންވަނީ ޙިމާޔަތް ދީފައެވެ.
މައުޟޫޢާއި ބެހޭގޮތުން އެއްޗެއް ލިޔުމުގެ ކުރިން ދިވެހިސަރުކާރުން މުސްލިމް ގްރޫޕެއް ގެނެސްފާނެތޯ އަދި އެއީ ކީއްވެތޯ ދެނެގަތުމަކީ މި ލިޔުން އިތުރަށް ވިސްނައިގަތުމަށް ފަސޭހަވާނެކަމެކެވެ.
މިއަދުގެ ސަރުކާރުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަންބޭނުންވެގެން އެދަނީ ތާއަބަދު މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤަވާޢިދުވަނީ ހިފަހައްޓާފައެވެ. ޔަހޫދީންނާއި ގުޅުންވަނީ ބަދަހިކޮށްފައެވެ. އެބައިމީހުންނަކީ މިސަރުކާރުގެ އެއްބަނޑު އެއްބަފާބައެކެވެ.
ސުވާލަކީ މިއީ އިސްލާމްދީން ކުރިއަރުވަން ކުރި ކަންކަންތޯއެވެ؟ ނުވަތަ ބަޔަކު މިފަދަ ކަމެއް އިސްލާމްދީން ކުރިއަރުވަން ނުވަތަ ދީންވެރިކަމުން ކޮށްފާނެތޯއެވެ؟ އަޅެ ކޮށްފާނެތޯ ތިމާގެ ހިތާއި ހިތާ ސުވާލުކޮށްލާށެވެ؟ މިވަރުގެ ބަޔަކު އިސްލާމް ނަމުގައި ގްރޫޕެއް ގެނައުމުގެ މާނައަކީ ކޮބައިތޯއެވެ؟ ނުވަތަ އެއީ ހަމަ އަސްލުވެސް އިސްލާމް ގްރޫޕެއްތޯއެވެ؟ ނޫނީ ޔޫއެންފަދަ، ނަމުގައި އަމާންކަން ގެންނަކަމަށް ހަދައި ޔަހޫދީންނަށް ބާރުދޭ ބައެއް ބާއެވެ؟ ހައްތަހާވެސް ސުވާލުތަކެވެ.
ބާރުހެދުމުގައި ބުރުގާ އަޅައިގެންކަމަށް ދައްކުވައިގެން ހުރިއިރު ދެއަތުގެ އުޅަނބޮށިން ތިރި އޮތީ ހާމައަށެވެ. ދެން ހުރި އަންހެން ކުއްޖާ ހުރީ ޢައުރަވެސް ނިވާނުކޮށެވެ. މިމީހުން މާލެ އާއި ރާއްޖެ ތެރޭގައިވެސް ހެދުން އަޅައި އިޝްތިހާރު ކުރީ މިގޮތަށެވެ. އަދި އަޅުގަނޑުމެންގެ ނާއިބު ރައީސް އާއި ބައްދަލުކުރިއިރު ތިބީވެސް ހަމައެގޮތަށެވެ. ދެން ތިބީ ތުނބުޅީގައި މޮޑަން ކަޓު ޖައްސައިގެން ލައިގެންތިބި ޖީންސުގެ ފައިކުރިގޮސް ފައިދަށަށް ވަދެފައިވާ މޮޑަން ފިރިހެނުންނެވެ. މިއީ ތިމާމެންގެ ޤައުމުގައި އިސްލާމުން ގިނަވެގެން ހަދާނެގޮތެއްދެން އިތުރަށް ނެތިގެން އެހެން ޤައުމުތަކަށް ގޮސް އިސްލާމްދީނުގެ ނަމޫނާ ދައްކާ ބައެކޯލައެވެ.
ހަނދާނާ ތާރީޚުގެ ތެރެއިން އިހަކަށްދުވަހުގެ ހާދިސާއެއް ހަނދާންކޮށްލަ ބަލާށެވެ! ދިވެހި ރާއްޖޭގައި ހުރި ހަމައެކަނި ޢަރަބި ތަޢްލީމުދޭ ދީނީ ސްކޫލްގެ ޢިމާރާތް ދަރިވަރުންގެ ބޯމައްޗަށްވެއްޓިގެން، އެކުދިންގެ ބެލެނިވެރިން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ބައްދަލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ފެނިފައިވަނީ ވަރަށް ހިތިކޮށެވެ. މަގުމަތީގައި އުޅޭ ގުރޫޕުތަކާ ބައްދަލު ކުރާއިރު ދީނީ ބަޔަކާ ބައްދަލު ނުކުރާނޭކަމުގައި މިނިވަންކަމާއި ހަމަހަމަކަމަށް ދަޢުވާކުރާ މިއަދުގެ "މިނިވަން" ރައީސްވަނީ ވަރަށް ފުރިހަމައަށް ހާމަކޮށްދީފައެވެ.
ތަފާތު ރޭޑިއޯ ތަކުގައި މި މީހުން ވާހަކަ ދެއްކީ އިސްލާމްދީނުގައި 73 ބައި އޮންނަ ކަމަށާއި އެއިން ކޮންމެ ބަޔަކަށްވެސް އުޅެވިދާނެކަމުގައެވެ. އަދި އެގޮތުން ސެކިއުލަރ ނުވަތަ ލިބަރަލްވެސް ވެވިދާނެ ކަމެވެ. މިއީ ސަރުކާރުން ރާއްޖޭގައި ފަތުރަން ބޭނުންވާ އިސްލާމްދީނެވެ.
ހައިރާންވާންޖެހޭ އަނެއްކަމަކީ މިބައިމީހުން ދީނީ ފަތުވާދީ "ދީނީ ރޭޑިއޯ" ތަކަށް އަރައި ދީނީ ވާހަކަދެއްކި އިރު އިސްލާމްދީން ޙިމާޔަތްކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް މިބައިމީހުންގެ މައްޗަށް ނުހިނގީ ކީއްވެބާއެވެ. މިބައިމީހުން "ދޮން" ވީމައިބާއެވެ.
ރައްޔިތުންނޭވެ! ނިކަން ވިސްނަވާށެވެ. އިސްލާމްދީނުގެ ރަނގަޅު ތަޢްލީމް ފޮރުވާފައި އިސްލާމްދީނުގެ ނަމުގައި ވިލާތުން މީހުން ގެނެސްގެން ދަސްކޮށްދޭން ނުވަތަ ބުނެދޭން މަސައްކަތް މިކުރަނީ ބަނގުރާ ބޮވޭ ބަނގުރާ ވިއްކޭ "އިސްލާން"ދީނެވެ. ޒިނޭ ކުރެވޭ ޒިނޭ ކުރުވާ "އިސްލާން"ދީނެވެ. ދިވެހިރައްޔިތުންގެ ފިކުރު ބަދަލުކޮށްލާ ދިވެހިންނަށް މޮޑަނިޒަމްގެ ނަމުގައި ޔަހޫދީ "ރޭންޑް" އެޖެންޑާގެ ދަށުން ރައްޔިތުންގެ ސިކުނޑިއާއި ކުޅެނީއެވެ.
ދިވެހި ރައްޔިތުންގެ ސަމާލުކަމަށް އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. މިއަދުގެ ސަރުކާރުން މިފަދަ މަކަރުވެރި އެހެން މީހަކު އިރުކޮޅުކޮޅުން ރާއްޖެގެނެއެވެ. އެއީ އިމާމް ލަތީފް ކިޔާ އެމެރިކާގެ މީހެކެވެ. އޭނާ އިސްލާމްދީން ކިޔެވިތަނެއް އެނގޭ މީހަކު މިބިންމަތީގައި ނުހުންނާނެއެވެ. އޭނާ ތަޢްލީމީ ފެންވަރު ކޮބައިތޯ ސުވާލު ކުރުމުން ހަދާފައިވާ އޭނާގެ ސީވީއެއް ފޮނުވާނެއެވެ. ނަމަވެސް އޭނާ ތަޢްލީމް ޙާޞިލް ކުރިގޮތެއް އޭގައި ލިޔެވިފައި އޮއްވާ ފެންނާނޭ މީހަކު ނެތެވެ.
މިދަންނަވާ އިމާމް ލަތީފަކީ ޔަހޫދީންގެ ރޭންޑް ކިޔާ ޖަމާޢަތަކުން ޔޫއެންގެ އެހީގައި އިސްލާމީ ޤައުމުތަކުގައި އިސްލާމީ ޕްރިންސިޕަލަށް ޢަމަލު ކުރަމުންދާ މީސްތަކުން ޒަމާނާއި ތަރައްޤީގެ ނަމުގައި މަގުގެއްލުވައިލުމަށް މަސައްކަތްކުރާމީހެކެވެ. މިއީ ވަކިން ޚާއްސަކޮށް އެމްޑީޕީގެ މީހުން ވިސްނަން ޖެހޭ ކަމެކެވެ. ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ޤަވާޢިދު ހިފަހައްޓައިގެންތިބެމެ ތަންތަނުން މީހުންގެނައުމަކީ ކިހާބޮޑު އަރަތެއް ހެއްޔެވެ؟
އެންމެ ރަނގަޅެވެ! މިވަރުން ނުވިސްނެންޏާ ބުނެބަލާށެވެ. މިއަދުގެ ސަރުކާރުން އެއުޅެނީ އެމީހުންގެ ދީންވެރިކަމުން އިސްލާމީ ޝަރީއަތް ޤާއިމް ކުރަންތޯއެވެ؟ ނޫނީ ޤުރުއާނާއި ސުންނަތް ދިރުވަންތޯއެވެ؟ ޖަވާބުގައި ކޮންމެ މީހަކަށްވެސް ދެންނެވޭނީ ނޫނެކޭ ކަމެވެ. އެހެންކަމަށްވާއިރު ދެން މިއީ ކޮންކަމެއް ހެއްޔެވެ؟ މިއީ އޭގެ އިދިކޮޅެވެ. އެކަންކަން ނައްތާލާ ހަލާކު ކުރާށެވެ. މިއީ ޔަހޫދީން މިކަން ކުރާގޮތެވެ. އަޅުގަނޑު ހައިރާންވަނީ މިފަދަ ކަންކަން އެނގިތިބެ އިސްލާމިކް މިނިސްޓްރީން މިކަމާމެދު ބަޔާންގަނޑެއްވެސް ނުނެރި ރައްޔިތުންނާއި މިކަންކަން ޙިއްސާނުކުރާތީއެވެ. ނުވަތަ ނުބުނެދޭތީއެވެ. މިއީ ކުރަންޖެހޭ އެގެންޖެހޭ ކަންކަމެވެ. ނޫނީވިއްޔާ އިސްލާމިކް މިނިސްޓްރީގެ ބޭނުމަކީ ކޮބާހެއްޔެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ޚުޠުބާ ހެދުމަށް ތިވަރުގެ ބޮޑު މިނިސްޓްރީއެއް ބޭނުމެއް ނޫނެވެ. ހަމަ އެންމެ ލެޕްޓޮޕަކުން އެކަން ކުރެވިދާނެއެވެ.
ކުރިން ދެންނެވުނު މުސްލިމް ގްރޫޕްގެ ފަލްސަފާގެ ތެރޭގައި ﷲ ޙަރާމްކުރެއްވި ލަވަޖެހުމާއި މިއުޒިކް ކުޅުމަކީ ހުއްދަ ކަމެކެވެ. ކައިވެނި ނުކޮށް ކޮންޑޮމް ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. އެއީ މޮޑަނިޒަމްއޯއެވެ؟ އެކަމަކު ބުނެ އިންޒާރު ދެމެވެ. ފާޑުފާޑުގެ މީހުން ގެނެސްގެން މިރާއްޖޭގައި ސަކަރާތްޖަހަން ނޫޅޭށެވެ. ތިކަމުގައި އަދި މިހާތަނަށް ޝޭޚަކު ނޫނީ އެއްވެސް ޖަމްޢިއްޔާއަކުން ބަހެއް ބުނެފައިނުވާތީ އެކަމުގެ ފައިދާ ނަގައިގެން ތިކަން ކުރަމުންދަނިކޮށް ފިސާރި ރަނގަޅު ކަމެއްވެދާނެއެވެ.
މިމީހުންގެ ޙަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކަށް އެމީހުންވަނީ ޒިޔާރަތްކޮށްފައެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންނަށް އެމީހުން އެބުނާ މޮޑަން އިސްލާމް ދީން އުންގަންނައި ދީފައެވެ. ފާޅުގައި އިސްލާމް ދީން އޮޅުވާލުމުގެ މަސައްކަތްކުރަމުންދާ މިފަދަ ދީނުގެ ޢަދުއްވުން ބޭނުންކޮށްގެން އަޅުގަނޑުމެންގެ ދަރީންގެ ޢަޤީދާ ހަލާކު ކުރުވުމުގެ ޒިންމާ އެޑިޔުކޭޝަން މިނިސްޓަރުވެސް ނަގަންޖެހޭނެއެވެ. މިފަދަ ކަމެއް މިނިސްޓަރަށް ނޭނގި ނުހިނގާނެކަން ކަށަވަރެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...