މިއަހަރުގެ ފިޠުރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން ޢަމަލު ކޮށްފައިވަނީ އެއްމެ ރަގަޅަށް ނޫންކަމަށް މަޖްލިހުން ނިންމި ނިންމުމާއި ވިދިގެން އިސްލާމިކް މިނިސްޓްރީން ނޫސް ބަޔާނެއް ނެރުއްވައިފިއެވެ.
ރައްޔިތުންގެ މަޖްލިހުން މިކަމާއި މެދު ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން ޒަކާތް ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެނައުމަކާއި ނުލާ މިއަހަރު ފިޠުރު ޒަކާތް ބެހިފައިވުމަކީ އެއްމެ އިންޞާފުވެރި ގޮތެއްނޫނެވެ. އެހެނީ އެދުވަސްވަރު ކޯވިޑް 19 އާއި ވިދިގެން ސަރުކާރުގެ އޮފީސްތައް ބަނދުކުރެވިފައިވީ ނަމަވެސް، އިންޓަނެޓު މެދުވެރިކޮށް އޮފީސްތަކުގެ އެފަދަ އިދާރީ މަސައްކަތްތަކާއި، ފައިސާގެ މުޢާމަލާތްތައް ވަނީ ކުރިއަށް ގެންދަވާފައެވެ.
މިހެންކަމުން މިކަމާއި ވިދިގެން އިސްލާމިކް މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ނެރުއްވާފައި މިވާ ނޫސް ބަޔާނުގައި ވާ ގޮތުން ޒަކާތް ނެގުމާއި ބެހުމުގެ ކަންތައްތައް އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި އެއްގޮތަށް އިޞްލާޙުކޮށް، ގެންނަށް ޖެހޭ އިދާރީ ބަދަލުތައް ގެނެސް، ގެއްލިފައިވާ އިތުބާރު އަލުން އިޢާދަ ކުރެއްވުމަށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަށް އެމިނިސްޓްރީން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
މީގެ އިތުރުން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި 1441 ވަނަ އަހަރު ރޯދަ މަހުގެ ކުރިން ފަޤީރުންގެ ދަފްތަރު މުރާޖަޢާ ކުރުމަށް އެބޭފުޅުން މަސައްކަތް ކުރެއްވި ކަމުގައިވިޔަސް ފުރަބަންދުގެ ޙާލަތު މެދުވެރިވުމުން އެކަންތައްވަނީ ކުރެވޭ ގޮތް ނުވެފައެވެ. އަދި އެއީ ފަޤީރުންގެ ދަފްތަރު އާކުރުމަކީ ވަކި ޚާއްޞަ އިންތިޒާމެއް ހަމަޖެހިގެން ދައުލަތުގެ ތަފާތު އެކިއެކި މުއައްސަސާތަކާއި އެކު ކުރެވޭ މަސައްކަތަކަށް ވާތީ، ފަޤީރު ޙާލަތުގައި ތިބި ރައްޔިތުންނަށް މިހުރިހާ ލިޔުންތައް އޮންލައިނުކޮށް ހުރިހާ މުއައްސަސާތަކަށް ހުށައެޅުމަށް ހުރަސްތަކެއް މެދުވެރިވެ ހަމަހަމަ ކަމުގެ ފުރުޞަތު ގެއްލިދާނެތީކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ޒަކާތް ބައްސަވާފައިވަނީ މިއަހަރުގެ ލިސްޓަކަށް ކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. އެއީ ޒަކާތް ބެހުމުގައި އަބަދުވެސް ބަލަނީ ހިޖުރީ ތާޜީޚަށް ކަމަށްވެފައި މިލިސްޓު ނެރުއްވާފައިވަނީ 2 ޞަފަރުގައި ކަމުން، މިއީ 1439 ވަނަ އަހަރު އެކުލަވާލައްވާފައިވާ ލިސްޓެއްނޫންކަމާއި، މިއީ މިހިނގާ 1441 ވަނަ އަހަރު އެކުލަވާލެވުނު ލިސްޓެއްކަމަށްވެސް މިނިސްޓްރީން ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީންވަނީ ކޯވިޑް 19 އާއި ވިދިގެން މެދުވެރިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި މިނިސްޓްރީން ގޮތް ނިންމަވަނީ އިސްލާމީ ފަތުވާދޭ އެއްމެ މަތީ މަޖްލިހާއި، ދީނީ ޢީލްމުވެރިންނާއި، ޑޮކްޓަރުންގެ ލަފާގެ މަތިންކަމަށް ވިދާޅުވެފައެވެ. އަދި މިބޭބޭފުޅުންގެ އިރުޝާދާއި އެކު މިނިސްޓްރީން ނިންމަވަމުންދާ ނިންމެވުންތަކަކީ އިސްލާމް ދީނުގެ މާތް މަޤްޞަދުތަކާއި، ޝަރުޢީ އުޞޫލުތަކަށް ރިޢާޔަތް ކުރެވިގެން ނިންމާ ނިންމެވުންތައް ކަމަށާއި، އެނިންމެވުންތަކާއި ޚިލާފަށް ޢާއްމު މަޞްލަޙަތު ގެއްލި މުޖްތަމަޢުގައި ފިތުން އުފެދޭ ގޮތަށް ވަކިވަކި ފަރުދުން ފަތުވާތައް ނުދިނުމަށް އެބޭފުޅުންވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...