އަރަބިދުނިޔެ

މަދު ޢަދަދެއްގެ ޙައްޖާޖީންނާއި އެކު ޙައްޖުގެ އަޅުކަން ކުރިއަށް

Madhu Adhadhegge Hajjaajeenna Eku Hajjuge Alhukan Kuriah

މިއަހަރު، ސަޢުދީ ޢަރަބިއްޔާގެ ތެރޭގައި ތިބި، އެކިޤައުމުތަކުގެ މަދު ޢަދަދެއްގެ ޙައްޖާޖީންނާއިއެކު އިރާދަކުރެއްވިއްޔާ ޙައްޖުގެ އަޅުކަން ކުރިއަށްދާނޭ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން އިޢުލާން ކުރައްވައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖުން ނެރުއްވާފައިވާ ބަޔާނެއްގައިވާ ގޮތުން، އެބޭފުޅުން ނިންމަވާފައި މިވަނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ޢާލަމީ ވަބާއެއް ކަމަށްވާ ކޯވިޑް 19 ގެ ކޭސްތައް ގިނަވެ، މިބައްޔަށް ވެކްސިނެއް ހޯދިފައިނުވުމާއިއެކު، ގިނަ ޢަދަދެއްގެ ބަޔަކު އެކި ޤައުމުތަކުން އައިސްފިނަމަ ގައިދުރުކޮށްގެން ހައްޖުގެ އަޅުކަން އަދާކުރަން ދަތިވާނޭކަމަށް ބެލެވޭތީއެވެ. އަދި މިނިންމެވުން މިންމަވާފައިވަނީ އިސްލާމީ އަޞްކެއްކަމަށްވާ ނަފްސު ޙިމާޔަތް ކުރުމާއި އެއްގޮތްވެގެންވާ ގޮތުގެ މަތީންކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

"ސަޢުދީ ޢަރަބިއްޔާއިން އެއްމެ އިސްކަމެއްދެނީ މުސްލިމް ޙައްޖާޖީންނަށް ސަލާމަތާއި، ރައްކާތެރިކަމާއި އެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދިނުމަށް. އަދި މިޢާލަމީ ވަބާ ފެށުނީއްސުރެން، ސަޢުދީގައި ތިބި ޢުމްރާވެރިންގެ ރައްކާތެރިކަމަށް ސަމާލުވުމާއިއެކު، އިތުރު ޢުމްރާވެރިންނަށް މިޤައުމަށް އެރުން މަނާކުރުންފަދަ އެކަށޭނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެން މިދަނީ އަޅަމުން." މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިނިންމެވުމާއިމެދު ވާހަކަފުޅު ދައްކަވަމުން ސަޢޫދީ ޢަރަބިއްޔާގެ ހިއުމަންސް ރައިޓްސް ކޮމިޝަނުން ވިދާޅުވާ ގޮތުގައި ސަޢުދީ އަރަބިއްޔާއިން ޤަބޫލުކުރައްވާ ގޮތުގައި އެއްމެނަށް ޢާއްމުވެގެންވާ ޞިއްޙީ ދުޅަހެޔޮކަމުގެ ޙައްޤު ލިބެންޖެހޭކަމަށެވެ. އަދި ޙައްޖާޖީންގެ ޢަދަދު މަދު ކުރުމުން މިކަމުގެ ސަލާމަތްތެރިކަން ލިބިގެންދާނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާއަށް ނޫންކަމަށާއި، ގިނަ ޢަދަދެއްގެ ޙައްޖާޖީންނަށާއި، އެބައިމީހުންގެ މުޖްތަމަޢުތަކަށްވެސް މިކަމުގެ ސަބަބުން ރައްކާތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *