މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް 'ވަރުގަދަ' މުޒާހަރާއެއް ބާއްވައިފިއެވެ.
އަދާލަތު ޕާޓީއާއި ރާއްޖޭގެ އެތައް ޖަމިއްޔާއެއް ގުޅިގެން 'މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް' ބޭއްވުނު މިމުޒާހާރާއަކީ މިހާތަނަށް މިފަދަ ކަމެއްގައި އެންމެ ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅުކުރި މުޒާހަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ކުޑަބޮޑު ދިވެހިން ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކުރިއަށްދިޔަ މިމުޒާހަރާގައި ގާތްގަޑަކަށް 7000 މީހުން ބައިވެފައިވާކަމަށް ލަފާކުރެވެއެވެ.
އަސްރު ނަމާދަށްފަހު ސުނާމީ ބިނާ ކައިރީ އޮތް މިމުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ 'ބަނގުރާ ވިއްކުމާއި ދެކޮޅު' ޝިޔާރުތައް ދޭހަވާ ބޯޑުތައް ހިފައިގެންޖަމާވެފައެވެ. އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ އިސްލާމިކް މިނިސްޓްރީގެ އިސް ވެރިންނާއި އެ ޕާޓީގެ ދީނީ އިލްމުވެރިންގެ އިތުރުން ސިޔާސީ އެހެން ބައެއް ޕާޓީތަކުގެ ބައެއް ބޭފުޅުންނާއި ބަނގުރާ މައްސަލާގައި ދެކޮޅު ޖަމިއްޔާތަކުގެ އިސްވެރިންވެސް ވަނީ މުޒާހަރާގެ ކުރީސަފުގައި ބައިވެރިވެފައެވެ.
މުޒާހަރާ ފެށިގެން ދިޔައީ ޤުރުއާނުގެ ބަރަކާތުންނެވެ. އަދި ކިޔެވިދިޔަ އާޔަތްތަކުގެ މާނައަށްފަހު ޤައުމީ އިއްތިހާދުގެ ޑރ މުހައްމަދު ދީދީ ވާހަކަ ދެއްވިއެވެ. އެމްޑީޕީ ދީނީ އިލްމުވެރިންގެ މަޖިލިހުގެ ބޭފުޅެއްކަމުގައިވާ ބީއޭ ނަސީމުގެ އަސަރުން ފުރިގެންވާ ވާހަކަ ކޮޅަކަށްފަހު އަދާލަތު ޕާޓީގެ އަސަދުﷲ ޝާފީ ވާހަކަ ދެއްކެވިއެވެ. އައިޑީޕީގެ ފަރާތުން ބޭފުޅަކާއި ޕީއޭގެ ފަރާތުން ބޭފުޅެއްވެސް މިމުޒާހަރާގައިވަނީ ވާހަކަ ދައްކަވާފައެވެ. މުސްލިމުންގެ ގުޅުމުގެ ފަރާތުން އަހުމަދު ފަޒީލްގެ ވާހަކައަށްފަހު ޖަމިއްޔަތުއް ސަލަފްގެ ނައިބް ރައީސް ޝެއިހް މޫސާ ފިކުރީގެ އިތުރުން ޓުއަރިޒަމް އެސޯޝިއޭޝަންގެ ބޭފުޅެއްވެސް ވަނީ މުޒާހަރާގެ އޯޑިއަންސާއި މުހާތަބުކޮށް އެއްޗެއް ވިދާޅުވެފައެވެ. ޝެއިހް އަލީ ޒާހިރު އާއި އިސްލާމިކް އެފެއާރޒްގެ ސްޓޭޓް މިނިސްޓާރ ޝެއިހް ޝަހީމުގެ ވާހަކައަށްފަހު ޝެއިހް އިލްޔާސް ޖޯޝުން ފުރިގެންވާ ވާހަކަކޮޅުން މުޒާހަރާއަށް އެއްވެތިބި މީހުންގެ އަޑު ގަދަވެގެންދިޔައެވެ. މުޒާހަރާ ނިމިގެންދިޔައީ ހާއްސަ ދުޢާއަކުންނެވެ.
މުޒާހަރާއަށް ވަޑައިގެން ބައެއް ބޭފުޅުން ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި 'މިއަދުގެ ބޮޑު އެއްވުމުން ރައީސް ނަޝީދަށާއި މިސަރުކާރަށް ރަށްތަކުގައި ރާ ވިއްކުމަށް ދިވެހި ރައްޔިތުން ދެކޮޅުކަން އެނގެން ޖެހޭނެ'ކަމަށެވެ.
ޚިޔާލު