ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (12 ވަނަ ބައި)

މާތް الله ވަޙީ ކުރައްވައިފައިވަނީ

﴿حَتَّىٰ إِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ قُلْنَا احْمِلْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ وَمَنْ آمَنَ وَمَا آمَنَ مَعَهُ إِلَّا قَلِيلٌ ﴾ ތިމަންރަސްކަލާނގެ أمر ފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ أهل ވެރިންނާއި، إيمان ވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ."

އަހުލު ކިތާބީންގެ ފޮތުގައި ބަޔާން ކޮށްފައިވަނީ މާތް الله ވަޙީ ކުރައްވައިފައިވަނީ ކެވޭ ކޮންމެ އެއްޗަކުން، ހަތް ޖޯޑު ނަވަށް ލެއްވުމަށެވެ. ނުކެވޭ ބާވަތްތަކުން ކޮންމެ ވައްތަރަކުން އަންހެން އެއްޗަކާއި ފިރިހެން އެއްޗެއް ލެއްވުމަށެވެ. އިބުނު ޢައްބާސް ވިދާޅުވެފައިވަނީ ދޫނި ސޫފާސޫފީގެ ތެރެއިން އެންމެ ފުރަތަމަ ނަވަށް އެރީ الدُّرة ނުވަތަ ގުރާ ކަމަށެވެ. އެންމެ ފަހުން ނަވަށް އެރީ ޙިމާރުކަމަށެވެ. އިބިލީސް ނަވަށް އެރީ ޙިމާރުގެ ނިގުލުގައި އެލިގަނެގެން އޮވެއެވެ."

ابن أبي حاتم ވިދާޅުވެފައިވެއެވެ. عبد الله بن صالح ވިދާޅުވިއެވެ. الليث ތިމަންނާއަށް ކިޔައި ދެއްވިއެވެ. ތިމަންނާ އަށް هشام بن سعد ކިޔައި ދެއްވިއެވެ. زيد بن أسلم އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާ ކުރައްވައިފައިއެވެ. »لَمَّا حَمَلَ نُوْحٌ فِيْ السَّفِيْنَةِ مِنْ كُلٍّ زَوْجَيْنِ اثْنَّيْنِ، قَالَ أَصْحَابُهُ:وَكَيْفَ يَطْمَئِنُ أَوْ:تَطْمَئِنُ - الْمَوَاشِي وَمَعَهَا الأَسَدٌ؟ فَسَلَّطَ اللهُ عَلَيْهِ الْحُمَى، فَكَانَتُ أَوَّلُ حُمَّى نـَزَلَتِ الْأَرْضِ، ثُمَّ شَكُوا الفَأُرَةَ فَقَالُوا:الفُوَيْسِقَةٌ تُفُسِدُ عَلَيْنَا طَعَامَنَا وَمَتَاعِنَا. فَأَوْحَى الله إِلَى الأَسَدٍ، فَعَطَسَ، فَخَرَجَتِ الْهِّرَةُ مِنْهُ، فَتَخَبَّأَتِ الْفَأُرَةُ مِنْهَا «މާނައީ:"ނޫޙުގެފާނު ނާކޮޅަށް ކޮންމެ (ދޫނި ސޫފާސޫފިއާއި ޖަނަވާރުތަކުން) ވައްތަރަކުން އެއްޗެއް ލެއްވުން އެކަލޭގެފާނުގެ އަޞްޙާބުން ދެންނެވިއެވެ. ސިންގާ އެއް އަޅުގަނޑުމެންގެ ބަކަރިތަކާއެކު ވަނިކޮށް އަޅުގަނޑުމެންނަށް (ނުވަތަ ކަލޭގެފާނަށް) ހިތްހަމަޖެހުން ލިބޭނީ ކިހިނަކުންތޯއެވެ؟ އެހިނދު ހޫނު ވަނެއް ފޮނުއްވިއެވެ. އެއީ އެންމެ ފުރަތަމަ ބިމަށް ފޮނުވުނު ހޫނުވައެވެ. އެއަށްފަހު އެމީހުން ޝަކުވާ ކުރީ މިދަލާ މެދުގައެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. މީދާ އަޅުގަނޑުމެންގެ ކާބޯތަކެތި ފާސިދުކޮށް ހިފާގެންގުޅޭ އެއްޗެތި ހަލާކު ކުރާނެއެވެ. މާތް الله ސިންގާއަށް ކިނބިއްސެއް އެޅުމަށް އަމުރު ކުރެއްވިއެވެ. ސިންގާ ކިނބިއްސެއްއެޅުމުން އެ ސޮރުގެ އަނގައިން ބުޅާ ނިކުތެވެ. ބުޅާ ފެނުމުން މީދާ ފިލިއެވެ."

މާތް الله ވަޙީ ކުރައްވައިފައިވާ ﴿وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ﴾ "އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި" މާނައަކީ ދައްވަތަށް އިޖާބަދިން މީހުން ފިޔަވައެވެ. ކާފިރުންގެ މައްޗަށް ޢަޒާބު ތަންފީޛުވާ ހުއްޓެވެ. އެމީހުންގެ ތެރޭގައި ނޫޙުގެފާނުގެ ދަރިކަލުން "يَامُ" ވެސް ހިމެނެއެވެ. "يَامُ" ހިމެނިގެން ދިޔައީ ޣަރަޤުވީ މީހުންގެ ތެރެއިންނެވެ. އެ ވާހަކަ އަދި ފަހުން އަންނަހުއްޓެވެ. ﴿ وَمَنْ آمَنَ﴾ "إيمان ވެގެންތިބި މީހުން" މާނައަކީ ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ކަލޭގެފާނަށް އީމާންވީ މީހުން ނަވަށް ލައްވާށެވެ. މާތް الله ވަޙީ ކުރައްވައިފައިވަނީ ﴿وَمَا آمَنَ مَعَهُ إِلَّا قَلِيلٌ﴾ "މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ." އެމީހުންގެ ތެރޭގައި ހުންނަވައިގެން ރެ އާއި ދުވާލު ހޭދަކުރައްވައިގެން ދީނަށް ގޮވާލެއްވިއިރުވެސް އީމާންވީ މަދުބައެކެވެ.

އިބުނު ޢައްބާސު ވިދާޅުވެފައިވަނީ ނޫޙުގެފާނަށް އީމާންވީ އެޤައުމުގެ މީހުންގެ ތެރެއިން އަށްޑިހަ މީހުންނެވެ." މިއީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތުގައެވެ. ކަޢްބުލް އަހްބާރު ވިދާޅުވެފައިވަނީ ނޫޙުގެފާނަށް އީމާންވީ ހަތްދިހަ ދެމީހުން ކަމުގައެވެ. އަދި ބައެއް ރިވާޔަތްތަކުގައި އެމީހުންގެ ޢަދަދަކީ ވިހިކަމަށް ބަޔާން ކުރައްވައިފައިވެއެވެ.

އަނެއްބައި ރިވާޔަތުގައި ވަނީ އީމާންވީ ހަމައެކަނި ނޫޙުގެފާނުގެ އިތުރުން އެކަލޭފާނުގެ ތިންދަރިކަލުންނާއި އެކަލޭގެފާނުގެ ދަރިކަލުން "يام" ގެ ފަރާތުން ލިބިވަޑއިގެންފައިވާ ނޫޙުގެފާނަށް ކާފަވިދާޅުވާ ހަތަރު ބޭފުޅުންނެވެ. އަނެއްބައި ރިވާޔަތުގައި ވަނީ އީމާންވީ ހަމައެކަނި ހަތް މީހުން ކަމަށެވެ.
ނޫޙުގެފާނުގެ އަނބިކަނބަލުންނަކީ والهة ނުވަތަ واغلة އެވެ. ބޭފުޅުންނަކީ حام، سام، يافث، يام، އެވެ. يام އަށް އަހުލުކިތާބީން ނަންދީފައިވަނީ كنعان ގެ ނަމުންނެވެ. ޣަރަޤުވީ މީހުންގެ ތެރޭގައި ހިމެނިފައިވަނީ މިދަރިކަލުންނެވެ. އަދި ދަރިކަނބަލުން عابر އެވެ. މިދަރިކަނބަލުން ޠޫފާނުގެ ކުރިން އަވަހާރަ ވެފައިވާކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ. އަދި އަނެއްބައި ރިވާޔަތުގައިވަނީ ޣަރަޤުވީ މީހުންނާއެކު ޣަރަޤުވީކަމަށެވެ. (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *